ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ކުރީގެ ބޮޑު ވަޒީރު އަޓަލް އިއުލާާން ކުރައްވައިފި
އުމުރުން 37 އަހަރުގެ އަޓަލް ވިދާޅުވީ، ފްރާންސް އާއި ފްރާންސްގެ ރައްޔިތުން ދެކެ އިންތިހާ އަށް ލޯބިވާތީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމެވީ ކަމަށް. އަޓަލް ވިދާޅުވީ، އޭނާގެ ކެމްޕެއިން ފޯކަސް ކުރައްވާނީ ފްރާންސްގެ އެންމެ ރަނގަޅު ދުވަސްތައް އަދި އަންނާނެ ކަމުގެ އުންމީދާ އެކު ކުރިއަށް ދިޔުމަށް ކަމަށް.


ފްރާންސްގެ ކުރީގެ ބޮޑު ވަޒީރު ގެބްރިއެލް އަޓަލް. | ގެޓީ އިމޭޖަސް
ފްރާންސްގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ގެބްރިއެލް އަޓަލް އިއުލާން ކުރައްވައިފި އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ޕާޓީ، ރެނެސާސްންގެ ލީޑަރު އަޓަލް މިކަން އިއުލާން ކުރެއްވީ ހުކުރު ދުވަހު އެވެ. އޭނާ އެކަން އިއުލާން ކުރެއްވީ ފްރާންސްގެ ދެކުނުގައި އޮންނަ ކުޑަ ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އުމުރުން 37 އަހަރުގެ އަޓަލް ވިދާޅުވީ، ފްރާންސް އާއި ފްރާންސްގެ ރައްޔިތުން ދެކެ އިންތިހާ އަށް ލޯބަވާތީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމެވީ ކަމަށެވެ. އަޓަލް ވިދާޅުވީ، އޭނާގެ ކެމްޕެއިން ފޯކަސް ކުރައްވާނީ ފްރާންސްގެ އެންމެ ރަނގަޅު ދުވަސްތައް އަދި އަންނާނެ ކަމުގެ އުންމީދާ އެކު ކުރިއަށް ދިޔުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އަޓަލް އިއުލާން ކުރައްވާފައިވާއިރު، އޭނާ ވާދަ ކުރައްވަން ޖެހޭނީ ވަރުގަދަ ކެންޑިޑޭޓުންނާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު އެޑުއާޑް ފިލިޕް، ކޮންސަވޭޓިވް ލީޑަރު ބްރޫނޯ ރެޓައިލޯ އަދި ކުރީގެ ރައީސް ފްރާންސްވާ އޮލޮންދު ހިމެނި ވަޑައިގަންނަވަ އެވެ.
މިހާރުގެ ސާވޭ ތަކުން ދައްކާ ގޮތުގައި އެންމެ މަޤުބޫލުކޮށް އުޅުއްވަނީ ފިލިޕް އެވެ. ފަރ ރައިޓް ނޭޝަނަލް ރެލީ އިން ކެންޑިޑޭޓަކު ހޮވާނީ ލެ ޕެންގެ ޚިޔާނާތުގެ ދައުވާގައި އިސްތިއުނާފުގެ ހުކުމް ކޯޓުން ކުރުމަށް ފަހު އެވެ. ޖުލައި މަހުގެ ހަތް ވަނަ ދުވަހ ކޯޓުން ޙުކުމް ކުރުމަށް ތާވަލު ކޮށްފައިވާއިރު، ލެ ޕެން އިންތިޚާބުގައި ވާދަ ކުރުން މަނާ ކޮށްފި ނަމަ އެ ޕާޓީގެ ރައީސް ޖޯޑަން ބާޑެލާ އިންތިޚާބުގައި ވާދަ ކުރައްވާނެ އެވެ.
އަޓަލް ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްރާންސްގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އަޓަލް އަކީ ފްރާންސްގެ ތާރީޚުގައި ވެސް އެންމެ ޒުވާން ބޮޑު ވަޒީރެވެ. ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވިއިރު، މެކްރޮން އާއި އަޓަލްއާ ދެމެދު ގުޅުން ގޯސްވި އެވެ. އެއީ ބައެއް ކަންކަމުގައި މެކްރޮން އަޓަލްގެ މަޝްވަރާ ނުހޯއްދަވާ ކަންކަން ކުރައްވާތީ އެވެ.
އަޓަލް ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން ވެސް، މެކްރޮން ވަނީ ތިން ބޮޑު ވަޒީރުން އައްޔަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މިޝެލް ބާނިއޭ އެވެ. ތިން މަސް ފަހުން ބާނިއޭ ވެސް އިސްތިއުފާ ދެއްވިއިރު، ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ފްރާންސުއާ ބެއިރޫ އެވެ. ނަމަވެސް އަހަރު ދުވަސް ނުވަނީ ވެސް ބެއިރޫ ވެސް އިސްތިއުފާ ދެއްވިއިރު، ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ މިހާރުގެ ބޮޑު ވަޒީރު ސެބަސްޓިއަން ލެކޯނޫ އެވެ. މަގާމާ ހަވާލުވިތާ 27 ދުވަސް ތެރޭ ލެކޯނޫ ވެސް އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް މެކްރޮން ވަނީ އޭނާ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
މަސްދަރު: ޕޮލިޓިކޯ





