ބައި ކޮޅަށް ވަން ލަނޑާ އެކު އަލް ހިލާލްއާ އެއްވަރުވެ، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އަލް ނަޞްރަށް އިތުރު އިންތިޒާރެއް
ލީގުގައި ޑަމަކްއާ ދެކޮޅަށް ކުޅޭ މެޗުން އަލް ނަޞްރަށް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އަލް ނަޞްރަށް ބޭނުން ވަނީ އެންމެ ޕޮއިންޓެއް. އޭގެ ކުރިން ލީގުގައި އަލް ހިލާާލް އިން ނިއޯމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ނުވެއްޖެ ނަމަ ވެސް، އަލް ނަޞްރަށް ލީގު ޗެމްޕިއަންކަން ލިބޭނެ.


އަލް ޙިލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. | ރޮއިޓާސް
ސައުދީ ޕްރޯ ލީގުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އަލް ނަޞްރަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި އަލް ނަޞްރުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އަލް ހިލާލް އިން ވަނީ ފަހު ވަގުތު ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗުން މޮޅުވެ، ލީގު ޗެމްޕިއަންކަން ކަށަަވަރު ކުރުމުގެ ފުރުސަތު އަލް ނަޞްރަށް އޮތެވެ.
މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އަލް ނަޞްރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ސިމަކަން އެވެ. އޭގެ ފަހުން ލީޑު ފުޅާ ކުރާނެ ފުރުސަތު އަލް ނަޞްރަށް ލިބުނު ނަމަވެސް، ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. އަލް ހިލާލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަވީ އަލް ނަޞްރުގެ ބެންޓޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.
އަލް ހިލާލްއާ އެއްވަރުވުމުން، ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އަލް ނަޞްރަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެގޮތުން ލީގުގައި ޑަމަކްއާ ދެކޮޅަށް ކުޅޭ މެޗުން އަލް ނަޞްރަށް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އަލް ނަޞްރަށް ބޭނުން ވަނީ އެންމެ ޕޮއިންޓެވެ. އޭގެ ކުރިން ލީގުގައި އަލް ޙިލާާލް އިން ނިއޯމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ނުވެއްޖެ ނަމަ ވެސް، އަލް ނަޞްރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
ލީގު ތާވަލްގެ އެއް ވަަނައިގައި އަލް ނަޞްރު އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 33 މެޗުން 83 ޕޮއިންޓާ އެކު އެވެ. އަލް ނަޞްރަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި އަލް ހިލާލް އަށް ލިބެނީ 78 ޕޮއިންޓެވެ.







