ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން
އާސެނަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އާސެނަލް އަކީ މެޗަކުން ބަލި ނުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް ގޮސްފައިވާ ޓީމު ކަމަށް. އަދި މިހާތަނަށް ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތް ޓީމަކީ ވެސް އާސެނަލް ކަމަށާއި، ސިޓީ އިން ވާދަ ކުރަން ޖެހެނީ އެ ޓީމާ ކަމަށް ގާޑިއޯލާ ބުނި.


މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ. | ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އޮތީ ލީގު ރޭހުގައި ކަމަށާއި، ސިޓީ އިން ވާދަ ކުރަން ޖެހޭ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ މިހެން ބުނީ ލީގުގައި ސިޓީގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަަކަ ދައްކަމުންނެވެ. އެގޮތުން ގާޑިއޯލާ ވަނީ، ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތް އާސެނަލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ބުނެދީފަ އެވެ.
އާސެނަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އާސެނަލް އަކީ މެޗަކުން ބަލި ނުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް ގޮސްފައިވާ ޓީމު ކަމަށެވެ. އަދި މިހާތަނަށް ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތް ޓީމަކީ ވެސް އާސެނަލް ކަމަށާއި، ސިޓީ އިން ވާދަ ކުރަން ޖެހެނީ އެ ޓީމާ ކަމަށް ގާޑިއޯލާ ބުންޏެވެ.
ބްރެންޓްފޯޑް ބަލި ކުރުމަށް ފަހު ގާޑިއޯލާ ބުނީ، ލީގު ރޭސް އޮތީ ސިޓީގެ އަތް މަތީގައި ނޫން ކަމަށެވެ. އެކަން ބިނާވެފައި އޮތީ އާސެނަލް އިން މުހިންމު ޕޮއިންޓެއް ގެއްލުވާލުމާ ކަމަށް ގާޑިއޯލާ ބުންޏެވެ. އެހެން ނަމަވެސް، މިހާރު އޮތް ވާދަވެރި ކަމަކީ ވަރަށް ގަޔާވާ ކަމެއް ކަމަށާއި، އެކަހަލަ ވާދަވެރި ކަމުގެ ތެރެއިން ކުރި ހޯދަން އަަބަދު ވެސް ބޭނުންވާ ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް އެންމެ މުހިންމު ވަގުތު ކޮޅު ކަމަށެވެ.
ކުރިއަށް އޮތް މެޗުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީ އަށް ދެން އޮތީ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލި ކުރުން ކަމަށެވެ. އަދި އެއަށް ފަހު، އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅުމަށް ފަހު، ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ނިކުންނަން ޖެހޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެންމެ ފަހުން މެޗަކަށް ރަށުން ބޭރުގައި އެސްޓަަން ވިލާއާ ދެކޮަޅަށް ނިކުންނަން ޖެހޭއިރު، އެއީ އެންމެ ރަނގަޅު މެޗު ނޫން ކަމަށް ވެސް ގާޑިއޯލާ ފާހަގަ ކުރި އެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ ދެން އޮތީ އެންމެ ދެ ހަފުތާ ކަމަށާއި، އެހިސާބުން ސީޒަން ނިމުމަކަށް އަންނާނެ ކަމަށެވެ. ސިޓީ އާއެކު ލީގު ކާމިޔާބު ކުރަން ބޭނުންވެފައި ގާޑިއޯލާ ހުރިއިރު، އޭނާ ބުނީ މިއީ ސިޓީ އަށް އުނދަގޫ ސީޒަނެއް ކަމަށެވެ. ނަމަވެސް، ބަހަނާ ދެއްކުން ކުރިއަށް ނެރުމުގެ ބަދަލުގައި، އަބަދު ވެސް ބޭނުން ވަނީ މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.





