ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް
ސަރުކާރު ހިންގަން ނޭނގޭ ކަމަށާއި، ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި. އާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށާއި، ނިމިދިޔަ ލޯކަލް ކައުންސިލް ބައި-އިލެކްޝަންތަކުން ރައްޔިތުން ވަނީ ސަރުކާރަށް ވޯޓުން ޖަވާބު ދީފައި ކަމަށް.


މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ކެމްޕޭން ހަރަކާތެއްގެ ތެރެއިން ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެކަމަށް މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ޤަބޫލު ކުރެވޭ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ވިސްނުން އޮތީ އެހެނެއް ނޫންކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިއަދު ވެރިކަން ކުރާ ޕާޓީއަށް ސަރުކާރު ހިންގާކަށް ނޭނގޭ ކަމަށެވެ. އެގޮތުން ވެރިކަން ކުރުމަށްޓަކައި ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދޭން ޖެހޭނެކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެކަމަށް މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ ވިސްނުން އޮތީ އެހެނެއް ނޫންކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންނަށް ފައިސާތަކެއް ދީގެން އެ ރައްޔިތުން ގަނެވިދާނެ ކަމަށް ސަރުކާރަށް ޤަބޫލު ކުރެވުނުނަމަވެސް، ދިވެހި ރައްޔިތުންނަކީ ތަނެއްގައި ވިއްކަން ޖަހާފައި ތިބި ބައެއް ނޫން ކަމަށެވެ.
މިބޭފުޅުންނަށް ހީވަނީ ފައިސާއާއި ނުފޫޒާއި، ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެއޭ، ނަމަވެސް އެގޮތަކަށް ނޫން މި ޤައުމު އޮތީ، ރައްޔިތުންނަކީ "ފޯރ ސޭލް" ތިބި ބައެއް ނޫން، މި މީހުން ހީކުރަނީ ކޮންމެ ރައްޔިތެއްވެސް ގަނެވިދާނެއޭ، މި ޤައުމުގެ އެންމެ ރައްޔިތެއްވެސް އެމީހުންނަކަށް ނުގަނެވޭނެ، އެމީހުން ހީކުރީ ދިވެހި ރައްޔިތުންނަކީ އެހާ "ޗީޕް ބައެއް" ކަމަށް.މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ހިނގަމުންދާ ސަރުކާރަށް ވޯޓުން ޖަވާބު ދީފައިވާ ކަމަށާއި، ދިވެހި ރައްޔިތުންނަށްވެސް ޑިމޮކްރަސީ ހިނގާ ގޮތް ސާފުވާ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުގެ ރައީސް ވެރިކަމަށް ވަޑައިގެންނެވީވެސް ބޮޑުތަނުން ރައްޔިތުންނަށް ކަންކަން އޮޅުވާލައްވައިގެން ކަމަށެވެ.
އާޒިމް ވަނީ މިހާރު ތިބި އެމްޑީޕީގެ 5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިންތިޚާބަކަށް އަލުން ކުރިމަތިލާން ވާނީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދިނުމަށް ފަހުގައި ކަމަށާއި މާލޭގެ މޭޔަރ ކަމަށް ދެ ވަނަ ފަހަރަށް ވާދަކުރެއްވީ އޭނާ އަށް ޚިދުމަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީ އަށް ރައްޔިތުން ދިން ފުރިހަމަ އަޣުލަބިއްތަށް ބަލާލުމުން ރައްޔިތުން އޭނާގެ މަސައްކަތް ބަލައިގަތްކަން ހާމަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.






