ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން
ކޯޓު އަމުރަކާ ޚިލާފުވެގެން އުޅުނު މުހައްމަދު ސަމާހު ހުއްޓުވަން އުޅުމުގެ ތެރޭގައި، 2012 ވަނަ އަހަރު ސަރޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ އަލުން ބެލުމަށްފަހު، ސަމާހު މަރަން ކްރިމިނަލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި. ސުޕްރީމް ކޯޓުގެ އަމުރަށް މި މައްސަލަ އަލުން ބެލިއިރު، ސަރޖަންޓް އާދަމް ހަލީމްގެ ހުރިހާ ވާރިސުންވެސް ބޭނުންވީ ގިސާސް ހިފުމަށް. ފުލުހުންގެ ޚިދުމަތުގައި ހުއްޓާ މަރާލި ސަރޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް "ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަކުރޭ


ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން، މައްސަލަ ސާބިތުވެ މަރަން ހުކުމްކޮށްފައިވާ މުހައްމަދު ސަމާހު | ރާއްޖެއެމްވީ
ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި ސަރޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ މަރަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
މިއީ މި މައްސަލައިގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވި ދެވަނަ ފަހަރެވެ.
މި މައްސަލައަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ، އާދަމް ހަލީމް ޑިއުޓީ އަށް ދަނިކޮށް މަގުމަތިން ސަމާހު ފެނިގެން އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާ އެކެވެ. އެ ވަގުތު ސަމާހު ހުރީ ކޯޓު އަމުރެއްގެ ދަށުން ގޭބަންދުކޮށްފަ އެވެ. ނަމަވެސް އަމުރާ ހިލާފަށް ބޭރުގައި އުޅެނިކޮށްސަރޖަންޓް އާދަމް ހަލީމް އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން މަސައްކަތް ކުރުމުން، ސަމާހު ވަނީ ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ވަނީ ސަމާހު މަރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް އިއްވިތާ 12 އަހަރު ފަހުން، 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ، ކުށަށް އެއްބަސްވި ނަމަވެސް އެ އެއްބަސްވުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރެވިފައިވާ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވެފައިވަނީ، ސަމާހު ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް، އެއީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ އަމަލުކުރެއްވި އުސޫލުތަކަށް ރިއާޔަތްކޮށް، އެކަންކަން އިތުރަށް ސާފުކުރުމަށް ސުޕްރީމް ކޯޓުން އެންގި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބަލައި، ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަކީ އާދަމް ހަލީމްގެ ވާރިސުންގެ ބަސް ހޯދުމަށް ބޭއްވި މަޖިލީހެކެވެ. މި މަޖިލީހުގައި އާދަމް ހަލީމްގެ ހުރިހާ ވާރިސުން ވެސް ވަނީ ސަމާހުގެ ކިބައިން ގިސާސް ހިފުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ވާރިސުންގެ ބަހަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު ސަމާހު މަރަން ދެވަނަ ފަހަރަށް ހުކުމްކޮށްފަ އެވެ.
މި ހާދިސާއަކީ ދިވެހި ފުލުހުންގެ ތާރީޚުގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއަކަށް ވާއިރު، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ" އަކީ ވެސް ސަރޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ފާހަގަކުރަން ފެށި ދުވަހެކެވެ.







