19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު
ރާއްޖޭގައި 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުމަށް 14 މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަކޮށް، ފުޅާދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދިންކަން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ފާހަގަކުރެއްވި. ނަމަވެސް، މިހާރު އަނެއްކާ ވެސް އާންމު ވޯޓަކަށް ތައްޔާރުވަމުންދާއިރު އެފަދަ މަސައްކަތްތަކެއް ނުފެންނާތީ، މީގެ 19 އަހަރު ކުރިން ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާކަމަށް އޭނާ ވިދާޅުވި.


ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ދިވެހިރާއްޖޭގައި 19 އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، މީގެ 19 އަހަރު ކުރިން ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާކަން މިހާރު ފެންނަ މަންޒަރުތަކުން އެނގޭ ކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަހުމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 18 ޖޫން 2006 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފައިވާ ކަމުގަ އެވެ.
އެ ނިންމުމާ ގުޅިގެން، ހާއްސަ މަޖިލީހުގެ އޭރުގެ ރައީސް އައްބާސް އިބްރާހީމް 21 ޖޫން 2006 ގައި ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ އެއް ފޮނުއްވައި، އެކަން އަމަލީގޮތުން ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ، ވޯޓަށް އަހާ ވެރިކަމުގެ ނިޒާމުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައިދިނުމަށް ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭގެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ވިލަރެސްކުރި ހާއްސަ މަޖިލީހުގެ ކޮމިޓީއަކުން އިސްވެ އޮވެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ބޮޑު މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ އެވެ. ނިޒާމީ ވޯޓު ނެގުމާ ހަމައަށް ދިޔައީ 18 އޮގަސްޓް 2007 ގައެވެ. އެއީ ހާއްސަ މަޖިލީހުން އެކަން ފާސްކުރިތާ 14 މަސް ދުވަހުގެ ދިގު މުއްދަތެއް ފަހުން ކަމުގަ އެވެ.
އެ ދުވަސްވަރު ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ހާއްސަ ފޮތްތަކާއި، ލީފްލެޓް އަދި ޕޯސްޓަރުތައް މުޅި ރާއްޖޭގައި ބަހާފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް، ދެ ފަރާތުގެ ހުއްޖަތްތައް ހާމަކަމާއެކު ބަޔާންކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އޭރު އޮތްކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
މީގެ 19 އަހަރު ކުރީގެ ހާލަތާއި މިހާރުގެ ހާލަތު އަޅާކިޔުއްވަމުން ކުރީގެ ޕީޖީ ވިދާޅުވީ، މިއަދު އަނެއްކާ ވެސް އާންމު ވޯޓަކަށް ތައްޔާރުވަމުންދާއިރު އަމަލުކުރެވެމުންދަނީ އެގޮތަށްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، މީގެ 19 އަހަރު ކުރިން ދިވެހިން މާބޮޑަށް ތަސައްރަފު ފުދޭ ނޫންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.







