އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.
ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު ނެގުމަށް ސަރުކާރުން ދަނީ ލައްކަ މަސައްކަތެއް ކުރަމުންނެވެ. ސަރުކާރުގެ ކުންފުނިތަކުން އެތައް ފައިސާއެއް ހަރަދުކޮށް ބޭކާރު މުވައްޒަފުން ދަނީ އިތުރު ކުރަމުން. އެތައް އެތައް މަޝްރޫއެއް އެދަނީ ފަށަމުން. އިންތިޚާބުތައް ގިނަވުމުން ރައްޔިތުންނަށް ވާ ފައިދާތައް ހާމަޔަށް އެދަނީ ފެންނަމުން.


ރައީސް މުޢިއްޒު ވިދާޅުވީ ފީއަލީ ފެނަކަ އަށް މި ސަރުކާރުން ނެގީ 10 މުވައްޒަފުން ކަމަށް، އެކަމަކު މިހާތަނަށް 39 މުވައްޒަފުން ނަގައިފި | ރާއްޖެ އެމްވީ
ދެއިންތިޚާބު އެއްކޮށްލަން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ސަރުކާރާއި ޕީއެންސީން ބުނަމުންދާ އެއް ވާހަކައަކީ ހަމަނުޖެހުން ކުޑަކުރުމެވެ. އިންތިޚާބާ ގުޅިގެން ދޭދޭ މީހުންގެ މެދުގައި އަރައިރުން އުފެދި ހަމަނުޖެހުން ހިނގައި ގައުމުގެ މަސަލަހަތު ގެއްލިދާނެތީއެވެ.
އިންތިޚާބު މިހާރު މިވަނީ އަތްދަމާލީމާ އަތްފޯރާ ފަށުގައެވެ. މައި ދެޕާޓީގެ ކެންޕެއިން، ފޯރިއާއެކު ކުރިއަށްދަނީއެވެ. ދިދަ ދެމުމާއި ފޮޓޯ ޖެހުމާއި ކުރާނޭ ކަންކަމުގެ ވައުދުތައް އިންތިހާއަށް ވަމުންދަނީއެވެ. ހަމަ ވަރަށް ވާދަވެރިކަމާއެކުއެވެ. އެކަމަކު މިހާތަނަށް އައިރު އަދި އެފަދަ ވާހަކައެއް ނުއިވެއެވެ. ދެފިކުރެއްގެ ބަޔަކު ސައިމޭޒެއްގެ ދޮށުގައި ވެސް އަރައިރުންވެ ކަރުމާރު ހިފިއަޑެއް ނީވެއެވެ. ގަޔަށް އަތްލާ މާރާމާރީ ހިނގައިގެން އުޅޭތީ ފުލުހުން ގޮސް ހުއްޓުވި ކަމުގެ ޚަބަރެއް ނާރައެވެ. އަމުދުން ބައެއްގެ މެދުގައި މަސްލަހަތު ގެއްލި ހަމަނުޖެހުމެއް ހިނގި ކަމުގެ ޚަބަރެއް ވެސް އަދި އެފަދަ ވާހަކައެއް ވެސް އަމުދަކުން ނުއިވެއެވެ.
އެކަމަކު އިންތިޚާބާ ގުޅިގެން ހިނގާ އެހެން ވާހަކަތަކެއްގެ އަޑު، ފަތުއަޑު ކިޔާފައި އިވެމުން އެބަދައެވެ. ސަރުކާރުން ޔާ ހަބޭހަށް ވަޒީފާތައް ބަހާ ވާހަކައެވެ. އެވަޒީފާތައް ދޭ މީހުންގެ ތެރޭގައި ހައްދަވައިގެން ކަމެއް ނުކޮށް ހަމަ އެކަނި މުސާރަ ނަގަން ޖެހޭ މީހުން ހިމެނޭ ވާހަކައެވެ. މެނޭޖަރުން ބަލަހައްޓަން އެތައް މެނޭޖަރެއް ލާ ވާހަކަ އާއި އެމެނޭޖަރުންގެ މައްޗަށްވެސް އަދި އެތައް ބަޔަކު ލާވާހަކައެވެ. އެމީހުންގެ ތެރޭގައި ހަމަޔަށް ލިޔަން ކިޔަން ނޭނގޭހާ މީހުންވެސް ހިމެނޭ ކަމަށާއި، އެތައް އަހަރެންވަންދެން ފީލްޑްގައި މަސައްކަތްކޮށް އިލްމާއި ތަޖްރިބާ ލިބިފައި ތިބި މީހުންނަށް ބަސްކިޔައި އަމުރު މައުރޫފް ހިންގަން އެމީހުން ލާތީ އެވާހަކަ ދެކެވެއެވެ. ކިޔަވައިގެން މޮޅެތި ފާސްތައް ނަގައިގެންތިބި މީހަކު އެފަދަ ވަޒީފާއެއްގައި ލައްވާ ނުލާތީ އެ ކަންބޮޑުވުމުގެ ވާހަކަ ދެކެވެއެވެ. އަދި ތަނުގައި ރަނގަޅަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރެއިން ސަރުކާރަށް ތާއީދު ނުކުރާ މީހުންގެ ވަޒީފާ ގެއްލުމާއި ބައެއް މީހުން މާ ދުރު ހިސާބުތަކަށް ވަޒީފާ ބަދަލުވާން ޖެހޭތީ އެ އުދާސްތަކުގެ ވާހަކަ އަޑުއިވެއެވެ. މިއީ އެބުނާ ހަމަނުޖެހުމާއި ގުޅުންތައް ގޯސްވުން ކަމުގައިވާނަމަ ސަރުކާރުން އެދައްކާ ކަންކަން ބޮޑުތަނުން ކުރަމުން އެދަނީ އެވެރިންނެވެ.
ދެވަނަ ހުއްޖަތެއްގެ ގޮތުގައި ދައްކަމުން ދިޔައީ ޚަރަދު ކުޑަކުރުމެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށްލީމާ ސަލާމަތް ވަނީ އާބާދީގެ ނިސްބަތުން ބޮލަކަށް އެންމެ ފަސްލާރި ކަމަށް އިގްތިސޯދީ މާހިރުން ހިސާބު އަކުރުން ހެކި ދެއްކީމާ މިހާރު އެވާހަކަ އޮބިއްޖެއެވެ. އެއަށްވުރެ ބޮޑަށް ހާމަވީ ސަރުކާރުން ކުރާ އިސްރާފެވެ. ކުރާ މަސައްކަތެއް ނެތި ހިންގުމުގެ ޚަރަދަށް ކުރާ ބޮޑު ހޭދައެވެ. މުސާރައަށް 27 މިލިއަނުން ޚަރަދުވި ކުންފުނިތަކަށް 40 މިލިއަނުން މައްޗަށް އެރީއެވެ. އެމްބަސީތަކާއި ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރު ކުރީއެވެ. ބިންގާ މަތީ ބިންގާ އެޅުން ފަދަ އެތައް މަޝްރޫއުއަކުން ޚަރަދު އެތައް ގުނައަކުން ބޮޑުވީއެވެ. އެހެންކަމުން ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދަު ކުޑަވާނެ ކަމަށް ދައްކާ ވާހަކަތައް މިހާރުވަނީ ދެއްކުން ހުއްޓާލާފައެވެ. އެއަށްވުރެ ބޮޑަށް ބޮޑުވެގެންދާތަން ފެންނަނީ އިންތިޚާބާ ދިމާކޮށް ސަރުކާރު ހިންގާ ޕާޓީއަށް ޚަރަދު ބޮޑުވާތަނެވެ. ލީކުވާ ޗެޓް ލޮގްތަކާއި ކެންޕެއިންގައި އުޅޭ މީހުން، މީހުން ގާތު ދައްކަމުންދާ ވާހަކަތަކުން ބޭރުތެރެއަށް އިވޭ ގޮތުންނަމަ މި އިންތިޚާބަށް ހަރަދުކުރަނީ ލައްކަ ލައްކައަކުން ނޫނެވެ. މިލިއަން މިލިއަނުންނެވެ. މާލެ އާއި ހުޅުމާލޭގައި ހުރި މޫސާ ޖަލީލުގެ ފޮޓޯތަކަށް އެކަނި ބެލި ނަމަވެސް އޭގެން މިންވަރެއް ސާފުވެއެވެ.
ނިންމާލާނަމެވެ. ހަމަ އެންމެ ކަމެއް ފާހަގަ ކޮށްލާފައެވެ. އިންތިޚާބުތައް ގިނަވުމުން ރައްޔިތުންނަށް ލިބޭނީ ފައިދާއޭ ބުނާތީ އަޑުއަހަމެވެ. އެއްބަޔަކު އެ ވަކާލާތު ކުރަނީ އެކަމަށެވެ. އެއަށް ބާރުދެނީ ވެސް އަދުގެ ސަރުކާރުން އެކުރާ ކަންކަމުންނެވެ. އެއީ ތެދެއްކަން ހާމަވަނީ އެވެރިން ދައްކައިދޭ ހެކިތަކުންނެވެ. ވޯޓަށް ހަފުތާއަކަށް ވީމާ އެހެރަ ފަށާ ބޮޑެތި މަޝްރޫއުތަކެވެ. އަޅަމުންދާ ބިންގާ ތަކެވެ. އިއުލާން ކުރާ އަދި ހަވާލުކުރާ ޕްރޮޖެކްޓްތަކެވެ. އެއީ މިއިންތިޚާބާ ދިމާކޮށް ވާންފެށި ކަންކަމެވެ. އިއްތިފާގެއް ނޫނެވެ. ދެން އޮތީ އެކަން ކުރޭތޯ ބެލުމެވެ. އެޅި ބިންގަލުގެ މައްޗަށް އިތުރަށް ޢިމާރާތް މައްޗަށް އަރާތޯ ބެލުމެވެ. އެކަން އެނގޭނީ ދެން އިންތިޚާބެއް ބޭއްވިއްޔާއެވެ. މަޖިލިސް އިންތިޚާބަށް ސަރުކާރުން އެޅި ބިންގާ މަތީގައި މިއިންތިޚާބާ ދިމާކޮށް ބިންގާ އަޅަން ޖެހުނީ މިއިންތިޚާބު އޮތީތީއެވެ. ނޫންނަމަ އެބިންގަލަށް ވީ ގޮތަށް އިތުރަށް މައްޗަށް ނާރާ ހުންނާނީއެވެ. އެކަމަކާ ރައްޔިތަކަށް ސުވާލެއް ވެސް ކޮށް ނުލެވޭނެއެވެ. ވެރިން އެމީހުންގެ ގާތައް ދާން ނުޖެހޭނެތީއެވެ.
ކޮންމެއަކަސް އިންތިޚާބުގެ ވަގުތު ޖެހެން ކުޑަތަންވެފައިވާއިރު އިންތިޚާބުތައް މަދުކޮށް އިންތިޚާބުތައް އެއްކޮށްލަން ވަކާލަތު ކުރަމުން އަންނަ ސަރުކާރުން ދެއްކި ވާހަކަ ވަންނަމުން އެދަނީ ސަރުކާރުގެ އަނގަޔަށެވެ. ރައްޔިތުންނަށް ހާމަޔަށް ރީތިކޮށް ފެންނަމުން އެދަނީ އެމަންޒަރެވެ. އޭގެ އަލީގައި ގޮތް ނިންމާނީ ރައްޔިތުންނެވެ.






