އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އީރާނުގެ ނިއުކްލިއާ ގާބިލުކަން ނައްތާލުމަށްފަހު ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިން އެ ސަރަހައްދު ދޫކޮށް ދާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ. މި ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިނުވާ ގައުމުތަކަށް ޓްރަމްޕް ފާޑުވިދާޅުވެފައިވާއިރު، މިއީ ހަނގުރާމައިގެ ނާކާމިޔާބީ ފޮރުވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް މާހިރުން ދެކޭ. އިޒްރޭލުން ވެސް އީރާނާ ދެކޮޅު ހަނގުރާމައިގެ ބޮޑުބައި ނިމިފައިވާ ކަމަށް ބުނި ނަމަވެސް، މަޝްވަރާގެ މަގުން ކަންކަން ހައްލުކުރުމުގެ ބަދަލުގައި ބާރުގެ ބޭނުންކުރުމުން ހަނގުރާމަ އިތުރަށް ދިގުލައިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި.

އީރާނުގެ ތެހެރާނުގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު، އެ ގައުމުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ޕޯސްޓަރެއްގެ ކައިރީގައި، އަސްކަރީ އުޅަނދެއްގެ ކައިރީގައި ފުލުހަކު ފޯރި މަރަނީ. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށާއި، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ކޮންމެހެން މުހިންމު ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އިގްތިސާދަށާއި ހަކަތަ ފޯރުކޮށްދޭ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ މި ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ޓްރަމްޕް މިހެން ވިދާޅުވީ ވައިޓް ހައުސްގައެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ، އެމެރިކާއާއި އިޒްރެލުން އީރާނަށް ހަމަލާދޭން ފެށިތާ ފަސް ހަފުތާ ވެފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް، ވޮޝިންޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވެފައި ވަނިކޮށެވެ.
އީރާނުން އޮތީ މަޝްވަރާތަކަށް ތައްޔާރަށް ކަމަށާއި އެއްބަސްވުމަކަށް އައުމަށް އެ ގައުމުން "އާދޭސްކުރަމުންދާ" ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވި ނަމަވެސް، އަންގާރަ ދުވަހު އޭނާ ވަނީ ޑިޕްލޮމެޓިކް މަގުން ކުރާ މަސައްކަތްތަކާ މެދު ގެންގުޅުއްވި ރޫހު ބަދަލުކުރައްވާފައެވެ.
މި ހަނގުރާމަ ނިންމުމަށްޓަކައި ކާމިޔާބު ޑިޕްލޮމެޓިކް މަޝްވަރާތަކެއް ބޭނުންވޭތޯ ވައިޓް ހައުސްގައި ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމެއް ހަދަން ނުޖެހޭ ކަމަށެވެ. އަދި ވަރަށް އަވަހަށް، ފަހަރުގައި ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން އެ ސަރަހައްދު ދޫކޮށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ނެތް، "ސްޓޯން އޭޖް ޒަމާނަށް" ފަހަތަށް ގޮސްފައިވާ ބައެއް ކަމަށް އެމެރިކާއަށް ގަބޫލުކުރެވޭ ހިސާބުން އެމެރިކާ ސިފައިން އެ ގައުމުން ފައިބާނެ ކަމަށެވެ.
ނަމަވެސް، އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ މަސައްކަތްތަކެއް ކަމަށާއި، އެއްވެސް އިރެއްގައި ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.
ކުއިންސީ އިންސްޓިޓިއުޓްގެ ފޮރިން ޕޮލިސީ އެކްސްޕާޓް ޓްރީޓާ ޕާރސީ އަލްޖަޒީރާއަށް ވިދާޅުވީ، ޓްރަމްޕްގެ މި ވާހަކަތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. މުޅި ސަރަހައްދަށް ފެތުރި، އެތައް ހާސް ބަޔަކު މަރުވެފައިވާ މި ހަނގުރާމައިން ޓްރަމްޕް ބޭނުންހާ އަވަހަކަށް ވަކިވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަނގުރާމައިގައި ގިނައިން މަރުވެފައިވަނީ އީރާނާއި ލުބުނާނުގެ އާންމުންނެވެ. ލުބުނާނަށް އިޒްރޭލުން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
"ފުރަތަމަ އެމީހުން ބުނީ މި ހަނގުރާމަ ހަތަރު ދުވަހުން ނިމޭނެ ކަމަށް. އޭގެ ފަހުން މީގެ ތިން ހަފުތާ ކުރިން ބުނީ ތިން ހަފުތާ ތެރޭ ނިމޭނެ ކަމަށް. މިހާރު ތިން ހަފުތާ ފާއިތުވެ ދިޔައީ، އަނެއްކާވެސް މި އިވެނީ ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ވާހަކަ،" ޕާރސީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ތާވަލު މިގޮތަށް ދިގުދެމުންދަނީ މިހާރު މި ހަނގުރާމަ އެމެރިކާގެ ކޮންޓްރޯލުން ނެއްޓި، ބޮޑު ނާކާމިޔާބީއަކަށް ބަދަލުވެފައިވާތީ ކަމަށެވެ.
"ޓްރަމްޕަށް އެންމެ ރަނގަޅު ގޮތަކީ ހަގީގީ މަޝްވަރާތަކެއްގެ ތެރެއިން ވީހާވެސް އަވަހަކަށް މިކަން ނިންމާލުން. މިހާތަނަށް ބޭނުންކުރި ފަދަ މަޖުބޫރުކުރުވުމުގެ އުސޫލުތަކުން ކަމެއް ނުވާނެ. އެހެން ނޫނީ މިއަދުން ފެށިގެން ތިން ހަފުތާ ފަހުންވެސް އަނެއްކާވެސް އިވޭނީ ހަމަ ތިން ހަފުތާގެ ވާހަކަ،" ޕާރސީ ވިދާޅުވިއެވެ.
'އަމިއްލައަށް ގޮސް ތެޔޮ ހޯދާ!'
އަނެއްކޮޅުން ޓްރަމްޕް ވަނީ އެމެރިކާގެ އެކުވެރި ގައުމުތަކުން އެ ގައުމުތަކަށް ބޭނުންވާ ތެޔޮ އަމިއްލަ އަށް ގޮސް ހޯދުމަށް ވިދާޅުވެފައެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ގަލްފުގެ ތެލުގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެންނާއި، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ސަޕްލައި ކުރުމަށް އީރާނުން ހުރަސްއަޅަމުންދާތީ، އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު އެވްރެޖްކޮށް 4 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ހަނގުރާމަ ވަރުގަދަވަމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރި އިލްތިމާސްތަކަށް ދެކޮޅު ހެދި އެމެރިކާގެ އެކުވެރި ގައުމުތަކަށް ޓްރަމްޕް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި، އީރާނުގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތުގައި ބައިވެރިވާން ދެކޮޅު ހެދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް އަމާޒުކޮށް ވިދާޅުވީ، އެމެރިކާގެ ތެޔޮ ގަތުމަށް ނުވަތަ މި ހަނގުރާމައިގައި ބައިވެރިވުމަށެވެ.
"އަމިއްލައަށް ދިފާއުވާން ދަސްކުރަން ޖެހޭނެ. ކަލޭމެން އެމެރިކާއަށް އެހީނުވި ފަދައިން، ދެން އެމެރިކާއަކުން އެހީއެއް ނުވާނެ. އީރާން މިހާރު އޮތީ ބަލިކޮށްލެވިފައި. އުނދަގޫ ބައި މިހާރު ނިމިއްޖެ. ދެން އަމިއްލައަށް ތެޔޮ ހޯދަން ދޭ!" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ކުރިން އެމެރިކާގެ ޑިފެންސް ޗީފް ޕީޓް ހެގްސެތު ވެސް ވަނީ ހަނގުރާމައިގައި ބައިވެރިވާން އިނގިރޭސިވިލާތުން ފަސްޖެހޭތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ "ރޯޔަލް ނޭވީ" އަކީ މިފަދަ ކަންކަމަށް ތައްޔާރަށް އޮންނަންޖެހޭ ބާރެއް ކަމަށެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅުވީ، އިނގިރޭސިވިލާތަކީ އަދިވެސް އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ގަތަރަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ޓްރަމްޕް ވަނީ ފަރަންސޭސިވިލާތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިޒްރޭލަށް އަސްކަރީ ސާމާނު ހިފައިގެން ދިޔަ ބޯޓުތައް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ނުދިނުމުން، ޓްރަމްޕް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި އެވެ.
ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންގެ އޮފީހުން ބުނީ، އީރާނަށް ހަމަލާދިނުމަށް ފަރަންސޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަކީ ހަނގުރާމަ ފެށުނީއްސުރެ އެ ގައުމުން ގެންގުޅޭ ސާފު ސިޔާސަތެއް ކަމަށެވެ.
"ޓްރަމްޕްގެ މި ޓްވީޓާ މެދު ހައިރާންވަން. ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ފަރަންސޭސިވިލާތުގެ ނިންމުމަކަށް ބަދަލެއް ނާދޭ،" މެކްރޮންގެ އޮފީހުން ބުންޏެވެ.
ޕާރސީ ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ އެމެރިކާގެ މަގްސަދެއް ނޫން ކަމަށް ބުނެ ޓްރަމްޕް މަސައްކަތް ކުރައްވަނީ ކާމިޔާބީގެ މަންޒަރެއް ދެއްކުމަށެވެ. ނަމަވެސް، އެ މުހިންމު ކަނޑުއޮޅި ހުޅުވުމަށް ޔޫރަޕްގެ ގައުމުތަކުން އެހީތެރިނުވާތީ ޓްރަމްޕް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެންމެ ބާރުގަދަ ކަނޑުގެ ސިފައިން ތިބީ އެމެރިކާގައި. އެމެރިކާއަށް އެކަން ނުކުރެވުނުއިރު، ފަރަންސޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކަށް ކުރެވޭނީ ކޮން ކަމެއް؟" ޕާރސީ ސުވާލު އުފެއްދެވިއެވެ. އޭނާ ލަފާކުރެއްވި ގޮތުގައި އީރާނުން ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދަމަހައްޓާނެއެވެ.
އަދި އީރާން "ސްޓޯން އޭޖް ޒަމާނަށް" ފޮނުވާލާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ، އެމެރިކާގެ ހަނގުރާމައިގެ މަގްސަދުތައް އިސްރާއީލުގެ ސިޔާސަތާ އެއްގޮތްކުރުން ކަމަށްވެސް ޕާރސީ ފާހަގަކުރެއްވިއެވެ.
"މިއީ އިޒްރޭލުން ހަނގުރާމަ ކުރާ ގޮތް. އެމީހުންގެ އެއްވެސް ސްޓްރެޓީޖިކް މަގްސަދެއް ނޯވޭ، ހަމައެކަނި ބޭނުމަކީ އަވަށްޓެރި ގައުމުތައް ބަލިކަށިކޮށް ބޭތިއްބުން. އަދި ކޮންމެ ދެތިން އަހަރަކުން އެ ގައުމުތަކަށް ބޮން އެޅުން،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، ޣައްޒާ ގައި ހިންގަމުންދާ ގަތުލުއާންމާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ހޯދަން އިއުލާންކޮށްފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް ހަނގުރާމަ ނިމޭނެ ވަކި ތާރީޚެއް ބުނަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ





