ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ
ރައީސް ޓްރަމްޕްގެ ސިޔާސަތު ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ޓްރަމްޕް އަބަދު ވެސް ބޭނުންފުޅު ވަނީ މައްސަލަތައް ސުލްޙަވެރިކަމާ އެކު ޑިޕްލޮމެޓިކް ގޮތް ގޮތުން ހައްލު ކުރަން ކަމަށް. ނަަމަވެސް، ޤައުމީ މަސްލަޙަތާއި، ބައިނަލްއަޤުވާމީ ސަލާމަތަށް ނުރައްކާވާ ޙާލަތް ތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ވެސް ރޫބިއޯ ވިދާޅުވި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް ކަމަށާއި، ނަމަވެސް އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
އަލް ޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ރޫބިއޯ ވިދާޅުވީ، ޓްރަމްޕް އަކީ ޚާރިޖީ ގުޅުންތަކާއި، މަޝްވަރާގެ އުސޫލަށް އަބަދު ވެސް އިސްކަން ދެއްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، ހޮރްމޫޒް ކަނޑު އޮޅި އެކި ގޮތް ގޮތުން ބަންދު ކުރަން އީރާން އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން އެ ޤައުމުން ހިތްދަތި ނަތީޖާތަކާ ކުތިމަތިލާން ޖެހިދާނެ ކަމަށް ވެސް ރޫބިއޯ ވިދާޅުވެފައިވެ އެވެ.
ރޫބިއޯ ވިދާޅުވީ ބައިނަލްއަޤުވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމުގައިވާ ހޮރްމޫޒް ކަނޑު އޮޅީގެ ދަތުރު ފަތުރު ތަކަށް ހުރަސް އެޅުމަކީ، އެމެރިކާ އިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އީރާންގެ މި އަމަލު ތަކުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކަަށް އެ ޤައުމުން ޒިންމާ ވާން ޖެހޭނެ ކަމުގެ އިންޒާރު ވެސް ރޫބިއޯ ދެއްވި އެވެ.
ރައީސް ޓްރަމްޕްގެ ސިޔާސަތު ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ޓްރަމްޕް އަބަދު ވެސް ބޭނުންފުޅު ވަނީ މައްސަލަތައް ސުލްޙަވެރިކަމާ އެކު ޑިޕްލޮމެޓިކް ގޮތް ގޮތުން ހައްލު ކުރަން ކަމަށެވެ. ނަަމަވެސް، ޤައުމީ މަސްލަޙަތާއި، ބައިނަލްއަޤުވާމީ ސަލާމަތަށް ނުރައްކާވާ ޙާލަތް ތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާން އިން މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށާއި، އެމެރިކާގެ ސަރުކާރުން އެ ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ރޫބިއޯ ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާން އިން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އަމަލު ކުރާ ނަމަ، އެމެރިކާ އިން ދޭނެ ރައްދު ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.
ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރާ މުހިންމު ސަރަހައްދަކަށް ވާއިރު، އެ ތަނުގެ ސަލާމަތީ ކަންކަމާ މެދު ބައިނަލްއަޤުވާމީ މުޖުތަމައުން އަބަދު ވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. އެމެރިކާގެ މި އިންޒާރާ އެކު، މެދު އިރުމަތީގެ މަސްރަހު އިތުރަށް ހޫނު ވެގެން ހިނގައި ދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
މަސްދަރު: އަލް ޖަޒީރާ





