ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި
ޔުނައިޓެޑާ އެކު މެގުއާ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް. އޭގެ އިތުރުން، ޔުނައިޓެޑުން ބޭނުން ވެއްޖެ ނަމަ، 2028 ވަނަ އަހަރާ ހަމައަށް އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވޭ.


މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ | ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ، އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ މެގުއާ ޔުނައިޓެޑަށް ބަދަލުވީ 2019 އަހަރު އެވެ. ލެސްޓަރ ސިޓީ ދޫކޮށްލުމަށް ފަހު މެގުއާ ޔުނައިޓެޑަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑާ އެކު އެންމެ ފަހުން މެގުއާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިހާރު މެގުއާ ވަނީ ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން ނިންމައިފަ އެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މެގުއާ އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ކަމަށާއި، އެ މަޝްވަރާ ތަކަށް ފަހު އަނގަ ބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ސީޒަން ނިމުމުގެ ކުރިން، ރަސްމީކޮށް މެގުއާ ޔުނައިޓެޑުގެ އަައު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޔުނައިޓެޑުގެ އެއްބަސްވުން މެގުއާ އައު ކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން، ޔުނައިޓެޑާ އެކު މެގުއާ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ އިތުރުން، ޔުނައިޓެޑުން ބޭނުން ވެއްޖެ ނަމަ، 2028 ވަނަ އަހަރާ ހަމައަށް އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމާފައިވާއިރު، ޔުނައިޓެޑުގެ ކެޕްޓަންގެ ގޮތުގައި މެގުއާ ހުއްޓާ އޭނާގެ އަތުން ކެޕްޓަން ބޭންޑު ވެސް އަތުލި އެވެ. މެގުއާގެ ކުޅުން ދަށްވެ، އެހެން ނިންމާފައި ވަނީ ކުރީގެ ކޯޗު އެރިކް ޓެން ހާގް އެވެ. އަދި އޭރު މެގުއާ ޔުނައިޓެޑުގެ ދޫކޮށްލަން އުޅޭ ކަމުގެ އަޑު ތަކެއް ފެތުރުނު ނަމަވެސް، އޭނާ ވަނީ ކުލަބުގައި މަޑު ކޮށްފަ އެވެ. އެއީ ޔުނައިޓެޑާ އޭނާއާ ދެމެދު ޖެހުނު މައްސަލަ ހައްލު ކުރުމަށް ފަހު އެވެ.
މިހާރު ޔުނައިޓެޑާ އެކު މެގުއާ ހޭދަ ކުރަމުން ދަނީ އޭނާގެ ހަތް ވަނަ ސީޒަން އެވެ. މި މުއްދަތުގެ ތެރޭގައި މެގުއާ ވަނީ ޔުނައިޓެޑަށް ކުޅެދިން 266 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓެޑާ އެކު އޭނާ ވަނީ ކަރަބޯ ކަޕާއި، އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގައި ފައިނަލްގައި ދެ ފަހަރެއްގެ މަތިން ކުޅެފައިވެ އެވެ.





