ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން
ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅަށް ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ ފާރަވެރިކަން ކުޑަކޮށް ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމަށް. އެހެންކަމުން ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ފާޅުގައި ދެކޮޅު ހަދަންޖެހޭ ކަމަށް ނިޝާން ފާހަގަކުރެއްވި.


ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ތަދުމަޑުކަމުން ސަލާމަތްވުމަށްޓަކައި ދިވެހި ރައްޔިތުން އާ މަގެއް ހޯދަންޖެހޭ ކަމަށާއި، އެމަގަކީ ރައީސް މުއިއްޒުކައިރިން ސަލާމަތް ވުން ކަމަށް ވާއިރު، އެކަމަށްޓަކާ ކުރިޔަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިޝާން މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ފޮނުވި "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުގެ ހުންގާނުގައި ހުންނެވީ ރައީސް މުއިއްޒު ކަމަށެވެ. އެހެންކަމުން މި ތަދުމަޑުކަމުން ގައުމު ސަލާމަތްކުރެވެން އޮތީ ރައީސް މުއިއްޒުގެ ކިބައިން ސަލާމަތްވެގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަކީ ރައީސް މުއިއްޒު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަމުގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމުމާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެއް ކަމަށް ނިޝާން ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމުގައި ޒަމާންތަކަކަށް ދެމިގެންދާނެ ފަދަ ކަޅު ލައްގަނޑެއް ޖެހުން ހުއްޓުވުމަށްޓަކައި، ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ފާޅުކަން ބޮޑު ގޮތެއްގައި "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ.
މި ރާއްޖޭގަ މިހާރު އައިސްފައިވާ ތަދުމަޑުކަމުގެ ހުންގާނުގަ ނުވަތަ ސަރަކައިގަ މިހުރީ ރައީސް މުއިއްޒު އިނގޭތޯ. އެހެންވީމަ ދިވެހި ރައްޔިތުން ވިސްނަންވީ މި އިންތިހާބަކީ ރައީސް މުއިއްޒު ކުރިޔަށް އޮތްތަނުގަ ވެރިކަމުގަ ހުންނަން ފެނޭތޯ ނޫންތޯ އާ ވަރަށް ބޮޑަށް ގުޅިފަ އޮތް އިންތިހާބެއް. އެހެންވީމަ ދިވެހި ރައްޔިތުން މިކަމުން އިބުރަތް ހާސިލް ކޮށްގެން މިކަމަށް ވިސްނާލައިގެން އިހްތިޔާރުކުރަންވީ ރައްޖޭގެ ތަދުމަޑުކަމުން ސަލާމަތްވުމަށްޓަކާ ރައީސް މުއިއްޒު ކައިރިން ސަލާމަތްވާނެ މަގެއް. އެ މަގު އިހްތިޔާރުކުރުމަށްޓަކާ ދިވެހި ރައްޔިތުން މި އިންތިހާބުގަ ނޫނެކޭ ބުނަންވީ. އާނއެކޭ ބުނެފިކަމުގަ ވަނީނަމަ އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް، އެތައް ޖީލަކަށް މިކަމުގެ ނޭދޭވޭ އަސަރުކުރާނެ. މި ވެގެންދަނީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމުގައި ޖެެހޭ ނުފިލާފަދަ ކަޅު ލައްގަނޑަކަށް. މި ލައްގަޑުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމައްޓަކާ އަދި ރައީސް މުިއްޒުގެ ކިބައިން ސަލާމަތްވުމަށްޓަކާ، މި އިންތިހާބުގަ ދިވެހި ރައްޔިތުން ފާޅުކަންބޮޑުގޮތެއްގަ ނޫނެކޭ ބުނަންޖެހޭ. އެކީ އެއްވާނަކަށް އެންމެން ނިކުމެ ނޫނެކޭ ބުނަންޖެހޭ.ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިންތިހާބުތަކަށް މިފަދަ ބަދަލެއް ގެންނަން ސަރުކާރުން އުޅެނީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް އޮންނަ ފާރަވެރިކަން ކުޑަކުރުމަށެވެ. އަދި ސިޔާސީ ނުފޫޒު ގަދަކޮށް، ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެންދާނެ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަކީ މި ބަދަލުގެ އަސްލު މަގުސަދު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މި މައްސަލައިގައި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދަނީ މި ވޯޓާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ. ނިޝާންގެ ވާހަކަފުޅުގައިވެސް ވަނީ ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި މި ވޯޓުގައި ސަރުކާރާ ދެކޮޅަށް ތެދުވުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.






