އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ
މީގެ އިތުރުން އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، ކޮންމެ ޤައުމަކަށް ވެސް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު ލިބިގެންވާ ކަމަށް ފޮރިން މިނިސްޓަރުން ވަނީ ފާހަގަ ކުރައްވާފައި. އަދި އީރާން އިން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އިންސާނީ ހައްގުތަކާ ބެހޭ ޤާނޫނު ތަކަށް އިޙުތިރާމް ކުރުމަށް ވެސް ވަނީ ބާރު އަޅުއްވާފައި.


ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާޟުގައި އޮތް ބައްދަލުވުމުގައި ބައިވެރިވި ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން | ރޮއިޓާސް
އީރާން އިން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމު ތަކަށާއި، އަރަބި އަދި އިސްލާމީ އެހެން ޤައުމު ތަކަށް ދެމުން ގެންދާ ހަމަލާ ތަކަކީ ގަސްދުގައި ދެމުންދާ ހަމަލާ ތަކެއް ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާޟްގައި ބުދަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސައުދީގެ އިތުރުން، ކުވެއިތު، ޤަތަރު، ޔޫއޭއީ، ބަހްރެއިން، މިޞްރު، ލުބުނާން، ސީރިއާ، ޖޯޑަން، ޕާކިސްތާން، ތުރުކީ އަދި އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ އީރާން އިން ޖީސީސީގެ ޤައުމު ތަކަށާއި، ޖޯޑަން އާއި އަޒަރުބައިޖާން އަދި ތުރުކީ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އީރާން އިން ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރުމާ އެކު، އެއީ އެއްވެސް ހަމަޔަކުން ދިފާއު ކުރެވޭނެ އަމަލެއް ނޫން ކަމަށް ވެސް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ބައްދަލުވުމަށް ފަހު ބުރާސްފަތި ދުވަހު ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ، އީރާންގެ ބެލިސްޓިކް މިސައިލް އާއި، ޑްރޯން ބޭނުން ކޮށްގެން މީހުން ދިރިއުޅޭ ސަރަހައްދު ތަކަށާއި، މަދަނީ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރި ކުރާ ކަމަށެވެ. އޭގެ ތެރޭގައި ތެޔޮ އުފައްދާ މަރުކަޒު ތަކާއި، ފެން ސާފު ކުރާ ޕްލާންޓު ތަކާއި، އެއާޕޯޓުތަކާއި އަދި އާންމުން ދިރިއުޅޭ އިމާރާތް ތަކުގެ އިތުރުން، އެހެން ތަންތަނަށް ދޭ ހަމަލާތައް ހިމެނޭކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، ކޮންމެ ޤައުމަކަށް ވެސް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު ލިބިގެންވާ ކަމަށް ފޮރިން މިނިސްޓަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އީރާން އިން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އިންސާނީ ހައްގުތަކާ ބެހޭ ޤާނޫނު ތަކަށް އިޙުތިރާމް ކުރުމަށް ވެސް ވަނީ ބާރު އަޅުއްވައިފަ އެވެ. ސަރަހައްދީ ހަމަ ޖެހުން ޤާއިމު ކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް، މައްސަލަތައް ޙައްލު ކުރުމުގައި ޑިޕްލޮމެސީ އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓަރުން ވިދާޅުވި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރި މަގުގައި އީރާން އާއެކު ބާއްވާ ގުޅުން ބިނާވެގެން ވަނީ އެ ޤައުމުން އެހެން ޤައުމު ތަކުގެ އިސްތިޤުލާލަށް ކުރާ އިޙުތިރާމްގެ މައްޗަށެވެ. އަދި އެހެން ޤައުމު ތަކުގެ ދާޚިލީ ކަންކަމާ ނުބެހުމަށާއި، ސަރަހައްދީ ޤައުމު ތަކަށް ބިރު ދެއްކުމަށް އަސްކަރީ ޤާބިލުކަން ބޭނުން ނުކުރުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
މަސްދަރު: އަލް އަރަބިއްޔާ






