އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި
އިޒްރޭލުން ހިންގި ލާއިންސާނީ އަމަލުތަކާއި އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަނީ ގަތަރާއި ބަހްރައިން އަދި ޔޫ.އޭ.އީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި. މި އޮޕަރޭޝަނުގައި ކުރިއަރާފައިވާ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އަސްކަރީ ހޭންގަރުތަކާއި މުވާސަލާތީ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިއީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނޭ. އެމެރިކާގެ ސިފައިން މި ސަރަހައްދުން އެއްކޮށް ފައިބަންދެން މިފަދަ ހަމަލާތައް ކުރިއަށްގެންދާނެ ކަމުގެ އިންޒާރުވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައި.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި، ބަދަލުހިފުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންގެ 57 ވަނަ ބުރުގައި، އެމެރިކާއިން ހިންގަމުންދާ އަލް-އުދައިދު ބޭސްއަށް އަމާޒުކޮށް ގިޔާމް އަދި ޒުލްފިގާރު މަރުކާގެ މިސައިލްތަކެއް ވަނީ ފޮނުވާލާފައި. | ޕްރެސްޓީވީ
އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 57 ވަނަ ބުރު ފަށައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އެންމެ އެތެރޭގައި ހުންނަ މުހިންމު އަމާޒުތަކަށާއި ގަތަރުގައި ހުންނަ އެމެރިކާގެ މައި ވައިގެ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒް އިން ނެރުނު ބަޔާނެއްގައެވެ.
މި އޮޕަރޭޝަނަކީ ރަމަޟާން މަހުގެ ހަނގުރާމައިގައި ޝަހީދުވި އެންމެ ތުއްތު ކުއްޖާ ކަމަށްވާ، އުމުރުން އެންމެ ތިން ދުވަހުގެ މުޖުތަބާގެ ހަނދާނުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް އައިއާރުޖީސީ އިން ބުނެފައިވެއެވެ. ތުއްތު މުޖުތަބާ ޝަހީދުވީ ހޯމަ ދުވަހުގެ ވަގުތެއްގައި އިޒްރޭލުން ހިންގި ލާއިންސާނީ އަމަލެއްގައި، އޭނާގެ މަންމަގެ އަތްދަނޑިމަތީގައި އާއިލާގެ އެހެން މެންބަރުންނާއެކުގައެވެ.
އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގެ މެދުތެރެއަށް އަމާޒުކޮށް އީރާނުގެ ސިފައިން ދިން މި ހަމަލާތަކުގައި، މުވާސަލާތީ އިންފްރާސްޓްރަކްޗަރާއި މިސައިލް ދިފާއީ ނިޒާމުތަކަށް ވަނީ ސީދާ އަމާޒަށް ފޮނުވާލި ހަމަލާތަކެއް ދީފައެވެ.
މި އޮޕަރޭޝަނުގައި އީރާނުން އުފައްދާފައިވާ ކުރިއަރާފައިވާ މިސައިލްތައް ކަމަށްވާ "ޚައިބަރު ޝެކަން"، "އިމާދު" އަދި "ޤަދަރު" ސިސްޓަމްތައް ބޭނުންކޮށްފައިވާއިރު، މި ހުރިހާ މިސައިލްތަކެއްވެސް ކަނޑައެޅިފައިވާ އަމާޒުތަކަށް ވަރަށް ފުރިހަމައަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތައް ހާއްސަކޮށް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންކުރާ ނެޓްވޯކްތަކަށެވެ. މީގެ ސަބަބުން އެ ގައުމުގެ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ގަތަރުގައި ހުންނަ އަލް އުދައިދު ވައިގެ މަރުކަޒަށް ހަމަލާދިނުން
މީގެ އިތުރުން، އެމެރިކާގެ ޓެރަރިސްޓް ސިފައިން ތިބޭ ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށްވެސް އައި.އާރް.ޖީ.ސީ އިން ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައެވެ.
މި ހަމަލާގައި ބޭނުންކޮށްފައިވަނީ ސީދާ އަމާޒަށް ވާސިލުވުމުގެ ގާބިލުކަން ހުރި، މެދު ރާސްތާގެ ސޮލިޑް-ފިއުލް "ޒުލްފިޤާރު" މިސައިލާއި، ލިކުއިޑް-ފިއުލް "ޤިޔާމް" މިސައިލްގެ އިތުރުން ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެވެ.
އަލް އުދައިދު މަރުކަޒަކީ މި ސަރަހައްދުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހިންގާ އޮޕަރޭޝަންތަކުގެ މައި މަރުކަޒެވެ. އަދި މިއީ މި ހަނގުރާމައިގެ ތެރޭގައި އީރާނާއި އީރާނަށް ތާއީދުކުރާ ފަރާތްތަކަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރަމުންދާ މަރުކަޒެކެވެ.
އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާ ހޭންގަރުތައް ކަނޑުގެ ސިފައިން ހަލާކުކޮށްލުން
މި ހަމަލާތަކުގެ އެތައް ގަޑިއިރެއް ކުރިން، އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާ ދެ މަރުކަޒެއްގެ ހޭންގަރުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ބަހްރައިންގައި ހުންނަ ޝެއިޚް އީސާ އެއާ ބޭސް އަދި ޔޫ.އޭ.އީ ގައި ހުންނަ އަލް ދަފްރާ އެއާ ބޭސްގެ ގިނަ ހޭންގަރުތަކެއް، ބާރުގަދަ ގޮވާތަކެތި ހަރުކޮށްފައިވާ ކްރޫޒް މިސައިލް ބޭނުންކޮށްގެން ވަނީ ހަލާކުކޮށްލާފައެވެ.
އަލް ދަފްރާ އެއާ ބޭސްއަކީ ފާއިތުވި ދުވަސްތަކުގައި އީރާނުގެ ރަށްތަކަށް އެމެރިކާގެ ޓެރަރިސްޓުންނާއި އިޒްރޭލުން ދިން ހަމަލާތައް ފެށުނު މައި މަރުކަޒު ކަމަށްވާތީ، އެތަނަށް ދިން ހަމަލާއަކީ ވަރަށް މުހިންމު ހަމަލާއެއް ކަމަށް އައިއާރުޖީސީ އިން ބުނެއެވެ.
އައި.އާރް.ޖީ.ސީ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން އަލް ދަފްރާ މަރުކަޒުގެ އަސްކަރީ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މި ސަރަހައްދުގައި ހުރި އެމެރިކާގެ ޓެރަރިސްޓް މަރުކަޒުތަކުން އެމީހުން އެއްކޮށް ފައިބަންދެން މިފަދަ ހަމަލާތައް ކުރިއަށްދާނެ ކަމަށް އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ އިއުލާންކޮށްފައެވެ.
"އެމެރިކާގެ ޓެރަރިސްޓް މަރުކަޒުތައް އެއްކޮށް ހުސްކޮށް، އެތަންތަން ސުންނާފަތި ކުރަންދެން މި ހަމަލާތައް ކުރިއަށްދާނެ،" އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައިވެއެވެ. "މި ސަރަހައްދުގެ މުސްލިމް ރައްޔިތުން އެ މަރުކަޒުތަކާ ދުރުގައި ތިއްބެވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން."
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 57 ވަނަ ބުރަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ އެންމެ ފަހުގެ މަރުހަލާއެވެ.
އެމެރިކާ އާއި އިޒްރޭލުގެ އެ ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުވެފައިވާއިރު، މީނާބް ސްކޫލުގައި ހިންގި ގަތުލުއާންމުގައި ޝަހީދުވި 170 އެއްހާ އަންހެން ކުދިން ހިމެނޭހެން އެތައް ހާސް އާންމުންނެއް ވަނީ ޝަހީދުވެފައެވެ.
އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ރައްދު ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށާއި، އާންމުންގެ މުދަލާއި ތަންތަނަށް ގެއްލުން ނުދޭ ކަމަށްވެސް އީރާނުން ބުނެއެވެ.
ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ގާތްގަނޑަކަށް 700 މިސައިލާއި 3،600 ޑްރޯން ފޮނުވާލާފައިވާ ކަމަށް އައި.އާރް.ޖީ.ސީ އިން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
މަސްދަރު: ޕްރެސްޓީވީ







