މެދު އިރުމަތީގެ ހަމަނުޖެހުމާާ ގުޅިގެން، ސްޕެއިން އާއި އާޖެންޓިނާގެ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި
މެދުއިރުމަތީގެ ސިޔާސީ ހާލަތާ ގުޅިގެން، ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން އާއި ކޯޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ "ފައިނަލިސިމާ" މެޗު ކުޅޭނެ ތާރީޚަކާއި ތަނަކާ މެދު ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެއްބަސްވުމަކަށް ނާދެވުމުން މި މެޗު ވަނީ ބާތިލްކޮށްފައެވެ. ޔުއެފާއިން ހުށަހެޅި ތާރީޚުތަކާއި ދަނޑުތަކަށް އާޖެންޓީނާއިން އިއުތިރާޒުކޮށްފައިވާއިރު، އާޖެންޓީނާއިން ބޭނުންވި ތާރީޚުތަކުގައި ސްޕެއިންގެ ޝެޑިއުލް ތަންނުދޭތީ މެޗު ކުރިއަށް ނުގެންދެވޭނެކަން ވަނީ ކަށަވަރުވެފައެވެ. މި މެޗު ކުޅުމަށް ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެއްވެސް ޝަރުތެއް ނެތި ތައްޔާރަށް އޮތް ނަމަވެސް، ދެ ފަރާތަށް އެއްބަސްވެވޭނެ ގޮތެއް ނުފެނުމުން މި އަހަރުގެ މުބާރާތް ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.


2022 ވަނަ އަހަރު އޮތް ފައިނަލިސިމާ ކާމިޔާބު ކުރުމަށް ފަަހު އާޖެންޓީނާ އިން ތަށި އުފުލާލަނީ | ރޮއިޓާސް
ބައްރު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި އެވެ.
ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި، ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ބައްދަލު ކުރާ ފައިނަލިސިމާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ، މާޗު މަހުގެ 26 ވަނަ ދުވަހު ޤަތަރުގަ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ޤަތަރުގެ ލުސެއިލް ސްޓޭޑިއަމްގަ އެވެ.
ނަމަވެސް، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ އެންމެ ފަހުން ފައިނަލިސިމާ މެޗު ވަނީ ކެންސަލް ކޮށްފަ އެވެ.
ޔުއެފާ އިން ބުނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ސަންޓިއާގޯ ބާނަބާއުގަ މި މެޗު ކުޅުމަށް ހުށަހެޅި ކަމަށެވެ. ނުވަތަ، ދެ ލެގުގެ ފޯމެޓަކަށް ކުޅޭ ގޮތަށް ވެސް ހުށަހެޅި ކަމަަށެވެ. އެގޮތުން އެއް ލެގު ސްޕެއިންގެ މެޑްރިޑުގައި އަދި އަނެއް ލެގު އާޖެންޓީނާގެ ބީނޯޒް އެރީޒް ގައި ކުޅުމަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، އާޖެންޓީނާ އިން އެ ހުށަހެޅުން ޤަބޫލު ނުކުރި ކަމަށް ޔުއެފާ އިން ބުނެފައިވެ އެވެ.
ޔުއެފާ އިން ބުނީ މި މެޗު ކުޅުމަށް އެހެން ގޮތް ތަކެއް ބެލި ނަަމވެސް، ހުށަހެޅި ހުރިހާ ގޮތް ތަކެއް އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނަށް ޤަބޫލު ކުރެވޭ ގޮތެއް ނުވި އެވެ. ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޯލް އާއި، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މާޗު މަހުގެ 31 ވަނަ ދުވަަހަށް މެޗު ބަދަލު ކުރަން ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ޤަބޫލު ނުކުރާ ކަމަަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިޓަލީގައި މާޗު މަހުގެ 27 ވަނަ ދުވަހު އެ މެޗު ކުޅުމަށް ހުށަހެޅި ހުށަހެޅުމަށް، އާޖެންޓީނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް، ތާރީޚަށް ބަދަލު ގެނެސް މާޗު 31 ވަަނަ ދުވަހަށް ބަދަލު ކުރަން އެދުމުން، އެކަން ޤަބޫލު ނުކުރީ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޔުއެފާ އިން ބުނެފައި ވަނީ އަސްލު ތާރީޚަށް ވުރެ ހަތަރު ދުވަސް ފަހުން މި މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެހެންވެ ފައިނަލިސިމާ މެޗު ކެންސަލް ކުރަން ޖެހުނީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޔުއެފާ އިން ބުނެފައި ވަނީ، މިއަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ފަހު ފައިނަލިސިމާ މެޗު ކުޅެން އާޖެންޓީނާ އިން އެދުނު ކަމަށެވެ. ނަމަވެސް، ސްޕެއިންގެ ކަލަންޑަރުގައި ހުސް ތާރީޚެއް ނެތުމުން، އެ ހުށަހެޅުން ވެސް ދޫކޮށްލަން ޖެހުނީ އެވެ.
ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނީ، ފައިނަލިސިމާ މެޗު ކުޅުމަށް ކުރެވެން ހުރި ހުރިހާ މަސަައްކަތް ތަކެއް ކޮށްފައިވާ ކަމަށާއި، ސްޕެއިންގައި ނުވަތަ ނިއުޓްރަލް ވެނިއުއެއްގައި އެ މެޗު ކުޅުމަށް ތައްޔާރަށް އޮތް ކަމަށެވެ. ސްޕެއިން އިން އަބަދު ވެސް އޮތީ ތައްޔާރަށް ކަމަށާއިި، އެކަމަށް އެއްވެސް ޝަރުތެއް ނެތް ކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ.
ޔުއެފާ އާއި ކޮންމެބޯލް އިން ބާއްވާ ފައިނަލިސިމާ އޮންނަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ. އެންމެ ފަހުން ފައިނަލިސިމާ ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ ފަަހަރު އިޓަލީ ބަލިކޮށް ފައިނަލިސިމާ ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ.







