އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް
ޓްރަމްޕު އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ އިން ހޯދަމުންދާ ކާމިޔާބީ ތަކުގެ ވާހަކަ ރިޕޯޓު ކުރަން "ފޭސް ނިއުސް" މީޑިއާ ތަކުން ބޭނުން ނުވާ ކަމަށް. ޓްރަމްޕް ވިދާޅުވީ އީރާން މިހާރު އޮތީ މުޅިން ބަލިވެފައި ކަމަށާއި، އެ ޤައުމުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އޭނާ ޤަބޫލުކުރާ ފަދަ ޝަރުތު ތަކެއް އެއްބަސްވުމުގައި ނެތް ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް
އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އީރާން މުޅިން ބަލިވެއްޖެ ކަމަށާއި، އެ ޤައުމުން ހުށަހަޅާ އެއްބަސްވުމެއް ޤަބޫލު ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ އިން ހޯދަމުންދާ ކާމިޔާބީ ތަކުގެ ވާހަކަ ރިޕޯޓު ކުރަން "ފޭސް ނިއުސް" މީޑިއާ ތަކުން ބޭނުން ނުވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އީރާން މިހާރު އޮތީ މުޅިން ބަލިވެފައި ކަމަށާއި، އެ ޤައުމުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އޭނާ ޤަބޫލުކުރާ ފަދަ ޝަރުތު ތަކެއް އެއްބަސްވުމުގައި ނެތް ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަހަލަ ޝަރުތު ތަކެއް ކަމެއް ޓްރަމްޕް ތަފްސީލު ކޮށްދެއްވާފައި ނުވެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ އީރާންގެ ތެލުގެ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑުގައި ހުރި އަސްކަރީ އަމާޒު ތަކަށް އެމެރިކާ އިން ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ. މީގެ ކުރިން ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރު ތަކަށް، އެމެރިކާ އިން ވަރަށް އަވަހަށް ހިމާޔަތް ދޭން ފަށާނެ ކަމަށް ވެސް، ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަމަލާ ދިނުން ކުރިއަށް ގެންދާއިރު، އީރާން އިން ގެންދަނީ އިޒްރޭލް އާއި އެމެރިކާގެ އަމާޒު ތަކަށް ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދެމުންނެވެ. އަދި އީރާންގެ އިސްވެރިން ގެންދަވަނީ، ހަނގުރާމަ ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެ، ފުލު ފުލުގައި އެމެރިކާ އަށް އިންޒާރުތައް ދެއްވަމުންނެވެ. އީރާންގެ ހަމަލާ ތަކުގައި ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކާއި، އެމްބަސީ ތަކަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ.
ހުކުރު ދުވަހު އީރާންގެ ވެރި ރަށް ތެެހެރާންގައި ވަނީ، ޤުދުސް ދުވަހުގެ މުނާސަބަތުގައި ބޮޑު އެއްވުމެއް ބާއްވައިފަ އެވެ. އެއްވުމުގައި ބައިވެރިވި ފަރާތް ތަކުން ވަނީ އެމެރިކާ އާއި އިޒްރޭލް ނެތި ދިޔުމަށް ވެސް ގޮވާލައިފަ އެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ތެރެއިން ބޭއްވި އެއްވުމުގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި، ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަދި، ޤައުމީ ސަލާމަތާ ބެހޭ އިސްވެރިޔާ އަދި އަސްކަރީ ގޮތުން ވެސް ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ އަލީ ލަރިޖާނީ ފަދަ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އީރާނުން އެއްބަސްވުމެއް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއީ އީރާން އިން ބޭނުންވާ ކަމެއް ނޫނެވެ. މި ހަފުތާގެ ތެރޭގައި ޕީބީއެސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަކީ މިހާރު އީރާންގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އަަރާގްޗީ ވިދާޅުވީ، އެމެރިކާ އާއެކު މަޝްވަރާ ކޮށްގެން ކުރިން ވެސް ލިބުނީ ހިތްދަތި ތަޖުރިބާ ތަކެއް ކަމަށާއި، ބޭނުންވާހާ ހިނދެއްގައި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މަސްދަރު: އޭއެފްޕީ







