ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު ފާހަގަ ކުރާ މި ދުވަހުގެ ޙަރަކާތްތައް މިއަހަރު ވަނީ އީރާނާއި، މެލޭޝިޔާ އާއި، އިންޑޮނޭޝިއާ އާއި، ކަޝްމީރު އަދި ޔަމަން ފަދަ ޤައުމު ތަކުގައި ކުރިއަށް ގެންގޮސްފައި.


މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ބައިނަލްއަގުވާމީ ގުދުސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ފަލަޞްޠީނުގެ ދިދަ ތަކާއި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން | އޭއެފްޕީ
ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވާލައި، އިޒްރޭލް އިން އެ ޤައުމުގެ ބިން ތަކަށް ވެރިވެ ގަނެފައި އޮތް އޮތުމާ ދެކޮޅަށް އަޑު އުފުލައި، އަދި އީރާނަށް އޮތް ތާއީދު ދައްކާލުމުގެ ގޮތުން ބައިނަލްއަޤުވާމީ ޤުދުސް ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަން ކޮޅު ތަކުގައި އެތައް ހާސް ބަޔަކު އަޑު އުފުލައިފި އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު ފާހަގަ ކުރާ މި ދުވަހުގެ ޙަރަކާތްތައް މިއަހަރު ވަނީ އީރާނާއި، މެލޭޝިޔާ އާއި، އިންޑޮނޭޝިއާ އާއި، ކަޝްމީރު އަދި ޔަމަން ފަދަ ޤައުމު ތަކުގައި ކުރިއަށް ގެންގޮސްފަ އެވެ.
އީރާންގެ ވެރި ރަށް ތެހެރާންގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ، އިޒްރޭލް އާއި އެމެރިކާއާ ދެކޮޅަށް އަޑު އުފުލައިފައި، އެ ދެ ޤައުމު ވެސް ނެތި ދިޔުމަށް ގޮވާލައިފަ އެވެ. އެ އެއްވުންތައް ކުރިއަށް ގެންދިޔައިރު، އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް މިހާރު ވަނީ ދެ ހަފުތާ ވެފަ އެވެ.
ޤުދުސް ދުވަހަކީ އީރާންގެ އެންމެ ފުރަތަމަ ރޫހީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމައިނީގެ އިސް ނެންގެވުމުގެ މަތިން 1979 ވަނަ އަހަރު ފާހަގަ ކުރަން ފެށި ދުވަހެކެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގައި ވެސް އަންނަނީ މި ދުވަސް ފާހަގަ ކުރަމުންނެވެ.

މިއަހަރުގެ ޤުދުސް ދުވަސް ދިމާވެފައި ވަނީީ އެެމެރިކާާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ ހަމަލާ ތަކުގެ ތެރެއަށެވެ. އެ ހަމަލާ ތަކުގައި މިހާތަނަށް 1444 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ޤައުމުގެ އިސްވެރިން ވެސް ހިމެނެ އެވެ.
އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލްގެ ހަމަލާތައް މެދު ކެނޑުމެއް ނެތި ކުރިއަށް ދިޔަ ނަމަވެސް، ވެރި ރަށް ތެހެރާން އާއި އެހެން ސިޓީ ތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގު ތަކަށް ނިކުމެ ފަލަސްޠީން އާއި، އީރާން އަށް އޮތް ތާއީދު ދައްކާލައި، އަޑު އުފުލައިފަ އެވެ.
ދުނިޔޭގެ އެހެން ސަރަހައްދު ތަކަށް ބަލާއިރު، ކަޝްމީރުގައި މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ޖަހާފައިވާ ސަންދޯއް ތަކެއްގަައި ހުޅު ޖަހައި އަންދާލައިފަ އެވެ. އަދި އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް އެ ސަރަހައްދުގައި ވަނީ ވަރުގަދަ ޝުއޫރު ތަކާ އެކު އަޑު އުފުލައިފަ އެވެ.

މި ދުވަހާ ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވަން އުޅުނު ހިނގާލުން، އެ ޤައުމުގެ ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި މި ހިނގާލުން ލަންޑަންގައި މަނާ ކުރި ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތް ތަކުން ބުނެފައި ވަނީ، އެ ނިންމުން ނިންމީ މެދު އިރުމަތީގެ މަސްރަހު ގޯސްވެފައިވާ މިންވަރުން، އާންމު މަސްލަހަތު ގެއްލި، ހަމަ ނުޖެހުން ތަކެއް ހިނގައިފާނެތީ އެވެ. މިއީ 2012 ވަނަ އަހަރު ހަރުކަށި ފިކުރުގެ "އިންގްލިޝް ޑިފެންސް ލީގު"ގެ ހިނގާލުންތައް މަނާ ކުރި ފަހުން ލަންޑަންގައި މުޒާހަރާއެއް މަނާ ކުރި ފުރަތަމަ ފަހަރެވެ.
އީރާންގެ ހެލްތު މިނިސްޓްރީ އިން ހާމަ ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް 18،551 މީހުން ވަނީ ޒަޚަމުވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ







