އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައިވާއިރު، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އީރާނާއި ލުބުނާނުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައި. މި ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ސަލާމަތީ މަޝްރަހު ގޯސްވެ، ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާގެ ސަރުކާރަށް ދަނީ އެތެރޭގެ ސިޔާސީ ފިއްތުންތައް ކުރިމަތިވަމުން.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ ކްރީކް ހާބަރުގައި ހުރި އިމާރާތަކަށް އީރާނުގެ ޑްރޯނަކުން ހަމަލާދީފި. | އެކްސް
އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އީރާނާއި އެގައުމުގެ ބައިވެރިން ދަނީ ގަލްފުގެ ގައުމުތަކަށް ހަމަލާދެމުންނެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މި ހަމަލާތައް ސަރަހައްދީ ފެންވަރެއްގައި ފެތުރެމުންދާއިރު، އެމެރިކާގެ ވައިޓް ހައުސްއަށް އޮތް ސިޔާސީ ފިއްތުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހިނގާފައިވާ މުހިންމު ކަންތައްތަކަކީ:
އީރާން
އެންމެ މަތީ ވެރިޔާގެ ބަޔާން: ބައްޕާފުޅު އަވަހާރަކޮށްލުމާ ގުޅިގެން މިދިޔަ ހަފުތާގައި މަގާމާ ހަވާލުވެވަޑައިގަތް އީރާނުގެ އާ ރޫހާނީ އިސްލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ ފުރަތަމަ ފަހަރަށް ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އޭނާ އިންޒާރު ދެއްވީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުނުކުރާހާ ހިނދަކު، އިޒްރޭލާއި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް އޭނާ އާންމުންނަށް މިހާތަނަށް ފެނިފައެއް ނުވެއެވެ.
- އީރާނުގެ އެންމެ މަތީ ވެރިޔާއަށް "އަނިޔާވެފައި"
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. "އެނގިފައިވާ ގޮތުގައި އާ ލީޑަރަށް ވަނީ އަނިޔާވެ، އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި،" ހެގްސެތު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ލީޑަރުން މަރާލުމުގެ ޒިންމާ އުފުލުމަކީ ލިބުނު "ބޮޑު ޝަރަފެއް" ކަމަށާއި، އެއީ "ބުއްދި ފިލާފައިވާ ނުބައި ބައެއް" ކަމަށެވެ.
- ތެހެރާނުގައި ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި ގޮވުންތަކެއް
އިޒްރޭލާއި އީރާނުން އާ ހަމަލާތަކެއް ބަދަލުކުރަމުންދަނިކޮށް، ތެހެރާނުގައި ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ކައިރީގައި ގޮވުންތަކެއް ގޮވައި މަދުވެގެން އެކަކު ވަނީ މަރުވެފައެވެ. މި އެއްވުމުގައި ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލަރިޖާނީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެމެރިކާއާއި އިޒްރޭލަށް "ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅެއް" ދޭނެ ކަމަށް އީރާނުން ވަނީ ވައުދުވެފައެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އެއްވެސް މުޒާހަރާއެއް ކޮށްފިނަމަ، ޖެނުއަރީ މަހަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
- އާންމުންގެ މަރު
ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،444 މީހުން މަރުވެ، 18،551 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި އަށް މަހުގެ ކުޑަކުދިންނާއި 88 އަހަރުގެ މީހުން ހިމެނެއެވެ.
ގަލްފުގެ ގައުމުތަކުގައި ބަދަލުހިފުމުގެ ހަމަލާތައް
އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސިފައިން ތިބޭ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދަނީ ގިނަ އަދަދެއްގެ ޑްރޯންއާއި މިސައިލް ހަމަލާތައް ދެމުންނެވެ. އަދި ތެޔޮ އުފުލާ ބޯޓުތަކަށާއި ތެޔޮ ރައްކާކުރާ ތަންތަނަށް ވެސް ދަނީ ހަމަލާދެމުންނެވެ.
- ނުރައްކާތެރި ހަމަލާއެއް
އޮމާންގެ އުތުރުގެ ސިނާއީ ސަރަހައްދެއްގެ ކައިރިން ޑްރޯންއެއް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
ބަހްރޭން: ހަނގުރާމަ ފެށުނު ފެބްރުއަރީ 28 އިން ފެށިގެން މިހާތަނަށް 114 މިސައިލާއި 190 ޑްރޯން ހުއްޓުވާފައިވާ ކަމަށް ބަހްރޭނުން ރިޕޯޓުކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާ: އެ ގައުމުގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި 10 ޑްރޯންއެއް ހުއްޓުވާފައިވާއިރު، ފަހުން ވަނީ ވައިގެ ސަރަހައްދަށް ވަތް އިތުރު 28 ޑްރޯންއެއް ހަލާކުކޮށްލާފައެވެ.
ޔޫއޭއީ: ސަރަހައްދަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ޔޫއޭއީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށާއި ބައެއް ހޮޓާތަކަށް ހަމަލާތައް އަރާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
މީހުން ބޭރުކުރުން: ޔޫއޭއީ އާއި އިޒްރޭލުގައި ތިބި "މުހިންމު ނޫން" ހުރިހާ އޮފިޝަލުން އެ ގައުމުތަކުން ފޭބުމަށް އޮސްޓްރޭލިއާއިން ވަނީ އަމުރުކޮށްފައެވެ. އަދި ރައްކާތެރިކަމާއެކު ފޭބޭނެ ފުރުސަތު އޮއްވައި މެދުއިރުމަތިން ބޭރުވުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ގަތަރު: ގަތަރުގެ ވައިގެ ސަރަހައްދު ރަސްމީކޮށް ބަންދުކޮށްފައިވީ ނަމަވެސް، އެ ގައުމުގައި ތާށިވެފައި ތިބި މީހުން އަނބުރާ ގައުމަށް ފޮނުވުމަށް ގަތަރު އެއާވޭޒްއިން ވަނީ 140 އަށްވުރެ ގިނަ ޚާއްސަ ފްލައިޓް ބާއްވާފައެވެ. އެމެރިކާގެ ހަކަތައިގެ އަގުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގަތަރުން ގަސްތުގައި އެލްއެންޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އުފެއްދުން ހުއްޓާލާފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ކުރާ ތުހުމަތުތައް ގަތަރުން ވަނީ ދޮގުކޮށްފައެވެ. އޮފިޝަލުން ވިދާޅުވީ އުފެއްދުންތައް ހުއްޓާލަން ޖެހުނީ އީރާނުން ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން ކަމަށެވެ.
އެމެރިކާ
ސިފައިން އިތުރުކުރުން: މެދުއިރުމަތީގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި، ޖަޕާނުގެ އޮކިނާވާގައި ތިބި މެރިން އެކްސްޕެޑިޝަނަރީ ޔުނިޓެއްގެ ގާތްގަނޑަކަށް 2,200 ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.
އެތެރޭގެ ދެކޮޅުވެރިކަން: ހަނގުރާމައަށް ފަންޑުކުރުން ހުއްޓާލުމަށް ގޮވާލައި އެމެރިކާގެ 250 އަށްވުރެ ގިނަ ޖަމިއްޔާއަކުން ވަނީ ކޮންގްރެސްއަށް ސިޓީއެއް ފޮނުވާފައެވެ. އެ ޖަމިއްޔާތަކުން ބުނަނީ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހު ހޭދަކުރި 11.3 ބިލިއަން ޑޮލަރަކީ ކާބޯތަކެތީގެ އެހީ ފަދަ ގައުމުގެ އެތެރޭގެ މުހިންމު ބޭނުންތަކަށް ހޭދަކުރަންޖެހޭ ފައިސާ ކަމަށެވެ.
- އީރާނަށް އެއްގަމު ސިފައިން ފޮނުވަން ނުޖެހޭ
އެމެރިކާގެ ސެނެޓަރ ލިންޑްސީ ގްރަހަމް ވިދާޅުވީ އީރާނަށް އެމެރިކާގެ އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ. "މި ހަނގުރާމަ މިއަދު ނިމޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ވޮޝިންގޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރިޕަބްލިކަން ސެނެޓަރު ވިދާޅުވިއެވެ.
- ޑްރޯން ދިފާއީ ނިޒާމު
އެމެރިކާގެ އަސްކަރިއްޔާއިން ވަނީ 10,000 'މެރޮޕްސް' އިންޓަސެޕްޓަރ ޑްރޯން މެދުއިރުމަތީގައި ގާއިމުކޮށްފައެވެ. ކޮންމެ ޑްރޯންއަކަށް ގާތްގަނޑަކަށް 14,000 އާއި 15,000 ޑޮލަރާ ދެމެދުގެ އަގެއް ހޭދަވާއިރު، މިއީ އީރާނުގެ ޑްރޯންތަކާ ދެކޮޅަށް އަގުބޮޑު މިސައިލް ދިފާއީ ނިޒާމުތަކުގެ ބަދަލުގައި ބޭނުންކުރާ އަގުހެޔޮ ވަސީލަތެކެވެ.
އިޒްރޭލު
- އިޒްރޭލަށް އައު މިސައިލް ހަމަލާތަކެއް
ހުކުރު ދުވަހުގެ ހެނދުނު އީރާނުން އިޒްރޭލަށް އާ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އަދި ހަމަލާގެ އަސަރުކުރާ ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދުމަށް ވަނީ އަންގާފައެވެ.
- ބަސީޖް ފޯސްއަށް ހަމަލާދިނުން
އީރާނުގެ ސަރުކާރުގެ ކޮންޓްރޯލް ދަށްކުރުމުގެ ގޮތުން، ތެހެރާނުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ބަސީޖް ފޯސްއިން ގާއިމުކޮށްފައިވާ ޗެކްޕޮއިންޓްތަކަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
- ވެރިކަން ބަދަލުކުރުން
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް ބޭނުންވާ މަގު އިޒްރޭލަށް ފަހިކޮށްދެވިދާނެ ކަމަށާއި، ނަމަވެސް މަގުތަކަށް ނުކުމެ އެކަން ކުރަންޖެހޭނީ އީރާނުގެ ރައްޔިތުން ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މަޝްރޫއުތައް ބިމުގެ އަޑިއަށް ބަދަލުކުރުން ހުއްޓުވުމަކީ އިޒްރޭލުގެ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލުބުނާނާއި އިރާގު
- އެމެރިކާގެ މަތިންދާބޯޓެއް ވެއްޓުން
އިރާގުގެ ހުޅަނގު ސަރަހައްދަށް ކޭސީ-135 މަރުކާގެ ތެޔޮ އަޅާ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވެސް މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ މި ހާދިސާއަކީ ދެކޮޅުވެރި ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށެވެ. މި ހާދިސާގައި ހިމެނޭ ދެވަނަ ބޯޓު ވަނީ ރައްކާތެރިކަމާއެކު ޖައްސާފައެވެ.
- އިރާގުގެ ބަނދަރުތައް ބަންދުކުރުން
އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮތް އެމެރިކާގެ ތެޔޮ ބޯޓަކަށް ދިން ހަމަލާއެއްގައި އިންޑިއާގެ ފަޅުވެރިއަކު މަރުވުމާ ގުޅިގެން، އިރާގުން ވަނީ އެ ގައުމުގެ ބަނދަރުތަކުގެ އޮޕަރޭޝަންތައް ހުއްޓާލާފައެވެ.
- ފްރާންސް ސިފައިންގެ މީހަކު މަރުވުން
އިރާގުގެ ކުރުދީ ސަރަހައްދުގައި އީރާނުގެ ޑްރޯން ހަމަލާއެއްގައި ފްރާންސް ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އެމީހާގެ ކޮމާންޑަރު ބުނެފިއެވެ. މިއީ މި ހަނގުރާމައިގައި ފްރާންސް ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ބޭރުގެ ސިފައިން ތިބޭ ސަރަހައްދުތަކަށް އަމާޒުކޮށް އީރާނަށް ތާއީދުކުރާ ގްރޫޕްތަކުން ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ.
- މަރުވާ މީހުން އިތުރުވުމާއި ގެދޮރު ދޫކޮށް ދިއުން
މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 687 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ އޮފިޝަލުން ބުނެއެވެ. މީގެ ތެރޭގައި 98 ކުޑަކުދިން ހިމެނެއެވެ. ވަރުގަދަ ބޮން އެޅުންތަކުގެ ސަބަބުން 700,000 އާއި 750,000 އާ ދެމެދުގެ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
- ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބެއިރޫތުގައި
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ އޭނާ ބެއިރޫތަށް ވަޑައިގަތީ ލުބުނާނާއެކު ސާބިތުކަމާއެކު ހުރިކަން ހާމަކުރުމަށް ކަމަށެވެ.






