އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި
އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާއި އެ ގައުމުގެ އަސްކަރީ އަދި އިންޓެލިޖެންސް އިސް އޮފިޝަލުންގެ މައުލޫމާތު ހޯދުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 10 މިލިއަން ޑޮލަރުގެ އިނާމެއް އިއުލާންކޮށްފި. އީރާނުގެ ލީޑަޝިޕް ބިރުން ފިލައި "ބިންގަރާސްތަކުގައި" އުޅޭ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެފައި ވަނިކޮށް، ހުކުރު ދުވަހު ތެހެރާންގައި ބޭއްވި އެއްވުމެއްގައި ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ އެކު ލަރީޖާނީ ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައި.

ތެހެރާންގައި ބޭއްވި އެއްވުމެއްގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާއެކު ލާރިޖާނީ ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ހުކުރު ދުވަހު ވަނީ އާންމުވެފައި. | އެކްސް
އީރާނުގެ އާ ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ހިމެނޭހެން، އެ ގައުމުގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ އިސް އޮފިޝަލުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދިނުމަށް އެމެރިކާ އިން ހުށަހަޅައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ ގޮތުން، މި އިނާމު ކަނޑައަޅާފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގުޅުންހުރި 10 އޮފިޝަލަކާ ބެހޭ މައުލޫމާތު ހޯދުމަށެވެ. 1979 ވަނަ އަހަރުގެ އީރާނުގެ އިސްލާމީ އިންގިލާބަށްފަހު އުފެއްދި މި އަސްކަރީ ފައުޖަކީ، އެ ގައުމުގެ ރޫހާނީ ލީޑަރަށް ވަފާތެރި، ދީނީ ނިޒާމު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފައުޖެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އަވަހާރަވުމާ ގުޅިގެން، އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ވަނީ ދާދިފަހުން ރޫހާނީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އެ ހަމަލާތަކުގައި އަނިޔާވި ކަމަށް ބެލެވޭ މުޖުތަބާ ޚާމަނާއީ، މިދިޔަ ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރުއްވި ނަމަވެސް، އެ ހަމަލާތަކަށްފަހު އަދި އާންމުންގެ ތެރެއަށް ފެނިފައެއް ނުވެއެވެ.
އާ ރޫހާނީ ލީޑަރުގެ އިތުރުން، އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ، އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބު، އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޯމެނީ އަދި ޚާމަނާއީގެ އޮފީހުގެ ދެ އޮފިޝަލެއްގެ މައުލޫމާތު ހޯދުމަށް ވެސް އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ލީޑަޝިޕް ބިރުން ފިލައި "ބިންގަރާސްތަކުގައި" އުޅޭ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެފައި ވަނިކޮށް، ހުކުރު ދުވަހު ތެހެރާންގައި ބޭއްވި އެއްވުމެއްގައި ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ އެކު ލަރީޖާނީ ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ރޮއިޓާސް އިން ވަނީ ކަށަވަރުކޮށްފައެވެ.
އިނާމު އިއުލާންކޮށްފައިވާ ވެބްސައިޓުގައި އައި.އާރް.ޖީ.ސީގެ ކޮމާންޑަރާއި ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ ހިމެނޭހެން އިތުރު ހަތަރު އޮފިޝަލެއްގެ ވާހަކަ ބަޔާންކޮށްފައިވީ ނަމަވެސް، އެ މީހުންގެ ނަމެއް ނުވަތަ ފޮޓޯއެއް ހިމަނާފައެއް ނުވެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ފަރާތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ އަމަލުތައް ރާވައި، އިންތިޒާމުކޮށް، ހިންގަމުންދާ އައި.އާރް.ޖީ.ސީ އަށް އިރުޝާދުދޭ މީހުންނެވެ.
އީރާނުގެ ބަންދު ދުވަސް ކަމަށްވާ ހުކުރު ދުވަހު މިކަމާ ގުޅޭގޮތުން ރިވޮލިއުޝަނަރީ ގާޑްސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ނިއުޔޯކުގައި ހުންނަ އީރާނުން އދ. އަށް ކަނޑައަޅާފައިވާ މިޝަނުން ވެސް މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ ރައްޔިތުން މަރުވި ހަމަލާތަކުގެ ޒިންމާ އައި.އާރް.ޖީ.ސީން އުފުލަންޖެހޭނެ ކަމަށް ތުހުމަތުކޮށް، އެމެރިކާ އިން ވަނީ އެ ޖަމާއަތަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރު އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ އެހެން އޮފިޝަލުން އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް ވެސް ވޮޝިންޓަނުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް، ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ. އީރާނުގެ އޮފިޝަލުން އަބަދުވެސް ބުނަމުންދަނީ އެމެރިކާ އިން ކުރާ ޓެރަރިޒަމްގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ހަމަލާތަކެއް ކަމަށާއި، އެއީ އެ ގައުމަށް ފިއްތުންތައް ކުރިމަތިކުރުވައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދައްކާ ބަހަނާތަކެއް ކަމަށެވެ.
މަސްދަރު: ރޮއިޓާސް






