ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި
ރަމަޟާން މަހުގެ ފަހު ދިހައިގައި އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މާލެ ސަރަހައްދުގައި ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:15 އިން މެންދުރު 1:00 އަށް. އަތޮޅުތަކުގެ ސިޓީތަކާއި ރަށްތަކުގައި ޕާސްޕޯޓާއި ވިސާގެ ހިދުމަތް ދިނުމަށް ވަކި ހާއްސަ ގަޑިތަކެއް ކަނޑައަޅާފައިވޭ.


އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިދުމަތް ދެނީ | ޕީއެސްއެމް
މި ރަމަޟާން މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުގެ ހިދުމަތްތައް ދޭނެ ގަޑިތަކާއި އުސޫލު އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.
މި އިއުލާނުގައި ޕާސްޕޯޓް، ވިސާ އަދި ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް ދޭނެ ގަޑިތަކާއި ތަންތަން ވަނީ ތަފްސީލްކޮށްފަ އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ލިބޭނެ އެވެ. ނަމަވެސް މާލެ އަދި ހުޅުމާލޭގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށްޓަކައި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:15 އިން ފެށިގެން މެންދުރު 1:00 އަށެވެ. ހުކުރު ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން ފެށިގެން ހެނދުނު 11:00 އަށެވެ.
އައްޑޫ ސިޓީގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 09:15 އިން ފެށިގެން މެންދުރު ބާރަ ޖަހަންދެން ކުރިއަށްދާނެ އެވެ. އަތޮޅުތަކުގެ އެހެން ސިޓީތަކާއި ރަށްތަކުގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު ބާރަ ޖަހަންދެން ވަކި ހާއްސަ ދުވަސްތަކެއްގަ އެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީގައި މާރިޗު 9، 10، 15، 16 އަދި 17 ވަނަ ދުވަހު ހިދުމަތް ދޭއިރު، ފުވައްމުލަކު ސިޓީގައި މާރިޗު 10، 15 އަދި 17 ވަނަ ދުވަހު ހިދުމަތް ލިބޭނެ އެވެ. ތިނަދޫ ސިޓީގައި މާރިޗު 9، 12 އަދި 19 ވަނަ ދުވަހު، ހއ. ދިއްދޫގައި މާރިޗު 9، 11 އަދި 18 ވަނަ ދުވަހު، ލ. ފޮނަދޫގައި މާރިޗު 10، 12 އަދި 17 ވަނަ ދުވަހު، އަދި ދ. ކުޑަހުވަދޫގައި މާރިޗު 10، 15 އަދި 17 ވަނަ ދުވަހު ހިދުމަތް ދޭނެ އެވެ. މީގެ އިތުރުން ށ. ފުނަދޫ އަދި ބ. އޭދަފުށީގައި ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ މާރިޗު ނުވަ ވަނަ ދުވަހު އެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނުވަތަ އެމެޖެންސީކޮށް ޕާސްޕޯޓުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުމުން އެ ޚިދުމަތް ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ވިސާގެ ހިދުމަތްތަކަށް ބަލާއިރު، އިމުގަ ޕޯޓަލް މެދުވެރިކޮށް އީ-ވިސާ އަށް އެދި ހުށަހެޅޭނެ އެވެ. މާލޭގައި ހުންނަ އިމިގްރޭޝަންގެ މައި އޮފީސް ސްޓާ ކްލައުޑްގެ އަށްވަނަ ފަންގިފިލާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން މެންދުރު އެކެއް ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ. އަދި އިމިގްރޭޝަން އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން މެންދުރުފަހު ދޭއް ޖަހާއިރަށް ލިބޭނެ އެވެ.
ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކާ ގުޅޭ ސީޕޯޓްގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފަތިހު 5 ޖަހާއިރުން ފެށިގެން މެންދުރު 12:00 އަށް، މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 5:30 އަށް، އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ހިދުމަތް ދޭނެ އެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 2:30 އިން ފެށިގެން ހަވީރު 5:30 އަށް، ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އަދި ފަތިހު 5:30 އިން ފެށިގެން ހެނދުނު 8:00 އަށެވެ.
އަތޮޅުތަކުގެ ސީޕޯޓުތައް ކަމަށްވާ ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ އިން މި މުއްދަތުގައި ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށެވެ.






