މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތަކާއި ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ރައީސް ވަނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލް މެންބަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް އުވާލާ ބައެއް މުވައްޒަފުންގެ މުސާރައަށް ނުރަނގަޅު ބަދަލު ވަނީ އައިސްފައި.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. | ގެޓީ އިމޭޖަސް
މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެ ވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގައި ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތެވެ. މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ވަނީ ފަހިވެފަ އެވެ.
އަދި މި ވޭތުވެދިޔަ ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ޙަޤީޤަތަކަށް ވެފައިވާ ކަމަށެވެ. ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފައި ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ރަށްތަކުގެ ޞިއްޙީ، ތަޢުލީމީ އަދި މިނޫން އިޖުތިމާޢީ ޚިދުމަތްތައް ވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭޓީއެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށް ފަހު ޙަޤީޤަތަކަށް ހަދައިދީފައިވާ ކަމަށެވެ. ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރައްވާނެ ކަމަށާއި، މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޚިޔާލު ސަރުކާރުން ވަނީ ހޯދައިފައި ކަމަށް ރައީސް ވިދާޅުވި އެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވަމުން ދިޔުން ކަމަށެވެ.
ލާމަރުކަޒީ ދުވަހުގެ ހިތާބު ރައީސް ފޮނުއްވާ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އިރު، ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮތް ރައޔްިތުންގެ މަޖިލިސް ބޭނުންކޮށްގެން ލާމަރުކަޒީ ގާނޫނަށް އެތައް އިސްލާހެއް ގެނެސް، ކައުންސިލަތަކުގެ މެންބަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް ވަނީ އުވާލާފަ އެވެ. މީގެ އިތުރުން ޕޭ ފްރޭމް ވޯކް އަށް ގެނައި ބަދަލާއެކު ކައުންސިލް އިދާރާގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ އިތުރުން ލީގަލް ދާއިރާގައި ހަރަކާތްތެރިވާ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ވަނީ ކުޑަވެފަ އެވެ.







