މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން ރައީސް ޑރ. މުއިއްޒު ބަލައިނުގަނެ، އެ ސަރަހައްދަކީ ރާއްޖޭގެ ބައެއްކަން ހާމަކުރުމަށް އަސްކަރީ ހާއްސަ އޮޕަރޭޝަނެއް ފައްޓަވާފައިވޭ. އެމްއެންޑީއެފްގެ މިސައިލް އުޅަނދުތަކާއި ޑްރޯންތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނަކީ ރާއްޖޭގެ ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ހިންގާ ހަރަކާތެއް ކަމަށް ބުނެފައިވޭ.


ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއް ވަނީ ފަށާފައި. | އެމްއެންޑީއެފް
ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކޭއާރް ސްޓާމާ ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އެ ސަރަހައްދަކީ ދިވެހިރާއްޖޭގެ މިލްކުވެރިކަން އޮތް ތަނެއްކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގެ މިސައިލް އުޅަނދެއް ޗާގޯސް ކައިރީގައިވާ އިނގިރޭސި ކަނޑުގެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އިނގިރޭސީވިލާތުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފި އެވެ.
އިނގިރޭސީވިލާތުގެ ނޫހެއް ކަމަށްވާ އެކްސްޕްރެސް ގައި ބުނެފައިވަނީ މިސައިލާއި ދެ ބާވަތެއްގެ ބޮޑުބަޑި ހަރުކޮށްފައިވާ ހަމަލާދޭ އުޅަނދު ޗާގޯސްއަށް ފޮނުވާފައިވަނީ، ދިވެހި އަސްކަރިއްޔާއިން ސިފަކުރާ ގޮތުގައި "ޚާއްސަ ސަވައިލަންސް އޮޕަރޭޝަނެއް" ގަ އެވެ. މި އުޅަނދާއެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާ ކޯގެ ސަވައިލަންސް ޑްރޯންތަކެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ބޭރުގެ ބައެއް އުޅަނދުފަހަރު އެމްއެންޑީއެފްގެ އުޅަނދުން ވަނީ ހުއްޓުވާފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމާއި، ކިއަރ ސްޓާމާގެ އެ ހުށަހެޅުމުގެ މުޅި ގާނޫނީ އަސާސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީކޮށް ބާތިލުކުރައްވާފައިވާ ކަމަށް ވެސް މި ލިޔުމުގައި ވެ އެވެ.
މި އެއްބަސްވުމަކީ "ޒިންމާދާރުކަން ކުޑަ" އަދި ރާއްޖޭގެ ސަރަހައްދީ ނަޒާހަތްތެރިކަމަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފައިވެ އެވެ. އަދި ތާރީޚީ އަދި އާސާރީ ހެކިތަކުން ސާބިތުވާ ގޮތުގައި ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށާއި، އެތަނާ މޮރިޝަސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ޗާގޯސް ޖަޒީރާއާ ދެމެދު ހުރީ ގާތްގަނޑަކަށް 310 މޭލެވެ. ނަމަވެސް މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއާ އެ ޖަޒީރާތަކާ ދެމެދު 1,300 މޭލުގެ ދުރުމިނެއް ހުރެއެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެ ނަމަ، ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މުހިންމު މަރުކަޒު މިހާރުވެސް އޮތް އުސޫލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
2025 ވަނަ އަހަރުގެ މެއި މަހު ސްޓާމާ ސޮއިކުރެއްވި އިނގިރޭސި-މޮރިޝަސް މުއާހަދާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެއީ އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދެއް ދޫކޮށްލުމުގެ އިތުރުން، އިނގިރޭސި ޓެކްސް ދައްކާ މީހުންގެ އަތުން 35 ބިލިއަން ޕައުންޑާއި 80 ބިލިއަން ޕައުންޑާ ދެމެދުގެ ބޮޑު ޚަރަދެއް މިކަމަށް ހިނގާނެތީ އެވެ.
އެކްސްޕްރެސް ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މި ގާނޫނީ ގޮންޖެހުމުގެ ސަބަބުން މުޅި މި މަރުހަލާ ހުއްޓުމަކަށް އަތުވެދާނެ އެވެ. އަދި ކަނޑުގެ ސަރަހައްދަށް އަސްކަރީ އުޅަނދު ފޮނުވުމުން މި މައްސަލަ މިވަނީ އިތުރަށް ހޫނުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ، ދިވެހިންގެ މެދުގައި "ފޯޅަވަހި" ގެ ނަމުން މަޝްހޫރުވެފައިވާ ޗާގޯސް ޖަޒީރާއާ ރާއްޖެއާ ތާރީޚީ ގުޅުންތަކެއްވާ ކަމަށެވެ. އަދި ލިޔެކިޔުންތަކުން ފެންނަން ހުރި މި ހެކިތަކުގެ ސަބަބުން، އެހެން ކޮންމެ ގައުމަކަށްވުރެ ބޮޑަށް އެ ސަރަހައްދުގެ މިލްކުވެރިކަމުގެ ހައްގު ރާއްޖެއަށް ބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްދާ "ޚާއްސަ އޮޕަރޭޝަން" އަކީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ (އީއީޒެޑް) ބައެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތައް ބަލަހައްޓައި ހިމާޔަތްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް މުއިއްޒު ވަނީ، ޗާގޯސް ޖަޒީރާ މޮރިޝަސްއަށް ލިބޭ ގޮތަށް 2023 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނެރުނު ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ކުރީގެ ސަރުކާރުން އެ ނިންމުން ގަބޫލުކުރި ނަމަވެސް، ގާނޫނީ އަދި ސިޔާސީ ލަފާ ހޯއްދެވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ނިންމުން ބާތިލުކުރައްވާފަ އެވެ. އެއީ އެ ނިންމުމަކީ އަމަލުކުރުން ލާޒިމު ނޫން އިރުޝާދީ ލަފައަކަށް ވާތީ އެވެ.
ރައީސް މުއިއްޒު އަސްކަރީ އޮޕަރޭޝަންތަކުގެ ގާނޫނީ އަސާސެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެމްއެންޑީއެފުން ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް "ބަލައި ފާސްކުރުމުގެ" (ސަވައިލަންސް) މަސައްކަތް ކަމަށާއި، މިއީ އަސްކަރީ ހަމަލާއެއް ދިނުމުގެ އަމަލެއް ނޫން ކަމަށެވެ.
ކޭއާރް ސްޓާމާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ޗާގޯސްގެ މައްސަލައަކީ އިނގިރޭސީވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ދޭދޭ މައްސަލައެކެވެ. ނަމަވެސް މީގެ ކުރިން އދ. އާއި ބައިނަލްއަގުވާމީ ކޯޓުން ވަނީ ޗާގޯސްގެ ހައްގުވެރި ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ނިންމާފަ އެވެ.








