ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި
މި ރަމަޟާން މަހުގެ ކަރަންޓު ބިލުތަކުން ދޭ ޑިސްކައުންޓަށްވާ ފައިސާ ސަރުކާރުން ދައްކާނެ ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، އެކަމުގެ ތަފްސީލު ހޯދުމަށް އާރްޓީއައި ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައި. އަދި މިދިޔަ އަހަރުގެ ޑިސްކައުންޓް ފައިސާ ސަރުކާރުން ދެއްކި ގޮތުގެ ތަފްސީލު ވެސް ހާމަކޮށްފައި ނުވޭ. މީގެ އިތުރުން، ޑިސްކައުންޓަށް ފަހު އަންނަ ބިލުތައް އާދަޔާ ހިލާފަށް ބޮޑުވާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ތުހުމަތުތައް ވެސް ވަނީ އިތުރުވެފައި.


ސްޓެލްކޯގެ ހެޑް އޮފީސް. މިދިޔަ ރަމަޟާން މަހު ވެސް ޑިސްކައުންޓް ދިން ނަމަވެސް ފަހުން ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލު ދެގުނަ ބޮޑުވި ކަމަށް ގިނަ ރައްޔިތުން ބުނެފައިވޭ. | ސްޓެލްކޯ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން ''ރައިޓް ޓު އިންފޮމޭޝަން'' (އާރްޓީއައި) ހުށަހެޅުމަށް އެކުންފުނިން ބުނެފި އެވެ.
14 ނޮވެންބަރު 2025 ގައި ޕީއެންސީން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މިރަމަޟާން މަހުގެ ކަރަންޓު ބިލު، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރު ކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ސްޓެލްކޯއިން ކުރިއަށް ގެންގޮސްފައިވެ އެވެ.
ސްޓެލްކޯއިން ކަރަންޓު ބިލުތަކަށް ބޮޑު ޑިސްކައުންޓެއް ދޭއިރު، އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ދައްކާ ގޮތާއި ގުޅޭގޮތުން ރާއްއެމްވީން ސްޓެލްކޯގެ މީޑިއާ އޮފިޝަލްއާ ސުވާލު ކުރުމުން ވިދާޅުވީ، އެ ފައިސާ ދައްކާނީ ސަރުކާރުން ކަަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރަމަޟާން މަހު ކަރަންޓު ބިލަށް ދިން ޑިސްކައުންޓުން ސްޓެލްކޯއަށް ލިބެން ޖެހޭ ފައިސާ ސަރުކާރުން ދިނީ ކޮންއިރަކުތޯއާއި، މިދިޔަ އަހަރުގެ ފައިސާ ދެއްކީ ކިހިނެތްތޯއާއި، މިއަހަރު ރޯދަ މަހު ކަރަންޓު ބިލަށް ދޭ ޑިސްކައުންޓާއެކު، ސަރުކާރުން ސްޓެލްކޯއަށް ކިހައި އަދަދެއްގެ ފައިސާއެއް ދައްކަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭތޯ އަދި ފައިސާ ޖަމާކުރަނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ތޯ ސުވާލު ކުރުމުން، އޮފިޝަލް ވިދާޅުވީ މި ސުވާލުތަކަށް ޖަވާބު ދެވެން ނެތް ކަމަށާއި، އާރްޓީއައި ހުށަހެޅުމަށް އެދޭ ކަމަށެވެ.
އާރްޓީއައި ހުށަހަޅަން ނުޖެހި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިސަރުކާރު ވަރަށް ގިނަ މައުލޫމާތުތައް ނުދީ ސިއްރުކުރާ މައްސަލަ ބޮޑެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދީފައިވެ އެވެ. ނަމަވެސް ސްޓެލްކޯއަށް ލިބެން ޖެހޭ ފައިސާ ދިން ގޮތް ހާމަ ކޮށްފައިނުވެ އެވެ.
އާއްމު ރައްޔިތުން ސްޓެލްކޯއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު، ކަރަންޓު ބިލުތަކަށް ޑިސްކައުންޓް ދިނުމަށްފަހު، ދެން އަންނަ ބިލެއް ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިގޮތަށް ޑިސްކައުންޓް ބޭނުން ނުވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބިލަށް 400 ރުފިޔާ އަރާ ގޭބިސީތަކަށް 4000 ރުފިޔާ އަށް ވުރެ މަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ބައެއް ރައްޔިތުން ބުނެފައިވެ އެވެ.
ކަރަންޓު ބިލާއި ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ސްޓެލްކޯއިންނާއި، އެމްޑަބްލިޔުއެސްސީން މިކަން ދޮގު ކުރެ އެވެ. ނުހޯދާ ޚިދުމަތަކަށް ބިލު ނުކުރާ ކަމަށާއި، އެގޮތަށް ތުހުމަތުތައް ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.








