ދިމްޔާތުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ، އެކަމަކު މުލިއާގޭގައި ކެންޕޭނެއް ނުހިންގޭނެ: މެންބަރު މީކާއީލް
މުލިއާގެއަކީ އިހްތިރާމް ލިބިގެންވާ ގެކޮޅެއްކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ރައީސް ކަމަށް އިންތިޚާބު ކުރާ ބޭފުޅަކު ދިރިއުޅުއްވަން އެގެކޮޅު ދައުލަތުން ހަމަޖައްސައި ހަރަދު ކުރަނީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށް. އެހެންކަމުން އެތަނުގައި ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވި.


ސިނަމާލެ އާއި މާލެ ހިޔާ ފްލެޓު ތަކުގެ ވެރިންނާ ބައްދަލު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް
ރައީސް ޑރ.މުހައްމަދު މުއިއްޒު މ.ދިމްޔާތުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ ކަމަށާއި، މުލިއާގޭގައި ކެންޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ދިވެހީން ވަރަށް ގިނަ ވެރިކަންތައް ދެކިފައިވާ ކަމަށާއި، ރައީސް މުއިއްޒު އުޅުއްވާ ގޮތަށް އެއްވެސް ވެރިއަކު މިހާތަނަށް ކަންތައްތައް ކުރައްވާފައިނުވާ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ހަމައާއި އުސޫލު އޮންނަ ކަމަށާއި، އެއްވެސް އުސޫލަކަށް އަދި ޕްރޮޓޮކޯލް އަކަށް އެމަނިކުފާނު ނުބައްލަވާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
މުލިއާގެއަކީ އިހްތިރާމް ލިބިގެންވާ ގެކޮޅެއްކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ރައީސް ކަމަށް އިންތިޚާބު ކުރާ ބޭފުޅަކު ދިރިއުޅުއްވަން އެގެކޮޅު ދައުލަތުން ހަމަޖައްސައި ހަރަދު ކުރަނީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށެވެ. އެހެންކަމުން އެތަނުގައި ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒު މުލިއާގޭގައިކެންޕޭން ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ މ.ދިމްޔާތުގައި ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެކަމަށް ފާޑު ކިޔާނެ މީހެއް ނުހުންނާނެ ކަމަށެވެ.
އިންތިިޚާބަށް ދޮޅުމަސް ދުވަހަށް ވެފައި އޮއްވާ ރައީސް މުއިއްޒު މުލިއާ ގޭގައި ޕީއެންސީގެ ކެންޑިޑޭޓުން އަރިހުގައި ބައިތިއްބައިގެން މި ވެސް ކޮރަޕްޝަނެއް ނުންތޯ. މުލިއާގޭގައި ކިހިނެތްތޯ ޑަބްލިޔުޑީސީގެ ރައީސާ ކަމަށް ވާދަކުރައްވާ އަލައިކާ ބައިންދާގެން، މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު ބައިންދާގެން އަޅުގަނޑުމެންގެ ދާއިރާގެ ކެންޑިޑޭޓުތަކަށް ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އެތާގައި ބައިންދާގެން ކޮން ޗަރުކޭހެއްތޯ މިކުޅެނީ. އަޅުގަނޑުމެންގެ ފައިސާއިންނޭ ތި ހަރަދު ކުރައްވަނީ. މުލިއާ ގެއަކީ އެމަނިކުފާނު ދިރިއުޅުއްވަން ދީފައި ހުންނަ ގެކޮޅެއް އެނގޭތޯ. އެއީ އެމަނިކުފާނު ކެންޕޭން ހިންގަން ދިވެހި ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން ދިވެހި ދައުލަތުން އެސައިންކޮށްފައި އޮތްތަނެއް ނޫން އެއީ. އެމަނިކުފާނަށް ވަރަށް ބޮޑަށް އޮޅިވަޑައިގެން އެއުޅުއްވަނީ. އެގޮތަށް މީޓިން ބާއްވަން ބޭނުންވަންޏާ މާފަންނު ދިމްޔާތު ހުންނާނެ ދިމްޔާތު ގެސްޓްހައުސްގެ ރޫމްތައް ހުންނާނެ އެތާގައި ބާއްވަވާ. މުލިއާ ގެއަކީ ހުރުމަތްތަރިކަމާއެކު އެތަނަށް ދޭން ޖެހޭ ރެސްޕެކްޓް ދޭން ޖެހޭނެ. އަޅުގަނޑުމެން އެތަނަށް އިހުތިރާމް ކުރަން ޖެހޭނެ.ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް
މެންބަރު މީކާއީލް މިހެން ވިދާޅުވިއިރު، 16 ފެބްރުއަރީ 2026 ވީ ހޯމަ ދުވަހުގެ ހަވީރު މުލިއާގޭގައި ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ބައިވެރިވެވަޑައިގަތެވެ. އަދި އަރީޝް ވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު ގައި ވާދަ ކުރައްވަ އެވެ.
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، މަސައްކަތް ހުއްޓިފައިވާއިރު، ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން ރައީސް މުއިއްޒު ވެސް ނިންމެވީ ވެސް މި ބައްދަލު ކުރެއްވުމުގަ އެވެ.
މިކަމާއި ގުޅިގެން އިންތިޚާބަށް މުލިއާގޭގައި ކެންޕޭން ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާ ކޮށްފައިވާ ކަމަށާއި، މިއީ ފާޅުގައި ރިޝްވަތުގެ ފައިސާ ބެހުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިމައްސަލަ ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.








