ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި
ފަރާޖް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަސްއޫލުވެރިޔަކު އޭނާ އަށް ގުޅުއްވި ކަމަށް. އަދި އޭނާ އެ ރަށަށް ދިޔަ ނުދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމުގެ މައުލޫމާތު އެ މަސްއޫލުވެރިޔާ ދީފައިވާ ކަމަށް ފަރާޖް ވިދާޅުވި.


ރާއްޖޭގައި ހުންނަވައި ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖް ނަގާފައިވާ ވީޑިއޯގެ ތެރެއިން | ސޯޝަލް މީޑިއާ
ޗާގޯސްގެ ރަށް ތަކުގައި ވަޒަންވެރި ވުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކާގެ ލީޑަރު ނައިޖެލް ފަރާޖް ފެއްޓެވި އިންސާނީ އެހީގެ މިޝަން އަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.
ފަރާޖް މިވަގުތު ހުންނެވީ ދިވެހި ރާއްޖޭގަ އެވެ. އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ ޗާގޯސްގެ ފަޅު ރަށް ތަކުގައި ވަޒަންވެރިވާން އުޅޭ ހަތަރު މީހަކަށް ބޭނުންވާ ކާބޯ ތަކެއްޗާއި، ބޭހުގެ ސާމާނު ފޯރުކޮށްދިނުމަށެވެ.
"ދަ ޓެލެގްރާފް" ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ފަރާޖް ވިދާޅުވީ، އޭނާ ޗާގޯސްގެ ރަށެއް ކަމަށްވާ އީލް ޑޫ ކޮއިން އަށް ވަޑައިގަތުމަށް ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށާއި، އެކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް އިނގިރޭސި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ފަރާޖް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަސްއޫލުވެރިޔަކު އޭނާ އަށް ގުޅުއްވި ކަމަށެވެ. އަދި އޭނާ އެ ރަށަށް ވަޑައިނުގަތުމަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމުގެ މައުލޫމާތު އެ މަސްއޫލުވެރިޔާ ދީފައިވާ ކަމަށް ފަރާޖް ވިދާޅުވި އެވެ.
އެކަން ފާހަގަ ކުރައްވައި ފަރާޖް ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތަކު، އިނގިރޭސި ސަރަހައްދަކަށް ދިޔުން ހުއްޓުވަން މަސައްކަތް ކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ދަތުރުގައި ފަރާޖް ޗާގޯސް އަށް ވަޑައި ގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ސަލާމަތީ ސަބަބުތަކާއި، އުޅަނދަށް ދިމާވި މެކޭނިކަލް މައްސަލަތަކާ ގުޅިގެން މިހާރު އޭނާ ވަނީ ދަތުރުގައި ބައިވެރިވެވަޑައި ނުގަތުމަށް ނިންމަވައިފަ އެވެ. މީގެ އިތުރުން، އެ އުޅަނދުގައި ހަމައެކަނި ތަމްރީނު ލިބިފައިވާ ފަޅުވެރިން ތިބުމަށް އިނގިރޭސި އިދާރާ ތަކުން ބާރު އެޅުމަކީ ވެސް އޭނާ ދަތުުރުގައި ބައިވެރި ނުވާން ނިންމެވި ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެންކަމުން، އެހީގެ ސާމާނު ހިފައިގެން ދަތުރު ކުރާ ބޯޓު ނުވަތަ، އުޅަނދު ފުރުވުމަށް ފަހު ފަރާޖް އަލުން އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.
ޗާގޯސްގެ މައްސަލަ އަކީ ބައިނަލްއަޤުވާމީ ގޮތުން ބޮޑު ބަހުސެއް ހިނގަމުންދާ މައްސަލަ އެކެވެ. 1960 ވަނަ އަހަރާއި، 1970 ވަނަ އަހަރު ތަކުގައި ޑިއޭގޯ ގާސިއާހައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި އެ ސަަރަހައްދުން ގާތް ގަނޑަކަށް 2000 މީހުން ވަނީ މަޖުބޫރުން ބޭރު ކޮށްލައިފަ އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ވަނީ، އެ ޖަޒީރާ ރަށް ތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޯށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 100 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން 35 ބިލިއަން ޕައުންޑު ހޭދަ ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ފަރާޖްގެ މި ދަތުރާ ގުޅިގެން އިނގިރޭސި ފޮރިން އޮފީހުގެ ބަހެއް ހޯދުމަށް މީޑިއާ ތަކުން މަސައްކަތް ކޮށްފައި ވީ ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. މިހާތަނަށް ފޮރިން އޮފީހުން ރަސްމީ ގޮތުން ޖަވާބެއް ދީފައި ނުވެ އެވެ. ފަރާޖްގެ މި ދަތުރަކީ ހަމައެކަނި އިންސާނީ އެހީގެ މިޝަނެއް ކަަމަށާއި، އޭނާގެ ސަބަބުން މި އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް އެޅެން ބޭނުން ނުވާ ކަމަށް ފަރާޖް ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: ޖީބީ ނިއުސް







