އެއްބަސްވުން އައު ކުރުމަށް ފަހު ޓުޗެލް ބުނީ، ފުރަތަމަ ދުވަހުން ފެށިގެން ހުރީ ހިތްހަމަ ޖެހިގެން ކަމަށް
އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ރަނގަޅު ނަތީޖާ ތަކެއް ނެރެފައިވާއިރު، އެކަމަށް އިޝާރާތްކޮށް ޓުޗެލް ބުނީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އިންތިހާ އަށް ފަޚުރުވެރިވާ ކަމަށް. އޭނާ ބުނީ އިންގްލެންޑް އިން ނަތީޖާ ނެރެނީ މަސައްކަތް ކޮށްގެން ކަމަށާއި، އިންގްލެންޑުގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށް.


އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް | ގެޓީ އިމޭޖަސް
ފުރަތަމަ ދުވަހުން ފެށިގެން ވެސް، އިންގްލެންޑުގެ ޤައުމީ ޓީމުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް ބުނެފި އެވެ.
އުމުރުން 52 އަހަރުގެ ޓުޗެލް، އިންގްލެންޑުގެ ކޯޗުކަމާ ހަވާލުވީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އިންގްލެންޑުގެ ކޯޗުކަމާ އޭނާ ހަވާލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ މިއަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އިންގްލެންޑް އިން ޓުޗެލްއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ ވެސް ވޯލްޑް ކަޕަށް ކޮލިފައިކޮށް، ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.
ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ވަނީ މިހާތަނަށް ރަނގަޅު ނަތީޖާ ތަކެއް ނެރެފަ އެވެ. އެގޮތުން ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އިންގްލެންޑް ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ޖުމުލަ 10 މެޗު ކުޅުނުއިރު، ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވެފައި ވަނީ ރަޙުމަތްތެރި ކަމުގެ މެޗެއްގަ އެވެ.
އިންގްލެންޑް އިން ވަނީ ޓުޗެލްގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، 2028 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށް ޓުޗެލް އިންގްލެންޑަށް އިރުޝާދު ދޭނެ އެވެ. އިންގްލެންޑުގެ އެއްބަސްވުން އައު ކުރުމަށް ފަހު ޓުޗެލް ބުނެފައި ވަނީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އިންގްލެންޑުގައި އޭނާ ހުރީ އުފަލުން ކަމަށެވެ. މިހާތަނަށް އިންގްލެންޑާ އެކު ހޭދަ ކުރި ކޮންމެ މިނެޓަކާ މެދު ވެސް އޭނާ އުފާވާ ކަމަށް ޓުޗެލް ބުންޏެވެ.
އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ރަނގަޅު ނަތީޖާ ތަކެއް ނެރެފައިވާއިރު، އެކަމަށް އިޝާރާތްކޮށް ޓުޗެލް ބުނީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އިންތިހާ އަށް ފަޚުރުވެރިވާ ކަމަށެވެ. އޭނާ ބުނީ އިންގްލެންޑް އިން ނަތީޖާ ނެރެނީ މަސައްކަތް ކޮށްގެން ކަމަށާއި، އިންގްލެންޑުގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. އަދި އެ ޓީމާ އެކު ކާމިޔާބާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޓުޗެލް ބުންޏެވެ.
އިންގްލެންޑަކީ ޓުޗެލްގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދު ދޭ ފުރަތަމަ ޤައުމީ ޓީމެވެ. ކޯޗިންގައި އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާ ޓުޗެލް މީގެ ކުރިން ވަނީ، ބޮރޫޝިއާ ޑޯޓްމަންޑް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޗެލްސީ އަދި ބަޔާން މިއުނިކް އަށް ވެސް އިރުޝާދު ދީފަ އެވެ.





