ޖަލުގައި ހުންނެވި އިމްރާން ޚާންގެ އެއް ލޮލުގެ ފެނުން ގާތް ގަނޑަކަށް ގެއްލިއްޖެ
ބައްދަލުވުމުގައި އިންނެވި އިރު، އިމްރާން ޚާންގެ ލޮލުން ފެން އަންނަމުން ދިޔަ ކަމަށާއި، އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ލޯ ފޮހެމުން ކަމަށް ވެސް ވަކީލް ވަނީ ވިދާޅުވެފައި. އެއާ އެކު، ލޮލަށް އުނދަގޫ ތަކެއްވެ، ފެނުމުގެ މައްސަލަ ކުރިމަތިވަމުން ދާ ކަމުގެ ޝަކުވާ ވެސް އެމަނިކުފާނު ކުރެއްވި ކަމަށް ވަކީލް ފާހަގަ ކުރެއްވި.


ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން | ގެޓީ އިމޭޖަސް
ޖަލުގައި ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އެއް ލޮލުގެ ފެނުން، ގާތް ގަނޑަކަށް އެއްކޮށް ގެއްލިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން ހާމަ ކޮށްފި އެވެ.
އިމްރާން ޚާން ޖަލުގައި ހުންނަވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމަނިކުފާނުގެ ޤާނޫނީ ވަކީލު ސަލްމާން ސަފްދަރު ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި ޖަލަށް ޒިޔާރާތްކޮށް އިމްރާން ޚާންއަ ބައްދަލު ކުރެއްވިއިރު، އެމަނިކުފާނުގެ އެއް ލޮލަށް ފެންނަނީ އެންމެ 15 އިންސައްތަ އަށް ކަމަށެވެ.
އެ ބައްދަލުވުމުގައި އިންނެވި އިރު، އިމްރާން ޚާންގެ ލޮލުން ފެން އަންނަމުން ދިޔަ ކަމަށާއި، އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ލޯ ފޮހެމުން ކަމަށް ވެސް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު، ލޮލަށް އުނދަގޫ ތަކެއްވެ، ފެނުމުގެ މައްސަލަ ކުރިމަތިވަމުން ދާ ކަމުގެ ޝަކުވާ ވެސް އެމަނިކުފާނު ކުރެއްވި ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. އިމްރާން ޚާންގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން އެމަނިކުފާނުގެ އާއިލާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ވަކީލު ސަފްދަރު ވަނީ ޕާކިސްތާންގެ ޗީފް ޖަސްޓިސް އަށާއި، އެ ޤައުމުގެ ސުޕްރީމް ކޯޓަށް ރިޕޯޓެއް ހުށަހަޅުއްވައި، އިމްރާން ޚާން އަށް އެކަށީގެންވާ ފަރުވާ ދިނުމަށް އެދިވަޑައިގެންފަ އެވެ. މިއީ ފާއިތުވި ހަފުތާ ތަކުގެ ތެރޭގައި ޖަލުން ބޭރު މީހަކަށް އިމްރާން ޚާންއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު ފަހަރެވެ.
އިމްރާން ޚާންގެ ދަރިކަލުން ޤާސިމް ޚާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕަގެ ލޮލުގެ ފެނުން ދަށްވަމުން ދަނީ ޖަލުގައި ދޭން ޖެހޭ ޞިއްޙީ ފަރުވާ ނުދީ، އިހުމާލުވުމުގެ ސަބަބުން ކަމަށެވެ. އަދި އިމްރާން ޚާން އަށް ކުރިމަތި ކޮށްފައިވާ އަނިޔާވެރި ކަމުގެ ޒިންމާ މިހާރު އޮތް ސަރުކާރާއި، އަސްކަރިއްޔާގެ އިސްވެރިޔާ އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖަނަވަރީ މަހު ޕާކިސްތާންގެ ސަރުކާރު ހޮސްޕިޓަލެއްގައި އިމްރާން ޚާން 20 މިނެޓުގެ މެޑިކަލް ޕްރޮސީޖާއެއް ފުރިހަމަ ކުރެއްވި ކަަމަށް، ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ ބުނެފަ އެވެ. އެ ދުވަސް ވަރު، އިންފޮމޭޝަން މިނިސްޓާރު އަތާއުﷲ ތަރާރު ވިދާޅުވެފައި ވަނީ، އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު ކަމށެވެ. ނަމަވެސް، ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުން ވެސް އެދެވޭ ފަރުވާއެއް ދީފައި ނުވާ ކަމަށް އިމްރާން ޚާންގެ ވަކީލުން ވަަނީ ބުނެފަ އެވެ.
އިމްރާން ޚާން އަކީ ޕާކިސްތާންގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔެކެވެ. އިމްރާން ޚާން ވަނީ 2018 ވަަނަ އަހަރުން، 2022 ވަނަ އަހަރަށް ޕާކިސްތާންގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އޭނާ މަގާމުން ވަކި ކޮށްފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހު އެވެ. އެއަށް ފަހު، 2023 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ޖަލުގަ އެވެ.
ހައްޔަރު ކުރި ފަހުން، ކޮރަޕްޝަންގެ ތުހުމަތުގައި އިމްރާާން ޚާން އާއި، އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. ނަމަވެސް، އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އިން ބުނަމުން ދަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ސިޔާސީ މަޤުސަދެއްގައި އުފުލާފައިވާ ދައުވާ ތަކެއް ކަަމަށެވެ.
މަސްދަރު: ރޮއިޓާސް





