ކާމިޔާބު މާޒީ އެއް އޮތް ޕީއައިއޭ މިހާރު އާންމުކޮށް ބެލެވެނީ ބަނގުރޫޓުވެފައިވާ ދަރަނީގެ ބުރަ ދައުލަތަށް އުފުލަން ޖައްސާފައިވާ ކުންފުންޏެއްގެ ގޮތުގައި. ޕީ.އައި.އޭ ވިއްކާލުމަށް އެކި ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާއި، މުވައްޒަފުންގެ ޔޫނިއަންތަކުގެ މުޒާހަރާތަކުގެ ސަބަބުން އެކަން ނާކާމިޔާބުވާ ގޮތް އޮތީ ނުވެފަ.

ދައުލަތުން ހިންގާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއް ދަތުރަކަށް ފުރަން ތައްޔާރު ވަނީ
ޕާކިސްތާނުގެ ދައުލަތުގެ އެއަރލައިނެއްގެ ގޮތުގައި ހަތް ދިހާ އަހަރުގެ ދިގު މުއްދަތަކަށް އޮތުމަށް ފަހު، ހުސްވި ހަފްތާ ގައި ސަރުކާރުން ވަނީ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީ.އައި.އޭ) ގެ ބޮޑު ހިއްސާއެއް 482 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލާފައެވެ. މިކަމުގެ ސަބަބުން، އަހަރުތަކެއް ވަންދެން އެ އެއަރލައިން ޕްރައިވެޓައިޒް ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތަކަކަށް ނިމުމެއް ވަނީ އައިސްފަ އެވެ.
ނީލަން ކާމިޔާބުކުރި ކޮންސޯޓިއަމްގެ އިސްކޮށް ހަރަކާތްތެރިވީ ކަރާޗީގައި ހުންނަ ސެކިއުރިޓީސް ބްރޯކަރޭޖް ކުންފުންޏެއް ކަމަށްވާ އާރިފް ހަބީބް ލިމިޓެޑް (އޭ.އެޗް.އެލް) އެވެ.
ސަރުކާރުން ލައިވްކޮށް ބްރޯޑްކާސްޓްކުރި މި ނީލަމަކީ ޕީ.އައި.އޭ ޕްރައިވެޓައިޒް ކުރުމަށް ކުރި ދެވަނަ ރަސްމީ މަސައްކަތެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރެވުނު ކުރީގެ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އަމިއްލަ ރިއަލް އެސްޓޭޓް ކުންފުންޏަކުން ހުށަހެޅި 36 މިލިއަން ޑޮލަރުގެ ބިޑް، ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ދަށް އަގު ކަމަށްވާ 305 މިލިއަން ޑޮލަރަށްވުރެ އެތައް ގުނައެއް ދަށްވުމުންނެވެ.
ޕީ.އައި.އޭ އަމިއްލަ ކުރުމަށް މަޖުބޫރުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ފިއްތުންތަކެއްގެ ސަބަބުންނެވެ. އައި.އެމް.އެފް އިން ވަނީ ގެއްލުންތައް ލިބެމުންދާ ދައުލަތުގެ ކުންފުނިތައް ވިއްކާލުމަށް ޕާކިސްތާނު ސަރުކާރަށް ބާރުއަޅާފައެވެ. މިހާރު 7 ބިލިއަން ޑޮލަރުގެ އައި.އެމް.އެފް ލޯނު ޕްރޮގްރާމެއްގެ ދަށުގައިވާ ޕާކިސްތާނުން ވަނީ މި އަހަރުގެ ނިޔަލަށް އެއާލައިން ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ނިންމާލުމަށް ވައުދުވެފައެވެ.
އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ޕީ.އައި.އޭ ރިފޯމް ކޮށް، 2.3 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަގުގެ ދިގު މުއްދަތުގެ ދަރަނިތައް އެހެން ވަކި ކުންފުންޏަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ސިޔާސަތުތައް ބަދަލު ނުވާނެ ކަމުގެ ގެރެންޓީތަކާއި، ޓެކްސްގެ ލުއިތައް ހުށަހަޅާފައެވެ. މި ފިޔަވަޅުތަކަށް އައި.އެމް.އެފް އިން ވަނީ ރުހުން ދީފަ އެވެ.
އެއް ދުވަސް ފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުންފުނި ޕްރައިވެޓައިޒް ކުރުމާ ބެހޭ ސަރުކާރުގެ އެޑްވައިޒަރު މުޙައްމަދު ޢަލީ ވިދާޅުވީ، ކާމިޔާބު ބިޑްގެ 92.5 އިންސައްތަ، ނުވަތަ ގާތްގަނޑަކަށް 446 މިލިއަން ޑޮލަރު، ޕީ.އައި.އޭ އަށް އަލުން އިންވެސްޓް ކުރެވޭނެ ކަމަށެވެ. ބާކީ ހުރި 36 މިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ ކަމަށާއި، ސަރުކާރުން ގާތްގަނޑަކަށް 160.6 މިލިއަން ޑޮލަރަށް އަގުކުރެވޭ 25 އިންސައްތަ ހިއްސާ ޕީއައިއޭ ގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން، ކޮންސޯޓިއަމުން ހުށަހެޅި އަގުގެ ތިންބައިކުޅަ ދެބައި ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ. ބާކީ އޮތް ތިންބައިކުޅަ އެއްބައި އަހަރެއްގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. އަނެއް 25 އިންސައްތަ ހިއްސާ ގަތުމާ މެދު ތިން މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.
ޕާކިސްތާނުގެ އެންމެ މަޝްހޫރު ބްރޭންޑްގެ ގޮތުގައި ކުރިން ބެލެވުނު ޕީ.އައި.އޭ އިން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ކުރިއެވެ. އަދި ޕިއަރޭ ކާޑިން ޑިޒައިންކުރި ކެބިން ކުރޫން ގެ ޔުނިފޯމްތަކާ އެކު އެއަރލައިން އަށް މަޝްހޫރުކަން ލިބުނެވެ. 1955 ވަނަ އަހަރު 13 ބޯޓާއެކު އުފެއްދި މި އެއާލައިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުތައް ފުޅާކުރިއެވެ.
ޕީ.އައި.އޭ އިން ފުރަތަމަ ބައިނަލްއަޤްވާމީ ދަތުރު ކުރީ ކައިރޯ އާއި ރޯމް އަދި ލަންޑަނަށެވެ. އަދި އެއަށްފަހު އެކި ކާމިޔާބީތައް ހޯދިއެވެ. ޖެޓް އެއާކްރާފްޓް - ބޯއިން 707 ހޯދި ފުރަތަމަ އޭޝިއާގެ އެއާލައިންކަމުގައި ވެސް ވިއެވެ. އާ ބައިނަލްއަޤްވާމީ ރޫޓްތައް ހުޅުވައި، 1980ގެ އަހަރުތަކުގައި ދުބާއީ އިން ހިންގާ އެމިރޭޓްސް އެއާލައިން ފެށުމަށް އެހީތެރިވެދިން ކުންފުންޏެއްގެ ގޮތުގައި ވެސް ޕީ.އައި.އޭ ފާހަގަ ކުރެވުނެވެ.
ނަމަވެސް، ވިއްސަކަށް އަހަރު ފަހުން، މިހާރު މި އެއާލައިން އާންމުކޮށް ބެލެވެނީ ބަނގުރޫޓުވެފައިވާ ދަރަނީގެ ބުރަ ދައުލަތަށް އުފުލަން ޖައްސާފައިވާ ކުންފުންޏެއްގެ ގޮތުގައެވެ. ޕީ.އައި.އޭ ވިއްކާލުމަށް އެކި ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާއި، މުވައްޒަފުންގެ ޔޫނިއަންތަކުގެ މުޒާހަރާތަކުގެ ސަބަބުން އެކަން ނާކާމިޔާބުވާ ގޮތް އޮތީ ނުވެފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި، 2015 އާއި 2024 އާ ދެމެދު ޕީ.އައި.އޭ އިން 1.7 ބިލިއަން ޑޮލަރަށް ވުރެ ގިނަ ދަރަނި ޖަމާކޮށްފައިވެއެވެ. އަދި ދިގު މުއްދަތުގެ ދަރަނި 2.3 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވެއެވެ.
ކުރިން ޕީ.އައި.އޭ އިން ގާތްގަނޑަކަށް 50 ބޯޓު ބޭނުންކޮށް، 40 އަށް ވުރެ ގިނަ ބައިނަލްއަޤްވާމީ މަންޒިލަށް ދަތުރުކޮށްފައިވެ އެވެ. އެހެން ނަަމަވެސް މިހާރު އޮތް 33 ބޯޓުގެ ތެރެއިން ހިންގަނީ އެންމެ 18 ބޯޓެވެ.
އެއާލައިނުން މިހާރު 30 މަންޒިލަށް ދަތުރުކޮށް، ހަފްތާއަކު ގާތްގަނޑަކަށް 240 ރައުންޑް-ޓްރިޕް ދަތުރުކުރާ ކަމަށާއި، ޑޮމެސްޓިކް މާކެޓުގެ 30 އިންސައްތައަށް ވުރެ ބޮޑު ހިއްސާއެއް ޕީ.އައި.އޭ އަށް އޮންނަ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން .ޕީ.އައި.އޭ އަށް މަދުވެގެން 78 މަންޒިލަށް ލޭންޑިންގް ހައްޤުތައް ލިބިފައިވާ ކަމަށާއި، 170 އަށް ވުރެ ގިނަ އެއާޕޯޓް ސްލޮޓްތަކަށް އެކްސެސް ލިބިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
2014 ވަނަ އަހަރު، އެއާލައިނުން 19,000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވެއެވެ. މީގެ ތެރޭގައި މަދުވެގެން 16,000 ދާއިމީ މުވައްޒަފުން ހިމެނެއެވެ. އަހަރުތަކުގެ ތެރޭގައި މި އަދަދު މަޑުމަޑުން މަދުވެ، 7,000 މުވައްޒަފުންނަށް ވުރެ މަދު އަދަދަކަށް ދަށްވެފައިވެއެވެ.
2020 ވަނަ އަހަރުގެ ޖޫން މަހު، ޕީ.އައި.އޭ އަށް އިނގިރޭސިވިލާތާއި ޔޫރަޕަށް ދަތުރުކުރުން މަނާކުރެވުނެވެ. މިއީ އެ ކުންފުނީގެ ބޯޓެއް ކަރާޗީގެ މަގެއްގެ މައްޗަށް ވެއްޓި، 97 މީހުން މަރުވި ހާދިސާ އާ ގުޅިގެން އެޅި ފިޔަވަޅެެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލްގައި ތިބި މީހުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށް ބެލެވިފައިވެއެވެ. އަދި މިޙާދިސާ އަށް ފަހު ހިންގި ތަހުގީގުން އެނގުނު ގޮތުގައި، އެ ކުންފުނީގެ ޕައިލެޓުންގެ ލައިސަންސްތަކުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބަޔަކީ ފޭކް ނުވަތަ ޝައްކު އުފެދޭ ލައިސަންސްތަކެއް ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ނަމަވެސް، ޔޫރަޕަށް ދަތުރުކުރުމަށް އަޅާފައި އޮތް ހަތަރު އަހަރުގެ ހުރަސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫރަޕިއަން ޔޫނިއަން އެވިއޭޝަން ސޭފްޓީ އެޖެންސީން ވަނީ އުވާލާފައެވެ. އަދި އެއާލައިނުން ވަނީ ޖެނުއަރީ މަހު ޔޫރަޕަށް ދަތުރުތައް އަލުން ފަށާފައެވެ. އެއަށްފަހު، ޖުލައި މަހު އިނގިރޭސިވިލާތުން ވެސް މަނާކުރުން އުވާލިއެވެ.
އެއަރލައިން ޕްރައިވެޓައިޒް ކުރުމަށް ހިންގި މުއާމަލާތަކީ "އެންމެ ރަނގަޅު ނަތީޖާ" އަދި "ވަރަށް ބޮޑު އަގެއް" ލިބިފައިވާ މުޢާމަލާތެއް ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މި މުއާމަލާތް ކުށްވެރިކޮށްފައެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަޙުރީކް-އޭ-އިންސާފް (ޕީ.ޓީ.އައި) އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު އިއްތިޙާދުން ވަނީ މި މުއާމަލާތާ ދެކޮޅު ހަދާފައެވެ. އެފަރާތުން ބުނެފައިވަނީ އާންމުންގެ ބަހެއް ނެތި، އަދި ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނެތި، ޤައުމުގެ ހަރުމުދަލެއް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.