އިންޑިއާ ކަނޑުގައި އޮތް ތެޔޮ ޓޭންކަރެއް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފި
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްވެފައިވާއިރު، ގާނޫނާ ޚިލާފުވާ އުޅަނދުތައް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ކަނޑުތަކުގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން. މި އޮޕަރޭޝަންގެ ދަށުން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ތެޔޮ އުފުލާ ހަތް ޓޭންކަރެއް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވޭ.

ކެރީބިއަން ކަނޑުން ފެށިގެން ފަހަތުން ދިޔުމަށްފަހު، އިންޑިއާ ކަނޑުން ދަތުރުކުރަމުންދިޔަ އަކީލާ 2 ނަމަކަށް ކިޔާ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރަކަށް އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަރާފައިވާ ކަމަށް ޕެންޓަގަނުން ބުނޭ. | ސްކްރީން އިމޭޖް
ކެރީބިއަން ކަނޑުން ފެށިގެން އިންޑިއާ ކަނޑާ ހަމައަށް އެތައް ހާސް މޭލަކަށް ފާރަވެރިވެ ފަހަތުން ދިއުމަށްފަހު، އެމެރިކާގެ އަސްކަރިއްޔާއިން ތެޔޮ އުފުލާ ޓޭންކަރަކަށް އަރައި އެ ބޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި ކަމަށް އެ ގައުމުގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި "އަކީލާ 2" ނަމަކަށް ކިޔާ މި ބޯޓަކީ، ކެރީބިއަން ސަރަހައްދުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާއިން ކަނޑައަޅާފައިވާ "ކަރަންޓީނު" އުސޫލުތަކާ ޚިލާފަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޑިފެންސް ޑިޕާޓްމަންޓުން ބުނީ، އެ ބޯޓު ފިލަން މަސައްކަތް ކުރުމުން އެމެރިކާގެ އަސްކަރިއްޔާއިން އެ ބޯޓުގެ ފަހަތުން ދިޔަ ކަމަށެވެ. އަދި އެއްގަމާއި، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ވިޔަސް، އެމެރިކާގެ ހަތިޔާރު އެޅި ބާރުތަކުން ކުށްވެރިން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އެ ބޯޓަށް އަރައި ބޯޓު ރަނގަޅަށް ބަލައި ފާސްކޮށްފަ އެވެ. ވެނެޒުއޭލާގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ތެޔޮ ސަޕްލައި ކުރުން ކޮންޓްރޯލް ކުރުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާ އިން ވަނީ ތެޔޮ އުފުލާ މަދުވެގެން ހަތް ޓޭންކަރެއް ހިފަހައްޓާފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ހިންގި ޚާއްސަ ރޭޑެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ، ކަރަކަސްގައި ހުންނަ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުން ހައްޔަރުކޮށްފަ އެވެ. އަދި އެއަށްފަހު އެމެރިކާ އިން ވަނީ ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުން ހުއްޓުވުމަށްޓަކައި ބްލޮކޭޑެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޑިފެންސް ޑިޕާޓްމަންޓުން ބުނީ، އެ އިދާރާއިން "ކަރަންޓީނު" ކުރާނެ ކަމަށް ބުނުމުން އެކަން ކުރަނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ. އަދި ދުނިޔޭގެ އަނެއް ފަރާތުގައިވާ ކަނޑުތަކުގައި ވިޔަސް، ގާނޫނު ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އަސްކަރީ ޔުނީފޯމްގައި ތިބި އެމެރިކާގެ ސިފައިން އެ ބޯޓަށް އަރާފައިވަނީ ބޯޓުގެ މަތީގައި އުދުހެމުންދިޔަ ހެލިކޮޕްޓަރަކުން ފައިބައިގެންނެވެ.
ޑިފެންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، "އަކީލާ 2" ބޯޓު ކެރީބިއަން ކަނޑުން ފެށިގެން އެތައް ހާސް މޭލު ދުރުގައިވާ އިންޑިއާ ކަނޑާ ހަމައަށް ދިޔައިރުވެސް، އެމެރިކާއިން ދިޔައީ އެ ބޯޓަށް ފާރަވެރިވަމުންނެވެ.
އެމެރިކާއިން ކުރިމަތިކޮށްފައިވާ މި ހުރަސްތަކުގެ ސަބަބުން ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓް ކުރުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިހާރު އާންމު އުސޫލުން ދަތުރުކުރަނީ ހަމައެކަނި ޝެވްރޮން ކުންފުންޏާ ގުޅުންހުރި އަދި އެމެރިކާއަށް ދަތުރުކުރާ ބޯޓުތައް އެކަންޏެވެ.
ބީބީސީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ޖެނުއަރީ މަހު ތެޔޮ ބޭރުކުރި މިންވަރު ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 400,000 ފީފާ ތެލެވެ.







