ބޮޑު ކާމިޔާބާ އެކު، ބޮޑު ވަޒީރު އަނޫޓިންގެ ބުމްޖައިތައި ޕާޓީ އިން ކޯލިޝަންގެ މަޝްވަރާތައް ފަށަނީ
ބޮޑު ވަޒީރު އަނޫޓިންގެ ބުޖްޖައިތައި ޕާޓީ އިން މިހާރު ދަނީ އެހެން ކުދި ޕާޓީ ތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް ތައިލެންޑުގެ މީޑިއާ ތަކުގައި ވަނީ ބުނެފައި. އެގޮތުން ތައިލެންޑުގެ ނައިބު ބޮޑު ވަޒީރު ތައްމާނަތު ޕްރޮމްޕާއޯގެ ކްލާ ތަމް ޕާޓީ އަށް 58 ގޮނޑި ލިބޭނެ ކަމަށް ބެލެވޭ. އެހެން ވެއްޖެ ނަމަ، ސަރުކާރެއް އެކުލަވާލަން ބޭނުންވާ 251 ގޮނޑީގެ އަދަދު މި ދެ ޕާޓީ އަށް ހަމަ ކުރެވޭނެ.


އިންތިޚާބުގެ ކާމިޔާބީ އަށް ފަހު، ތައިލެންޑުގެ ބޮޑު ވަޒީރު އަނޫޓިން ޗާންވީރަކުލް އިން ނޫސްވެރިންނާ ބައްދަލު ކުރަނީ | އޭއެފްޕީ
ތައިލެންޑުގައި އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު، ބޮޑު ކާމިޔާބެއް ހޯދި ބުޖްޖައިތައި ޕާޓި އިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތަކަށް ތައްޔާރުވާން ފަށައިފި އެވެ.
މި އިންތިޚާބުގެ 93 އިންސައްތަ ވޯޓު ގުނައި ނިމުނުއިރު، ބޮޑު ވަޒީރު އަނޫޓިން ޗާންވީރަކުލްގެ ކޮންޒަވޭޓިން ބުޖްޖައިތައި ޕާޓީ އިން ވަނީ ތައުލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން 194 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
އިންތިޚާބުގެ ކުރިން ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ތަކުގަައި ކުރި ހޯދީ ޕީޕަލްސް ޕާޓީ އެވެ. ނަމަވެސް، އިންތިޚާބުގައި 116 ގޮނޑި އާއެކު އެ ޕާޓީ އަށް ލިބުނީ ދެ ވަނަ އެވެ. އަދި މިހާރު ޖަލަށް ލާފައިވާ، ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަތުރާގެ ޕިއު ތައި ޕާޓީ އިން ވަނީ 76 ގޮނޑި އާއެކު، ތިން ވަނަ ހޯދައިފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ތައިލެންޑުގެ ބޮޑު ވަޒީރު އަނޫޓިން ވިދާޅުވީ، ތައިލެންޑުގެ ރައްޔިތުން އެމަނިކުފާނުގެ ޕާޓީ އަށް ދީފައި ވަނީ، ކުރިން އުންމީދު ކުރި ވަރަށް ވުރެ ވެސް މާ ބޮޑު ތާއީދެއް ކަމަށެވެ. އެކަމަށްޓަކައި ތައިލެންޑުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައި އަނޫޓިން ވިދާޅުވީ، ރައްޔިތުން ކުރި އިތުބާރާ އެކު، ރައްޔިތުންނަށް އެންމެ ފައިދާ ވާާނެ މަގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޯލިޝަން އެކުލަވާލުމާ ގުޅޭ ގޮތުން އަނޫޓިން ވިދާޅުވީ، ސަރުކާރެއް އެކުލަވާލުމުގެ ކުރިން އިންތިޚާބުގެ ފައިނަލް ނަތީޖާ ސާފު ވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ޕާޓީ އަކުން ވެސް، އެތެރޭގެ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަނޫޓިން ވަނީ އިންތިޚާބު އިއުލާން ކުރައްވައިފަ އެވެ. އެއީ ބޮޑު ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ 100 ދުވަސް ވެސް ނުވަނީހެވެ.
އިންތިޚާބުގެ ނަތީޖާ އަށް ފަހު، އިދިކޮޅު ޕީޕަލްސް ޕާޓީގެ ލީޑަރު ނައްތަފޮންގް ރޫއެންޕަންޔާވުތު ވިދާޅުވެފައި ވަނީ، ބޮޑު ވަޒީރު އަނޫޓިން އިސްނެ ހުންނަވާ ކޯލިޝަނެއްގައި އެ ޕާޓީ އިން ބައިވެރި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، ބޮޑު ވަޒީރު އަނޫޓިންގެ ބުޖްޖައިތައި ޕާޓީ އިން މިހާރު ދަނީ އެހެން ކުދި ޕާޓީ ތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް ތައިލެންޑުގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން ތައިލެންޑުގެ ނައިބު ބޮޑު ވަޒީރު ތައްމާނަތު ޕްރޮމްޕާއޯގެ ކްލާ ތަމް ޕާޓީ އަށް 58 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. އެހެން ވެއްޖެ ނަމަ، ސަރުކާރެއް އެކުލަވާލަން ބޭނުންވާ 251 ގޮނޑީގެ އަދަދު މި ދެ ޕާޓީ އަށް ހަމަ ކުރެވޭނެ އެވެ.
އިންތިޚާބުގެ ކުރިން ވާހަކަ ދައްކަވަމުން އަނޫޓިން ވަނީ، އަލުން ބޮޑު ވަޒީރު ކަމަށް އެމަނިކުފާނު އިންތިޚާބުވެ ވަޑައިގެންފި ނަމަ، ސަރުކާރުގައި ހިމެނޭ ފިނޭންސް މިނިސްޓަރާއި، ފޮރިން މިނިސްޓަރު އަދި ކޮމާސް މިނިސްޓަރުގެ މަގާމު ތަކަށް ބަދަލެއް ނުގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ، ތައިލެންޑުގެ ރައްޔިތުން ބޭނުންވީ ސިޔާސީ ހަމަޖެހުމާއި، އިޤްތިޞާދީ ކުރިއެރުން ކަމށެވެ. އަވަށްޓެރި އިންޑޮނޭޝިއާ އާއި، ފިލިޕީންސ އަދި ވިއެޓްނާމް ފަދަ ޤައުމު ތަކުގެ އިޤްތިޞާދި ފަސް އިންސައްތަ އާއި، ހަ އިންސައްތައާ ދެމެދު ކުރިއަރަމުންދާއިރު، ތައިލެންޑުގެ ކުރިއެެރުން އުޅެނީ އެންމެ 1.5 އިންސައްތައިގަ އެވެ. އެހެން ކަމުން، ރައްޔިތުން ވޯޓު ދީފައި ވަނީ މި ޙާލަތު ބަދަލުކޮށް، ވަރުގަދަ ސަރުކާރެއް ޤާއިމު ކުރުމަށެވެ.
މަސްދަރު: އަލް ޖަޒީރާ






