މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި
މޭޔަރ އާޒިމް ވިދާޅުވީ އެމްޑީޕީ ގެ ސަރުކާރުން ފަށާފަވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓާލުމަށް ފަހު، ރައީސް މުއިއްޒުގެ ސަރުކާރުން ބޭކާރު ގޮތުގައި ރަސްމާލެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިފައިވާ ކަމަށް.


އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގައި ބުރާސްފަތި ދުވަހު ބޭއްވި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގެ ތެރެއިން. | އާދަމް އާޒިމް ކެމްޕެއިން ޓީމް
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުރިއަށް ގެންދިޔަ މި ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ގޭގެ އަށް ޒިޔާރަތް ކުރައްވާ އާންމުންގެ ގިނަ ބަޔަކާ ބައްދަލު ކުރައްވާފަ އެވެ.
އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެ ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ނުލިބުން ކަމަށް، މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
މި ހަރަކާތުގައި މޭޔަރު އާޒިމްގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ހުސެން ފުރުޝާން އާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ ގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ މަރިޔަމް ޝީޒާ ވަނީ އަމަލީގޮތުން ބައިވެރިވެ، ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީގެ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތާ ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓާލުމަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރުން ބޭކާރު ގޮތުގައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލަ އާދަޔާ ހިލާފަށް މައްޗަށް ގޮސްފަވާކަން ފާހަގަވެގެން މި ދިޔައީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އެމްޑީޕީގެ ކައުންސިލެއް މެދުވެރިކޮށް މިކަން ކަން ހައްލުކުރުމަށް. އަޅުގަނޑުމެން ރައީސް މުއިއްޒަށް ދެންނެވިން ފުރަތަމަ ދުވަހު ވެސް ބްރިޖް ތަކުން ގުޅިފަވާ ތަންތަން އަވަހަށް ހިއްކައިދެއްވާށޭ. އޭރު އެކަން ކުރި ނަމަ އެމްޑީޕީ ގެ ސަރުކާރުން އެތަންތަނުން ރައްޔިތުންނަށް ކަށަވަރު ކޮށްދިން ބޯހިޔާވަހިކަމުގަ މިއަދު މީހުން ދިރިއުޅޭނެ. ގުޅީފަޅު، ގިރާވަރުފަޅު އުތުރުތިލަފަޅު. މިތަންތަން ހިއްކާ ނިންމާ ފެނާ ނަރުދަމާ އަދި މަގުތައް ގާއިމް ކުރުން ހިމެނޭހެން މި ތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމް ކުރެވޭހާ ފައިސާ ބޭކާރުގޮތުގަ ސަރުކާރުން އެ އަޅާލީ ރަސްމާލެ ކިޔާ ތަނަކަށް. އޭގެ ސަބަބުން ރައްޔިތުން ވަރަށް ނިކަމެތި ވެއްޖެ.މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
ރައްޔިތުން އެދެމުންދަނީ އެމްޑީޕީގެ ސަރުކާރެއް ވީހާވެސް އަވަހަކަށް އައިސް، ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި އުނދަގޫތަކުން ސަލާމަތްކޮށްދިނުމަށް ކަމަ ށްވެސް އާޒިމް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގައި އެމްޑީޕީ އިން ބޭއްވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމް އާއި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފަ އެވެ. ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މި ފޯރިގަދަ ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.








