Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ދެ ގައުމުގެ އިސް އޮފިޝަލުން އޮމާންގައި ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން ބާއްވާ މި ބައްދަލުވުމަކީ، އެމެރިކާގެ ހަރުކަށި އިންޒާރުތަކާއި އީރާނުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ބެލޭ. މި މަޝްވަރާތަކުގައި އީރާނުން ބޭނުންވަނީ ހަމައެކަނި ނިއުކްލިއާ މައްސަލައަށް އަލިއަޅުވާލަން ކަމަށްވިޔަސް، އެމެރިކާއިން ބާރުއަޅަނީ އެ ގައުމުގެ މިސައިލް ޕްރޮގްރާމާއި އިންސާނީ ހައްގުތަކުގެ މައްސަލަތައް ވެސް ހިމެނުމަށް.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 05:35
އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ގައުމުގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް (ވައަތްފަރާތުގައި) އަދި އީރާނުގެ ވަފުދުގެ އިސްވެރިއަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ.

އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ގައުމުގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް (ވައަތްފަރާތުގައި) އަދި އީރާނުގެ ވަފުދުގެ އިސްވެރިއަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ މެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު  އޮމާން އަށް ވަޑައިގެންފި އެވެ.

މި މަޝްވަރާތައް ބޭއްވުމަށް ނިންމާފައި މިވަނީ، މިދިޔަ މަހު އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމާ ގުޅިގެން، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

މަޝްވަރާތައް ބާއްވާނެ ތަނަކާއި އެ ބައްދަލުވުމުގައި ހިމެނޭނެ ކަންކަމާ މެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން، މަޝްވަރާތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ކުރިން އޮތެވެ. މި މަޝްވަރާތަކަކީ ސަރަހައްދީ މެދުވެރިން އިސްނަގައިގެން މަސްރަހު ފިނިކުރުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ބައެކެވެ.

ދެ ގައުމުގެ ވިސްނުން އަދިވެސް ހުރީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ނަމަވެސް އުންމީދަކީ މި މަޝްވަރާތައް ކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި ރަސްމީކޮށް ވާހަކަދައްކާނެ އޮނިގަނޑެއް އެކުލަވާލެވުމެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫޢާއި އެނޫންވެސް ބައެއް މުހިންމު ކަންކަމާ ގުޅޭގޮތުން އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ ކުރިން، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ހުކުރު ދުވަހު ގޮވާލައްވައިފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ޑިޕްލޮމެޓިކް މަރުހަލާގެ ތެރެއަށް ވަންނަނީ ވަރަށް ހުޅުވިފައިވާ ސިނކުޑިއަކާ އެކު، ވޭތުވެދިޔަ އަހަރުގެ ތަޖުރިބާތައް ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ. އަދި އީރާނުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އިޚްލާޞްތެރި ނިޔަތަކާއެކު ނަމަވެސް، އެ ގައުމުގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ވެފައިވާ އިލްތިޒާމްތަކަށް ފުރިހަމައަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް އަރާގްޗީ ވިދާޅުވިއެވެ. "ހަމަހަމަ ފުރުޞަތާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ދެފަރާތުގެ ލާބަޔާއި މަންފާއަކީ ހަމައެކަނި ދައްކާލާ ސިޔާސީ ވާހަކަތަކެއް ނޫން. އެއީ ދެމެހެއްޓެނިވި އެއްބަސްވުމެއްގެ އެންމެ މުހިންމު އަސާސްތައް،" އޭނާ ލިޔުއްވާފައިވެއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާވް ނައްތާލުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. މީގެ އިތުރުން، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ހަތިޔާރު އެޅި ގްރޫޕްތަކަށް އެ ގައުމުން ދޭ އެހީތެރިކަމާއި، އީރާނުގެ ރައްޔިތުންނާ މެދު އެ ގައުމުގެ ސަރުކާރުން އަމަލުކުރާ ގޮތުގެ މައްސަލަ ވެސް މަޝްވަރާތަކުގައި ހިމަނަންޖެހޭނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އީރާނުން ބުނަމުންދަނީ މަޝްވަރާތައް ކުރިއަށްދާނީ ހަމައެކަނި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށެވެ. މި ހިޔާލުތަފާތުވުންތަކަށް ހައްލެއް ލިބިފައިވޭތޯ އަދި އޮތީ ސާފުވާ ގޮތް ނުވެފައެވެ.

ފާއިތުވި ހަފުތާތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން އެއްބަސްވުމަކަށް ނައިސްފި ނަމަ އެ ގައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާއިން ވަނީ އެ ސަރަހައްދަށް އެތައް ހާސް ސިފައިންނާއި، ޓްރަމްޕް ސިފަކުރެއްވި ގޮތަށް "އާމާޑާ" ނުވަތަ މަނަވަރުތަކުގެ ފައުޖެއް ފޮނުވާފައެވެ. މީގެ ތެރޭގައި މަތިންދާބޯޓު އުފުލާ މަނަވަރަކާއި، ހަނގުރާމަމަތީ އެހެން މަނަވަރުތަކުގެ އިތުރުން ފައިޓަރ ޖެޓްތައް ވެސް ހިމެނެއެވެ.

އީރާނުން ވެސް ވަނީ އެމެރިކާއިން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް ބުނެފައެވެ. އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.

އީރާނުގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއެވެ. އޭނާ މިދިޔަ ހަފުތާގައި ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ އޮތީ "ބަޑީގެ ގޮއްޔަށް އިނގިލި މަހާލައިގެން" ކަމަށެވެ. އެމެރިކާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވާނީ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރެވެ.

މިއީ މިދިޔަ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގައި، އެމެރިކާއިން އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އެޅި ފަހުން، އެމެރިކާއާއި އީރާނުގެ އޮފިޝަލުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

އީރާނުން ބުނާ ގޮތުގައި އެ ހަމަލާތަކަށް ފަހު ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ދާޚިލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އީރާނުގެ ލީޑަރުންނަށް، މި މަޝްވަރާތަކަކީ އެމެރިކާގެ އަސްކަރީ ހަމަލާއަކުން ސަލާމަތްވުމަށް ލިބޭނެ ފަހު ފުރުސަތެވެ. މުހައްލިލުން ބުނާ ގޮތުގައި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު، އީރާނުގެ ސަރުކާރު މިހާ ގޮންޖެހުންތައް ބޮޑުވި ދަނޑިވަޅެއް މީގެ ކުރިން އައިސްފައެއް ނުވެއެވެ.

ޓްރަމްޕްގެ އިންޒާރުތައް އައިސްފައި މިވަނީ، އިގްތިސާދީ ކާރިސާއާ ގުޅިގެން އީރާނުގެ ރައްޔިތުން ނުކުމެ، އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު އުފެދިފައިވާ ކާރިސާއާއެކު، ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު އޮތް ދިގުލީ ހިޔާލުތަފާތުވުންތަކުގެ މައިގަނޑު އަސާސް ކަމަށްވާ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލަ އަނެއްކާވެސް ވަނީ ބަހުސަށް އައިސްފައެވެ.

އީރާނުގެ ނިއުކްލިއާ މަސައްކަތަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަމެއް ކަމަށް އެ ގައުމުން ބުނަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، އެމެރިކާއާއި އިޒްރޭލުން ތުހުމަތުކުރަނީ އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އީރާނުން ބުނަނީ އަމިއްލަ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެ ގައުމަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ ގައުމުގައި ހުރި 400 ކިލޯގްރާމްގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ތިންވަނަ ގައުމަކަށް ބަދަލުކުރުމަށް ގޮވާލާ ގޮވާލުންތަކަށް އީރާނުން ވަނީ އިންކާރުކޮށްފައެވެ.

ނަމަވެސް، ބައެއް ކަންކަމުގައި ދޫދިނުމަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް އޮފިޝަލުން ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުމަށް ސަރަހައްދީ ކޮންސޯޓިއަމްއެއް އުފެއްދުން ހިމެނެއެވެ. މިއީ މިދިޔަ އަހަރު އިޒްރޭލުން ކުއްލި ގޮތަކަށް ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއާއެކު ކުރި މަޝްވަރާތަކުގައި ހުށަހެޅި ކަމެކެވެ.

އެއާއެކުވެސް، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހަނިކުރުމަށާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް ކުރާ ޝަރުތުތަކަކީ ގަބޫލުކުރެވޭނެ ކަންކަން ނޫން ކަމަށް އީރާނުން ބުނެއެވެ. އީރާނުން "އެކްސިސް އޮފް ރެސިސްޓެންސް" ގެ ނަމުން ނިސްބަތްކުރާ މި އިއްތިހާދުގައި ޣައްޒާގެ ހަމާސް، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތައް، ލުބުނާނުގެ ހިޒްބުالله އަދި ޔަމަނުގެ ހޫޘީން ހިމެނެއެވެ. އީރާނުން ބުނަނީ މިކަންކަމަށް ހުރަސްއެޅުމަކީ އެ ގައުމުގެ ސިޔާދަތީ ބާރުތަކަށް އަރައިގަތުން ކަމަށެވެ.

އަންގާރަ ދުވަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، "އެކަށީގެންވާ މާހައުލެއް އޮތް ނަމަ"، އެމެރިކާއާއެކު "އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާތަކެއް" ކުރިއަށް ގެންދިއުމަށް އަރަގްޗީއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ކޮންމެ ގޮތެއްވިޔަސް، އީރާނުގެ އިގްތިސާދު އިނދަޖައްސާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެ ގައުމުން އެދޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އީރާނުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަނީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަކީ އީރާނުގެ ވެރިންނަށް ލިބޭނެ އާ ދިރުމެއް ކަމަށެވެ.

އެމެރިކާއަށް ބަލާއިރު، މި ބައްދަލުވުމުގެ ނަތީޖާ ނުކުންނަ ގޮތަކުން، ޓްރަމްޕް ދެއްވަމުންދާ އަސްކަރީ އިންޒާރުތަކުން ފަހަތަށް ޖެހުމަށް ފުރުސަތެއް ލިބިގެންދާނެއެވެ.

ސަރަހައްދީ ގައުމުތަކުން ކަންބޮޑުވަނީ އެމެރިކާއިން ހަމަލާއެއް ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރި ނުވަތަ އީރާނުގެ ތެރޭގައި ދިގު މުއްދަތަކަށް ހަމަނުޖެހުން އުފެދިދާނެތީއެވެ. އަދި ހަމައެކަނި ވައިގެ މަގުން ދޭ ހަމަލާތަކަކުން އީރާނުގެ ވެރިކަން ވައްޓާނުލެވޭނެ ކަމުގެ އިންޒާރު ވެސް އެ ގައުމުތަކުން ވަނީ ދީފައެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އަޔަތުالله އަލީ ޚާމަނާއީ ކަންބޮޑުވާންޖެހޭތޯ ބުދަ ދުވަހު އެންބީސީ ނިއުސްއިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އަހަރެން ބުނާނީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެއޭ. އާނ، އޭނާ ކަންބޮޑުވާންޖެހޭނެ" ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މާނަހުރި ނަތީޖާއެއް ނެރުމަށްޓަކައި، މަޝްވަރާތައް ހަމައެކަނި ނިއުކްލިއާ މައްސަލައަށް ފޯކަސްވެފައި އޮވެގެން ނުވާނެ ކަމަށެވެ.

"މި މީހުންނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް، އެކަމަކު އަހަރެމެން މި ބަލަނީ އެކަން ކުރެވޭތޯ. ކުރެވޭނެ ކަމެއް އޮތްތޯ ބަލަން މަސައްކަތް ކުރުމަކުން ލިބޭނެ ގެއްލުމެއް ނެތް،" ރޫބިއޯ ވިދާޅުވިއެވެ.

ކުރިން އިސްތަންބޫލްގައި ބޭއްވުމަށް ރޭވި މި މަޝްވަރާތަކަކީ މިސްރު، ތުރުކީ އަދި ގަތަރު ގުޅިގެން މަސްރަހު ފިނިކުރުމަށް ކުރާ މަސައްކަތެކެވެ.

ނަމަވެސް، އެންމެ ފަހު ވަގުތު އީރާނުން ވަނީ ބައްދަލުވުން ބާއްވާ ތަން އޮމާނަށް ބަދަލުކުރުމަށާއި، ބައްދަލުވުމުގައި ހަމައެކަނި އީރާނާއި އެމެރިކާގެ އޮފިޝަލުން ބައިވެރިވުމަށް އެދިފައެވެ. އޮމާނަކީ މިދިޔަ އަހަރު ވެސް މިފަދަ މަޝްވަރާތަކެއް ބޭއްވި ގައުމެވެ.

އެމެރިކާ-އީރާންރައީސް ޑޮނަލްޑް ޓްރަމްޕްއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމްސްޓީވް ވިޓްކޮފް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ލީޑަރު ޚާމަނާއީ ހުންނަވަން ޖެހޭނީ ކަންބޮޑުވެފައި: ޓްރަމްޕް

އީރާންގެ ލީޑަރު ޚާމަނާއީ ހުންނަވަން ޖެހޭނީ ކަންބޮޑުވެފައި: ޓްރަމްޕް

05 ފެބުރުއަރީ 2026
އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

04 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު