2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު
ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ ބަޔާނުގައި ވީ ވައުދުތަކާ އެއްގޮތަށް ދައުލަތުގެ ދަރަނި ކުޑަކުރުމުގެ ބަދަލުގައި ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 136 އިންސައްތައަށް އިތުރުވެފައި. މީގެ އިތުރުން، ފައިސާ ޗާޕުކުރުން ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް، ޕެންޝަން ފަންޑާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން އަންނަނީ ފައިސާ ޗާޕުކުރަމުން ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި.


އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޣަފޫރު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ވޭތުވެދިޔަ 2 އަހަރު ތެރޭގައި 170 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި 38 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން އުފައްދާފައިވާ އިރު ރައްޔިތަކަށްވީ ކޮން ކަމެއްތޯ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން މި ސުވާލު ކުރަމުންދާ އިރު، އެމްޑީޕީ އިން ބެލި ބެލުމުން 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ. ނަމަވެސް އެ އަހަރަށް ބަޖެޓް ކުރި ހުރިހާ ފައިސާ އެއް ހުސްކޮށް، އަހަރު ނިމުނީ ދަރައިގެން ކަމަށެވެ. ޣަފޫރު ވިދާޅުވީ އެ ފައިސާއަށް ވީ ކިހިނެއް ކަން ރައްޔިތުން ސުވާލު ކުރަންޖެހޭ ކަަމަށެވެ.
1 އަހަރު ނިންމާފައި އަނެއް އަހަރުގެ ރިޔާސީ ބަޔާން އިއްވާ އިރުގައި، އެ އަހަރުގެ ރިޔާސީ ބަޔާނުގައި ކޮށްދޭން ބުނި ކަންތައްތައް ނުކޮށްދެވުނީ ކީއްވެގެންތޯ ރައްޔިތުން ކައިރީގައި ބުނަން ޖެހޭނެ. ސާފުކޮށް ކިޔައިދޭން ޖެހޭނެ. އަޅުގަނޑު މި ބުނި ގޮތަށް 90 އިންސައްތަ މަސައްކަތް ހުރީ ނުކުރެވި. އެކަމަކު މިއަދުގެ ހަގީގަތަކީ ބަޖެޓް އެއްކޮށް ހުސްވެގެން ދިޔައީ.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ 2024 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމުގައި އިގްތިސާދީ ތަސައްވުރެއް ކުރައްސަވައި ދެއްވި ކަމަށެވެ. އޭގެ މައިގަނޑު ވާހަކަފުޅެއްގެ ގޮތުގައި ރައީސް ވިދާޅުވެފައިވަނީ މެދުރާސްތާގައި ޖީޑީޕީ 7.1 އިންސައްތައިގައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނާނެ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ދަރަނީގެ ވާހަކަވެސް ދެއްކެވި ކަމަށާއި، 31 ޑިސެމްބަރު 2023 ގެ ފަހުން ފައިސާ ޗާޕުކުރުން ނިމުނީ ކަމަށް ވިދާޅުވި ކަމަށެވެ.
އޭގެ ފަހުން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކުންފުނިތައް ހަލާކުކޮށްލި ވާހަކަ. ކުންފުނިތަކަށް ބޭކާރު މުވައްޒަފުން ތިިބި ވާހަކަ އާއި، ކުންފުނިތަކަށް ފައިދާ ނުވާ ވާހަކަ އާއި އަދި އެ ހުރިހާ ކަމެއް ބަދަލުކޮށް، ކުންފުނިތައް އެފިޝަންޓް ކޮށް ފައިދާ ނެރޭނެ ކަމަށް ރައީސް ވިދާޅުވި. 2 ރިޔާސީ ބަޔާނުގައި ވެސް ގާތްގަނޑަކަށް އެއް ވާހަކައެއް ތަކުރާރު ކުރެއްވީ. 2 ރިޔާސީ ބަޔާން ނިމި 3 ވަނަ ރިޔާސީ ބަޔާނެއް ބޯމަތިވެފައި އޮއްވާ ގައުމުގެ ހާލަތު މިއަދު ހުރީ ކޮން ހިސާބެއްގައިތޯ؟ އެންމެ ފުރަތަމަ އިގްތިސާދީ ދުވެއްޔަށް ބަލާލާ އިރުގައި 2024 ވަނަ އަހަރަށް އަންދާޒާ ކުރި 6.5 އިންސައްތަ އަހަރު ނިމުނު އިރު ހުރީ 5 އިންސައްތައިގައި. ވާރލްޑް ބޭންކުން އަންދާޒާ ކުރަނީ މެދުރާސްތާގައި ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެކަމަށް ލަފާ ކުރެވެނީ 4 ޕަސެންޓުގައި ކަމަށް. މިއީ 2024 ވަނަ އަހަރު ރައީސް ތަސައްވުރު ކުރި 7.1 އިންސައްތައަށްވުރެ ދަށް އަދަދެއް.ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ޝަމްހީދު ވިދާޅުވީ ދަރަންޏަކީ އެންމެ ބޮޑު މައްސަލަ ކަމަށާއި، ރައީސް ރިޔާސީ ބަޔާނުގައި ވައުދުވީ ދަރަނީގެ އަދަދު ކުޑަކުރާނެ ވާހަކަ ކަމަށާއި، ނަމަވެސް 2025 ވަނަ އަހަރު ނިމުނު އިރު 159 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި އެއީ ޖީޑީޕީގެ ނިސްބަތުން 136 އިންސައްތަ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
115 ޕަސެންޓުގައި ހުރެގެން ކަންބޮޑުވެގެން އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވި ބޭފުޅެއްގެ 2 އަހަރު ނިމުނު އިރު 136، އެއީ މިއަދަށް ބަލަންޏާ އެ އަދަދު އުޅޭނެ 145 ހިސާބުގައި. ރިޔާސީ ބަޔާނުގައި މިވައުދުވާ ވައުދުވުމާއި ގައުމު ހިންގާ ގޮތާއި ނެތް އެއްވެސް ކަހަލަ ގުޅުމެއް. ދެން ވިދާޅުވީ ފައިސާ ޗާޕް ނުކުރާނަމޭ. ދިވެހިރާއްޖޭގައި ވަރަށް މަދު ފައިނޭންސް ސެކްޓަރގައި ވަކިން ހާއްސަކޮށް ދައުލަތުގައި މަސައްކަތް ކުރާ މީހުން. މި ދާއިރާގައި ތިބި ހުރިހާ އެންމެންހެން މިދަނީ މި ދާއިރާ ދޫކޮށް، އެއީ އިގްތިސާދު މިސްމެނޭޖް ކުރާތީ. ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނެ ފައިސާ ޗާޕް ކުރީމާ އެންމެ ފަހުން ޕެންޝަން ފަންޑުގެ ސީއީއޯ ވެސް އިސްތިއުފާ ދިނީ.ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުކުރަން ގެންގުޅެނީ ދެ އުކުޅެއް ކަމަށެވެ. އެއް ގޮތަކީ ޕެންޝަން ފަންޑު ބޭނުން ކުރުން ކަމަށާއި، ދައުލަތުން އެ ފަންޑަށް 12 ބިލިއަން ރުފިޔާ މިހާތަނަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ މާކެޓް ތެރެއަށް ނެރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އަދި އެ ފަންޑަށް ސަރުކާރުން ނުދެވުނު ޔަގީން ކަމަކީ 2.4 ބިލިއަން ނެގުމަށްފަހު ހުއްޓާ ނުލާނެ ކަން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ކުރުމަށް ގެންގުޅޭ ދެވަނަ ގޮތަކީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޗާޕުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރަނީ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދީގެން ކަމަށާއި، އެކަން ކުރީ ސަރުކާރަށް ޑައިރެކްޓްކޮށް އެ ފައިސާ ނެގެން ނެތުމުން ކަމަށެވެ.







