ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ
ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީގައި "ސަރަޙައްދީ އިންތަކެއް ނެތް މޫސުމީ ބަދަލުތައް" މި މައުޟޫއަށް ރައީސް ޑރ. މުޢިއްޒު ތަޤުރީރު ކުރައްވާއިރު، މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ނޫން ކަމަށް މީގެ ކުރިން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ރާއްޖޭގެ ތިމާވެށީގެ ގާނޫނާ ޚިލާފަށް ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ ދަނޑިވަޅެއްގައި، މި ފަދަ ތަގުރީރެއް ދެއްވާތީ ރައީސް މުއިއްޒުގެ އަމަލާ ބަހާ ތިމާވެށީގެ މައްސަލަތަކުގައި ދިމާ ނުވާކަން ފާހަގަ ކުރެވޭ.

ހއ. ދިއްދޫގައި 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ، ދުނިޔޭގެ އެންމެ ބޮޑު އެއް "ޓްރެއިލިން ސަކްޝަން ހޮޕަރ" ޑްރެޖަރު ބޭނުންކޮށްގެން. | އެމްއޭސީއެލް
މޫސުމަށް އަންނަ ބަދަލުތަކުގެ (ކްލައިމެޓް ޗޭންޖް) މައްސަލައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވުމަށް ފަހު، ޖަރުމަނު ވިލާތުގެ ބާރލިން ގައި ހުންނަ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ގޮތުން އެމަނިކުފާނު ތަގްރީރެއް ދެއްވުމަށް ހަމަ ޖެހިފައިވާ ކަމަށް އެ ޔުނިވަރސިޓީން ހާމަ ކޮށްފި އެވެ.
އެ ޔުނިވަރސިޓީގެ ވެބްސައިޓް ގައި ބުނެފައިވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަމުންދާ ގައުމުތައް ކަމުގަ އެވެ. ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑުގެ ލެވަލް އުފުލުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މިހާތަނަށް ހޯދާފައިވާ ތަޖުރިބާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ސަރަޙައްދީ އިންތަކެއް ނެތް މޫސުމީ ބަދަލުތައް: ރާއްޖޭގެ ތަޖުރިބާއިން ލިބިދޭ ފިލާވަޅުތައް" މި މައުޟޫޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ތަޤުރީރުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކާއި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް މިކަމުން ލިބިދޭނެ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެ އެވެ. މީގެ އިތުރުން، ހަމްބޯލްޓް ޔުނިވަރސިޓީ ގެ ޕްރޮފެސަރ މާސެލް ރޮބީޝޮން އަދި ޑޮކްޓަރ އެކްސެލް ކްލީ އާ އެކު، މޫސުމީ ސިޔާސަތުތަކާއި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމާއި، ދުނިޔޭގެ ޤައުމުތަކާއި އިލްމީ މުޖުތަމަޢުގެ ކިބައިން އުއްމީދުކުރާ ކަންކަމާއި، މޫސުމީ ހަރަކާތްތައް ބައްޓަންކުރުމުގައި ޔުނިވަރސިޓީތަކާއި ދިރާސާކުރާ މަރުކަޒުތަކުގެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ސިޔާސީ ނިންމުންތައް ނިންމުމުގައި ސައިންޓިފިކް ދިރާސާތަކާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ބޭނުން ހިފާގޮތާއި، ރާއްޖޭގެ ތިމާވެށީގެ އަދި ސަގާފީ އާދަކާދައިގެ ތެރެއިން ލިބިފައިވާ މައުލޫމާތު މޫސުމީ ސިޔާސަތުތަކުގެ ތެރެއަށް ލާމެހިފައިވާ މިންވަރާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވޭނެ ކަމަށް ވެސް ޔުނިވަރސިޓީން ބުނެފައިވެ އެވެ.
ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ އަށް އޮތް ނުރައްކަލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވާއިރު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރި ކުރުމަށް ހަދާފައިވާ ގާނޫނާ ގަވައިދާ ޚިލާފަށް ބިން ހިއްކުމާ ވެލި ނެގުމުގެ ބޮޑެތި މަސައްކަތްތަކެއް ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ގެނެސްގެން ރާއްޖޭގެ އެތައް މިތާނގައި ހިންގަމުންދާ މައްސަލައިގައި މުއިއްޒު އަށް ވަނީ ފާޑު ކިޔުން އިތުރުވެފަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖޭގެ ގުދުރަތީ ދިފާއުގެ ގޮތުގައި މަސައްކަތް ކުރާ ފަރުތަކުގެ ސަރަހައްދުތަކަށް ކިސަޑު ފެތުރެމުންދާ މަންޒަރުތައް ވަނީ އާންމުވެފަ އެވެ. ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާ އިރު މަޝްރޫއުތައް ފަށަމުން ގެންދަނީ ވެސް ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމެއް ނެތި އަދި ގާނޫނު ގައި ބުނާ ހުއްދަ ވެސް ހޯދުމެއް ނެތިކަން ވަނީ ހާމަ ވެފަ އެވެ.

އަނެއްކޮޅުން އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އަލްޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ކަނޑު އުފުލެމުންދާ ވާހަކައަކީ މީގެ 50 އަހަރު ކުރިންވެސް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އޮކްޓޯބަރު 2023 ގައި އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި، ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ އިދާރާތަކުން ފާހަގަކުރާ ކުއްލި ނުރައްކާތަކަށްވުރެ ބޮޑަށް، ޤައުމީ ތަރައްޤީ މުހިންމުކަމަށް މުުއިއްޒު ފާހާގަ ކުރެއްވި އެވެ.
އެ ގޮތުން، މީގެ 50 އަހަރު ކުރިން ލަފާކުރި މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިފައި ނުވާކަމަށާއި، ރާއްޖޭގެ މިހާރުގެ ޙާލަތަކީ ބައެއް ރިޕޯޓުތަކުގައި ސިފަކުރާހާ ނުރައްކާތެރި ޙާލަތެއް ނޫންކަމަށް ޑރ. މުޢިއްޒު ވިދާޅުވި އެވެ.
ތިމާވެށީގެ ނުރައްކާތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ލަފާކުރުންތަކާ ޚިލާފަށް، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެ އަށް ނުރައްކާ ނުވާނެ ކަމުގެ ޔަޤީންކަން މުއިއްޒު ވަނީ ފާޅު ކުރައްވާފަ އެވެ.







