މަނަދޫގައި ނަޖިސް ފެނުގައި ދިރިއުޅޭ ރައްޔިތުން އެބަތިބި، ސަރުކާރުން އިސްކަން ދެނީ ކައުންސިލުން 3 ޕާކު ހަދާފައި ވަނިކޮށް 4 ވަނަ ޕާކެއް ހަދަން
މަނަދޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް އިޝާރާތް ކުރައްވައި މޫމިނާ ވިދާޅުވީ، ނަރުދަމާގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، އެމައްސަލަ އަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް. ނަމަވެސް ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ނުދީ ކުޑަ ކުދިންނަށް އިތުރު ޕާކެއް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ ކައުންސިލުން އެރަށުގައި ސްކޭޓް ޕާކެއްގެ އިތުރުން ކުޑަ ކުދިންނަށް ޚާއްސަ ދެ ޕާކެއް ތަރައްގީ ކޮށްފައިވާ ކަމަށް.


ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މަނަދޫ ކައުންސިލް މެންބަރު މޫމިނާ ސޯލިހު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ނ.މަނަދޫ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަރުދަމާގެ މައްސަލަ ކަމަށާއި، އެ މައްސަލަ ހައްލު ކޮށްދިނުމުގެ ބަދަލުގައި މިސަރުކާރުން މަސައްކަތް ކުރަނީ އެރަށުގައި އިތުރު ކުޑަ ކުދީންގެ ޕާކެއް ތަރައްގީ ކުރުމަށް ކަމަށް މަނަދޫ ކައުންސިލް މެންބަރު މޫމިނާ ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރާއްޖެޓީވީ ގެ 'ފަށާއިރު' ޕްރޮގްރާމްގައި، އެރަށުގެ ހާލަތާ ގުޅޭގޮތުން މޫމިނާ ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ދެ ފަހަރު އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވައުދުތައް ތަކުރާރު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ރައްޔިތުން ބޭނުންވާ ތަރައްގީ ނުފެންނަ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެރަށު ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް އިޝާރާތް ކުރައްވައި މޫމިނާ ވިދާޅުވީ، ނަރުދަމާގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، އެމައްސަލަ އަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތު ސައިޓްގައި ޖަންގްޝަންތައް ހެދުމުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށާއި، މަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށެވެ.
މީގެ އިތުރުން މޫމިނާ ވަނީ ސަރުކާރުން އެރަށުގައި ކުޑަ ކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
މޫމިނާ ވިދާޅުވީ ކައުންސިލްގެ މަސައްކަތުން އެރަށުގައި ކުޑަ ކުދިންނަށް ޚާއްސަކޮށް ދެ ޕާކު ތަރައްގީ ކޮށްފައިވާ ކަމަށާއި، އަދި ސްކޭޓް ޕާކެއް ވެސް ތަރައްގީ ކޮށްފައިވާ ކަމަށެވެ. ރަށުގެ ތެރޭގައި ޕާކުތައް ތަރައްގީ ކޮށްފައިވަނިކޮށް، ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ނުދީ ކުޑަ ކުދިންނަށް އިތުރު ޕާކެއް ތަރައްގީ ކުރުމަކީ މިވަގުތަށް އެހައި މުހިންމު ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
މޫމިނާ ވިދާޅުވީ ސަރުކާރުން ޕާކެއް ތަރައްގީ ކުރަން ނިންމުމާއެކު ކައުންސިލްގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށާއި، ބިން ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ބިން ނުދޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމާ ހިތާމަ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އަޅުގަނޑުމެންނަށް އަސްލު ބުނަންޏާ އެއަށްވުރެ މުހިންމެއް ނޫންތޯއޭ ނަރުދަމާގެ ނިޒާމަށް ވަގުތީ ހައްލެއް ނަމަވެސް ގެނެސްދިނުން. އެއީ އަޅުގަނޑުމެންގެ ކޮންސާންއަކީ އަސްލު. އަޅުގަނޑުމެންގެ ތެރޭގައި ނަރުދަމާގެ ނިޒާމުގައި އެބަތިބި ޚިދުމަތް ނުލިބި ތިބި ރައްޔިތުން. މިރަށުގައި. ގޭދޮރުމަތީގައި ޖަންގްޝަން ހަދައިގެން ތާނގި ފައްތާލައިގެން ގޭދޮރުމަތީގައި އެއްކަލަ ނަޖިސް ފެންގަނޑުގައި އުޅޭ ރައްޔިތުން އެބަ ދިރިއުޅޭ. އެއީ އަސްލު އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. މުހިންމު ނީޑްސް ހުއްޓާ މިކަހަލަ ބައެއް ކަންކަން. އެކަމަކު އަޅުގަނޑުމެން ފުލް ސަޕޯޓު ކައުންސިލުން ސަރުކާރަށް އޮންނާނީ ދީފައި.މަނަދޫ ކައުންސިލަރ މޫމިނާ ސޯލިހު
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ މޫމިނާ ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، މަތީތައުލީމަށް ބޭނުންވާ ކެންޕަސްގެ މަސައްކަތް އަވަހަށް ނިމި، ދަރިވަރުންނަށް ކިޔެވޭނެ ގޮތް ފަހިވާން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންގޮސް މި މައްސަލައަށް ހައްލު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫމިނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ގިނަ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ވަރަށް ފޮނި އުންމީދާ އެކު ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ ސަރުކާރުގެ ފައިލްވުމެއް ކަމަށެވެ.







