އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟
ތަޖުރިބާކާރުންގެ ނަޒަރުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބާރުއަޅުއްވަމުންގެންދަވަނީ އީރާނުގެ ވެރިކަން ބަދަލުކޮށްލެވޭ ފަދަ ވަރުގަދަ ހަމަލާތަކެއް އެމެރިކާ އިން ދިނުމަށް. އީރާނުގެ ވެރިކަން ބަދަލުކުރުމުން އެ ގައުމުގެ މިސައިލްތަކުގެ ނުރައްކަލާއި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ބިރު ނެތިގެންދާނެ ކަމަށް އިޒްރޭލުން އުންމީދުކުރޭ.

އީރާނަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދިނުމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، 2025 ޖޫން 22 ވީ އާދީއްތަ ދުވަހު ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަނީ. | ގެޓީ އިމޭޖަސް
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދިއުމާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް ހުއްޓިފައިވާއިރު، އިޒްރޭލުގެ ވެރިން މިކަމުގައި ތިބީ އާދަޔާ ހިލާފު ހިމޭންކަމެއްގަ އެވެ.
މި މަހު އީރާނު ގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ތާއީދުކޮށް ދެއްކި ބައެއް ވާހަކަތައް ފިޔަވައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެ ގައުމުގެ އެންމެ ބޮޑު ދުޝްމަނާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކޮށް މާ ގިނަ ވާހަކަތަކެއް ދައްކަވާފައެއް ނުވެ އެވެ. އަދި އެ ގައުމުގެ ސަރުކާރުން ވެސް މިކަމުގައި ހިފަހައްޓަމުން ދަނީ ހަމަ މި ހިމޭންކަމެވެ.
"މިއިން ދޭހަ ވަނީ މި ދަނޑިވަޅަށް ނަތަންޔާހޫ ދޭ އަހަންމިއްޔަތުކަން،" އިޒްރޭލުގެ ޑިފެންސް އިންޓެލިޖެންސް ގައި 25 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މިހާރު އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ ސީނިއާ އީރާން ރިސާޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑެނީ ސިޓްރިނޮވިޗް ބީބީސީ އަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ގަލްފު ސަރަހައްދުގައި އެމެރިކާގެ ގިނަ އަދަދެއްގެ ލަޝްކަރުތައް އޮތުމާއި، ޓްރަމްޕް އީރާނަށް ހަމަލާދިނުމާ މިހާ ގާތްވެފައިވާ މި ދަނޑިވަޅަކީ ނަތަންޔާހޫ ދޫކޮށްލަން ބޭނުން ނުވާނެ ރަނުގެ ފުރުސަތެކެވެ.
އިޒްރޭލުގެ ސިގްނަލްސް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ޑެޕިއުޓީ ޑައިރެކްޓަރު އާސަފް ކޯހެން ގަބޫލުކުރައްވާ ގޮތުގައި، އިޒްރޭލުން ހިފަހައްޓަމުންދާ ހިމޭންކަމުގެ ފަހަތުގައި ހާއްސަ ކަންތައްތަކެއް އެކުލެވިގެންވެ އެވެ.
އޭނާ ވިދާޅުވީ، މިފަހަރު އެމެރިކާ އަށް އިސްނަގައިގެން ކަންކަން ކުރަން ފުރުސަތު ދޭންޖެހޭ ކަމަށް އިޒްރޭލުގެ ވެރިން ގަބޫލުކުރާ ކަމަށެވެ. އެއީ އެމެރިކާ އަކީ އަސްކަރީ ގޮތުން ވަރުގަދަ، ގާބިލުކަން ބޮޑު އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ބަސްވިކޭ ގައުމަކަށް ވާތީ އެވެ.
ބެންޖަމިން ނަތަންޔާހޫ އަބަދުވެސް ގަބޫލުކުރައްވާ ގޮތުގައި އީރާނަކީ އިޒްރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. އަދި މެދުއިރުމަތީގެ ހަމަޖެހުން ނަގާލާ އެންމެ ބޮޑު މަސްދަރަކީ ވެސް އެއީ އެވެ. އޭނާ އާންމުކޮށް ހިމޭނުން ހުންނެވި ނަމަވެސް، އެމެރިކާގެ ސަރުކާރާއެކު ސިއްރު މަޝްވަރާތައް ކުރިއަށް ނުދާ ކަމަކަށް މިއަކުން ދޭހައެއް ނުވެ އެވެ.
މި ހަފްތާގެ ތެރޭގައި އިޒްރޭލުގެ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާ ޝްލޯމީ ބިންޑާ ވަނީ ވޮޝިންޓަނަށް ދަތުރުކޮށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކާ ބައްދަލުކޮށްފަ އެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ އީރާނުން ހަމަލާދޭނެ ޓާގެޓް ތަކާ ގުޅޭގޮތުންނެވެ.
ސިޓްރިނޮވިޗް ގަބޫލުކުރައްވާ ގޮތުގައި، ނަތަންޔާހޫ ސިއްރިއްޔާތުގައި ބާރުއަޅުއްވަމުން ގެންދަވަނީ އީރާނުގެ ވެރިކަން ބަދަލުކޮށްލެވޭ ފަދަ ވަރުގަދަ ހަމަލާތަކެއް އެމެރިކާ އިން ދިނުމަށެވެ. އަދި މި މަހުގެ ކުރީކޮޅު ޓްރަމްޕް ހަމަލާ ނުދީ މަޑުޖައްސާލުމަށް ނަތަންޔާހޫ އެދިވަޑައިގަތް ކަމަށް ދެކެވޭ ވާހަކަތަކަކީ، އެމެރިކާ އިން ދޭން އުޅުނު ހަމަލާއަކީ "މާ ކުޑަ" ހަމަލާއެއް ކަމަށް އޭނާ އަށް ފެނިވަޑައިގަތުމުން ކުރެއްވި ކަމެއް ކަމަށް ސިޓްރިނޮވިޗް ވިދާޅުވި އެވެ.
މިދިޔަ އަހަރު ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ނަތަންޔާހޫ ވަނީ އީރާނުގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އީރާނާ މެދު އެޅިދާނެ އެކި ފިޔަވަޅުތަކާ މެދު ވިސްނަވަމުންނެވެ. މީގެ ތެރޭގައި ރަމްޒީ ހަމަލާތަކުން ފެށިގެން އީރާނުގެ ވެރިކަން މުޅިން ބަދަލުކޮށްލުމާ ހަމައަށް ފިޔަވަޅުތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ގެންދަވަނީ އެއްފަހަރު އަސްކަރީ އިންޒާރުތައް ދެއްވައި، އަނެއްފަހަރު އާ މަޝްވަރާތަކަށް ހުށަހަޅުއްވަމުންނެވެ.
އެމެރިކާގެ ގިނަ އެކުވެރި ގައުމުތަކުން އީރާނުގެ ވެރިކަން ވައްޓާލުމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އިންޒާރު ދެމުންދާއިރު، އިޒްރޭލުގެ ގިނަ ބަޔަކު ދެކެނީ މީގެ ސަބަބުން އެ ގައުމުގެ ސަލާމަތަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
ތެހެރާނުގެ ވެރިކަން ބަދަލުކޮށްލުމުން، އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ނުރައްކަލާއި، އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެ ކަމަށް އޮތް ބިރު ނެތިގެންދާނެ ކަމަށް އިޒްރޭލުން އުންމީދު ކުރެ އެވެ.
މީގެ އިތުރުން، އީރާނުގެ އެހީތެރިކަމާ އެކު ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް، ހާއްސަކޮށް ލުބުނާނުގެ ބޯޑަރު ކައިރީގައި 25،000 އަށްވުރެ ގިނަ މިސައިލާއި ރޮކެޓް ގެންގުޅޭ ހިޒްބުالله ފަދަ ޖަމާއަތްތައް ބަލިކަށިވެގެންދާނެ ކަމަށް އިޒްރޭލުގެ އަލްމާ ރިސާޗް އިންސްޓިޓިއުޓުން ބުނެ އެވެ.
އެހެން ނަމަވެސް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި، އީރާނުގެ ސަރުކާރު ދެމި އޮންނަ ގޮތަށް ދޭ ކުދި ހަމަލާތަކެއް ނުވަތަ އާ އެއްބަސްވުމެއްގެ ސަބަބުން އިޒްރޭލުގެ ސަލާމަތަށް އޮތް ނުރައްކާ އިތުރުވެގެންދާނެ އެވެ.
"ވަރަށް ނުބައި ބަޔަކާ މެދު ފިޔަވަޅު އަޅާއިރު، އޭގެ ހައްދު ކަނޑައަޅައިގެން ނުވާނެ،" އިޒްރޭލުގެ ޕާލަމަންޓުގެ ޑިފެންސް ކޮމިޓީގައި ހިމެނޭ އިދިކޮޅު ޔޭޝް އަތީދު ޕާޓީގެ މެންބަރު މޯޝޭ ތޫރް-ޕާޒް ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ، އިޒްރޭލާއި ހުޅަނގުގެ ގައުމުތަކުން މިއަށްވުރެ މާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ކަމަށެވެ. އީރާނު ފަދަ ދުޝްމަނުންނާ މެދު ކަންކުރާނެ ގޮތަކާ މެދު އިޒްރޭލުގެ ސިޔާސީ މަސްރަހުގައި ބޮޑު ހިޔާލުތަފާތުވުމެއް ނެތް ކަމަށާއި، އެންމެންނަށް ވެސް އޮތް ނުރައްކާ ސާފުވާ ކަމަށް އޭނާ ބުންޏެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި، އީރާނުގެ ސަރުކާރު ނުވެއްޓި ކުރިއަށްދާ ކޮންމެ ހަނގުރާމަ އަކީ، އީރާނުން ދޭނެ ބަދަލު ހިފުމުގެ ހަމަލާތަކަށް ބަލާއިރު ކުރަން ފައިދާހުރި ކަމެއް ނޫނެވެ.
މިދިޔަ އަހަރު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި، އިޒްރޭލާއި އެމެރިކާ އިން އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް މަރުކަޒުތަކަށް ހަމަލާ ދިނުމުން، އީރާނުން ވަނީ އިޒްރޭލުގެ ރަށްތަކަށް އެތައް ސަތޭކަ ބެލިސްޓިކް މިސައިލެއް ފޮނުވާލާފަ އެވެ. މީގެ ތެރެއިން ބައެއް މިސައިލްތައް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލައި، ތެލް އަވީވްގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަރައި މަދުވެގެން 28 މީހުން މަރުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ތައްޔާރުވެފައި އޮތް ނަމަވެސް، އީރާނަށް މިހާރު ކުރިމަތިވެފައިވާ ބަލިކަށިކަމުގެ ސަބަބުން، ދެން ދޭ ހަމަލާ އެއް މިއަށްވުރެ މާ ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުން ވަނީ އެ ހަނގުރާމައިން ފިލާވަޅުތަކެއް ލިބިގަނެ، ހަނގުރާމައިގެ އުކުޅުތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ހަ މަސް ދުވަސް ފަހުން އީރާނުން މިހާރު ގެންދަނީ އެ ގައުމުގެ މިސައިލް އުފައްދާ މިންވަރު އަލުން އިތުރުކުރަމުންނެވެ.
މި ހަފްތާގެ ތެރޭގައި އީރާނުގެ އެންމެ މަތީ ވެރިޔާގެ ސީނިއާ އެޑްވައިޒަރަކު ވަނީ، އެމެރިކާ އިން ހަމަލާއެއް ދީފިނަމަ ތެލް އަވީވްއަށް "ވަގުތުން އަދި ދުވަހަކުވެސް ނުދޭ ފަދަ ވަރުގަދަ" ރައްދު ހަމަލާއެއް ދޭނެ ކަމަށް ސޯޝަލް މީޑިއާގައި އިންޒާރު ދެއްވާފަ އެވެ.
"ނަތަންޔާހޫ ބިރުގަންނަނީ އީރާނުގެ ވެރިކަން ބަދަލުނުވެ، އިޒްރޭލަށް އަނެއްކާ ވެސް ހަމަލާތަކުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހިދާނެތީ،" ސިޓްރިނޮވިޗް ވިދާޅުވިއެވެ. "އޭނާ ގަބޫލުކުރަނީ މިސައިލް އުފެއްދުން ހުއްޓުވޭނީ ވެރިކަން ބަދަލުކޮށްގެން ކަމަށް. އެކަމަކު އެކަން ކުރެވޭނީ ހަމައެކަނި އެމެރިކާ އާ ގުޅިގެން."
އާސަފް ކޯހެން ވިދާޅުވާ ގޮތުގައި، 12 ދުވަހުގެ ހަނގުރާމަ އަށް ފަހު އީރާނުގެ އަސްކަރީ ދިފާއު ބަލިކަށިވެ، އެހީތެރިވާ ޖަމާއަތްތަކުގެ ބާރު ކެނޑި، އަދި ގައުމުގެ އެތެރޭގައި މުޒާހަރާތައް ކުރިއަށްދާ މި ދަނޑިވަޅަކީ އީރާނުގެ ވެރިކަން އެންމެ ބަލިކަށިވެފައިވާ ވަގުތެވެ.
"އީރާނު މިހާރު އޮތީ އެންމެ ބަލިކަށި ހާލަތުގައި. މިއީ ދެން ނުލިބިދާނެ ފަދަ ފުރުސަތެއް،" ކޯހެން ވިދާޅުވި އެވެ. "މިއީ އެކަން ކުރަންވީ ވަގުތު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ."
މިދިޔަ ޖޫން މަހު އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި އަދިވެސް ދިރިއުޅެމުންދާ ތެލް އަވީވްގެ ރައްޔިތުން ގެންދަނީ ކުރިއަށް އޮތް ހަނގުރާމައަކާ މެދު ވާހަކަދައްކަމުންނެވެ.
އިޒްރޭލުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ ޔަހޫދީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ތާއީދުކުރެ އެވެ.
ނަމަވެސް ވެރިކަން ބަދަލުކުރުމުގައި ބޮޑެތި ނުރައްކާތަކެއް އެބަހުއްޓެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ ޚާމަނާއީގެ ވަށައިގެންވާ އަސްކަރީ އަދި ދީނީ ބާރުތަކުގެ މެދުގައި ބައިބައިވުމެއް ނެތުމާއި، އިދިކޮޅު ހަރަކާތްތައް ބަލިކަށިވުމުގެ ސަބަބުން، ވެރިކަން ވެއްޓިއްޖެ ނަމަ ދެން ވެރިކަމާ ހަވާލުވާނީ ކާކުކަމެއް ސާފެއް ނޫނެވެ.
އަދި މިހާރުގެ ވެރިކަމުގެ ތެރެއިން އަންނަ ޒުވާން ވާރިސަކު އިޒްރޭލާ މެދު އޯގާތެރި ސިޔާސަތެއް ގެންގުޅޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އަދި ދާހިލީ ހަނގުރާމައެއް ފެށިއްޖެ ނަމަ، އެއީ ހަމައެކަނި އީރާނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަދި ދިފާއީ ދާއިރާގެ ބައެއް މާހިރުން ފާހަގަކުރާ ގޮތުގައި، ހަމައެކަނި ވައިގެ ހަމަލާތަކަކުން އާންމުކޮށް ވެރިކަމެއް ވައްޓައެއް ނުލެވޭނެ އެވެ.




