Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

އީރާނުގައި ހިނގަމުންދާ މުޒާހަރާތައް 1979 ވަނަ އަހަރުގެ އިންގިލާބާ އަޅާކިޔަމުން ގެންދިޔަ ކަމުގައި ވިޔަސް މި ދެ ހާލަތަކީ މުޅިން ތަފާތު ހާލަތްތެއް. މިހާރުގެ ސުޕްރީމް ލީޑަރު ޚާމަނާއީގެ ދަށުގައި ހިންގާ ސަލާމަތީ ބާރުތަކަކީ ހަރުދަނާ އުސޫލުތަކަށް ތަރުތީބުވެފައިވާ، ފިކުރީ ގޮތުން އެއްބައިވަންތަ، ނިޒާމު ދެމެހެއްޓުމަށް އެއްބައިވެފައިވާ ވަރުގަދަ އޮނިގަނޑެއްގެ ދަށުން އޮތް ބަދަހި ސަފުތަކެއް. ހަމައެކަނި މުޒާހަރާތަކުންނާއި ބޭރުގެ ފިއްތުންތަކުން އިންގިލާބެއް ނާންނާނެ ކަމަށް ތަޖުރިބާކާރުން ދެކޭ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 17:43
ތެހެރާނުގައި އަނދަމުންދާ ސަރުކާރުގެ އިމާރާތެއްގެ ބޭރުގައި މުޒާހަރާގެ ބައިވެރިންގެ ޖަމާއަތެއް ހަރަކާތްތެރިވަމުންދާއިރު ޝާހު މުޙައްމަދު ރިޒާ ޕަހުލަވީ އަށް ވަފާތެރި ސިފައިން އެ ސަރަހައްދަށް އަންނަނީ، ނޮވެމްބަރު 4، 1978

ތެހެރާނުގައި އަނދަމުންދާ ސަރުކާރުގެ އިމާރާތެއްގެ ބޭރުގައި މުޒާހަރާގެ ބައިވެރިންގެ ޖަމާއަތެއް ހަރަކާތްތެރިވަމުންދާއިރު ޝާހު މުޙައްމަދު ރިޒާ ޕަހުލަވީ އަށް ވަފާތެރި ސިފައިން އެ ސަރަހައްދަށް އަންނަނީ، ނޮވެމްބަރު 4، 1978 | ގެޓީ އިމޭޖަސް

އީރާނުގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމު މިހާރު ހޭދަކުރަމުން ދަނީ އެންމެ ނުރައްކާތެރި ދުވަސްތަކެވެ. މުޅި ގައުމަށް ފެތުރިފައިވާ މުޒާހަރާތަކަކީ މިހާރު ކުރު މުއްދަތުގެ ކަމަކަށް ވުރެ ބޮޑަށް، ދެމިގެންދާ ހަރަކާތަކަށް ވަނީ ބަދަލުވެފަ އެވެ. މި ހަމަނުޖެހުންތަކާ އެކު އަނިޔާވެރިކަން އިތުރުވެފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ސައްހަ އަދަދު އަދި ކަށަވަރު ކުރެވޭގޮތެއް ނުވެ އެވެ.

މި ހާދިސާތަކާ އެކު، ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ: އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށް ހެއްޔެވެ؟

އޭރުގެ ހާލަތު

މިއަދުގެ މަންޒަރުތަކާއި 1979 ގެ އިންގިލާބާ އަޅާކިޔުމަކީ ގިނަ ބަޔަކު ކުރަމުން ގެންދާ ކަމެކެވެ. މުޒާހަރާތަކަށް ނުކުމެފައިވާ ގިނަ އަދަދެއްގެ މީހުންނާއި، ގައުމުގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަރަކާތްތަކުން ހަނދާންކޮށް ދެނީ ޝާހުގެ ވެރިކަން ނިމުމަކަށް އައި ފަހު ދުވަސްތަކެވެ. ނަމަވެސް، މި ދެ ހާލަތަކީ ހަގީގަތުގައި ވަރަށް ތަފާތު ދެ ހާލަތެކެވެ.

1979 ގެ އިންގިލާބު ކާމިޔާބުވީ ހަމައެކަނި ގިނަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އާޔަތުﷲ ރޫހުﷲ ޚުމައިނީގެ އިރުޝާދުގެ ދަށުން އިދިކޮޅު ފަރާތްތަކުން ރޭވުންތެރިކަމާއެކު ކުރި މަސައްކަތާއި، އެއަށް ވުރެ ބޮޑަށް، މުޒާހަރާތައް ހުއްޓުވުމަށް އޭރުގެ ވެރިކަމުގެ ބާރުތަކަށް ނުކުޅެދުންތެރިކަން ކުރިމަތިވުމަކީ އެ އިންގިލާބު ކާމިޔާބުވުމުގެ މައިގަނޑު ސަބަބެވެ.

އޭރުގެ ރަސްގެފާނު މުހައްމަދު ރިޒާ ޝާހު އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިފައިވާއިރު، އޭނާ ހުންނެވީ ބާރުގަދަ ބޭހުގެ ނުފޫޒުގެ ދަށުގަ އެވެ. އަދި އޭނާ އަކީ ކަންކަމުގައި ގޮތް ނިންމުމަށް ފަސްޖެހޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ގައުމީ ބޮޑެތި ކާރިސާތަކުގައި އޭނާގެ ލީޑަޝިޕް ބަލިކަށި ކަން އޮތީ ފާހަގަވެފަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޭނާ ދެ ފަހަރެއްގެ މަތިން ގައުމު ދޫކޮށް ވަޑައިގަތެވެ. އެއީ 1953 ވަނަ އަހަރު ބޮޑުވަޒީރު މުހައްމަދު މުސައްދިގާ ޖެހުނު މައްސަލަތަކުގެ ސަބަބުންނާއި، 1979 ވަނަ އަހަރުގެ ޖެނުއަރީ މަހު މުޒާހަރާތައް މުޅި ގައުމަށް ފެތުރިގެން ދިއުމުންނެވެ.

ހަމަ އެއާ އެކު، ޝާހުގެ ސަލާމަތީ ބާރުތައް އޮތީ ބައިބައިވެފަ އެވެ. ޝާހުގެ މަރުކަޒީ އިންޓެލިޖެންސް އިދާރާ ކަމަށްވާ "ސަވަކް" ފިޔަވައި، ފުލުހުންގެ މައިގަނޑު ޒިންމާއަކަށް އޮތީ އާންމު ނިޒާމު ބެލެހެއްޓުމެވެ. އަދި އީރާނުގެ އަސްކަރިއްޔާ އޭރު ބޮޑަށް އަމާޒު ހިފާފައި އޮތީ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި ގައުމުގެ ސަރަހައްދީ ދިފާއަށެވެ.

މި މުއައްސަސާތަކުގައި ހަރުދަނާ ފިކުރީ އުސޫލުތަކެއް ނެތުމުގެ ސަބަބުން، އެކި ފިކުރުގެ މީހުން އޭރުގެ ސިފައިންނާއި ފުލުހުންގެ ތެރޭގައި ތިއްބެވެ. ޝާހު ގައުމު ދޫކޮށް ވަޑައިގަތުމުން، ފުލުހުންގެ ބައެއް ގިންތިތަކުން މުޒާހަރާގެ ބައިވެރިންނާ ގުޅުނެވެ. އަދި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ފަސްޖެހި، އަމިއްލަ ސަލާމަތަށް އިސްކަންދީ، އެންމެ ފަހުން ރަސްކަމުގެ ނިޒާމު ދޫކޮށްލި އެވެ.

މިއަދުގެ ހާލަތު

މިއަދުގެ ހާލަތު ކުރީގެ ހާލަތާ މުޅިން ތަފާތެވެ. ޝާހުގެ ޒަމާނާ ޚިލާފަށް، އާޔަތުﷲ އަލީ ޚާމަނާއީގެ ޒައާމަތަކީ ކާރިސާތަކުގެ ވަގުތުގައި ފަސްޖެހުމެއް ނުވަތަ ގޮތެއް ނުނިންމި ތިބުން އޮތް ޒައާމަތެއް ނޫނެވެ.

1989 ވަނަ އަހަރު ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޚާމަނާއީ ވަނީ އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމު "ތިއޮކްރެޓިކް ސެކިއުރިޓީ ސްޓޭޓެއް" ނުވަތަ ދީނީ އަދި ސަލާމަތީ ބާރުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތަކަށް ބަދަލުކުރައްވާފަ އެވެ. މި ނިޒާމު ބިނާވެފައި ވަނީ ރައްޔިތުންގެ ރުހުމަށް ވުރެ ބޮޑަށް، ބާރުގެ ބޭނުން ކޮށްގެން ކަންކަން ކޮންޓްރޯލް ކުރުމުގެ މައްޗަށެވެ. އެމަނިކުފާނުގެ ދަށުން ހިންގާ ސަލާމަތީ ބާރުތަކަކީ ހަރުދަނާ އުސޫލުތަކަކަށް ތަރުތީބުވެފައިވާ، ފިކުރީ ގޮތުން އެއްބައިވަންތަ، އަދި ނިޒާމު ދެމެހެއްޓުމަށްޓަކައި އެންމެހައި މަސްލަހަތުތަކެއް ގުޅިފައިވާ ބާރުތަކެކެވެ. އީރާނުގައި އިންގިލާބީ ބަދަލެއް އައުމަށް އޮތް ހުރަހަކީ ހަމައެކަނި ރައްޔިތުންގެ ޝުއޫރުތަކެއް ނޫނެވެ؛ އެއީ މިދެންނެވި ވަރުގަދަ އޮނިގަނޑެވެ.

އިސްލާމީ ޖުމްހޫރިއްޔާގެ ބާރުތައް އެއް މުއައްސަސާއަކަށް ޖަމާކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، އެ ބާރުތައް ވަނީ  ގުޅި ލާމެހިފައިވާ، އަދި އެއް މަސްއޫލިއްޔަތެއް އެކި ގޮތްގޮތަށް އަދާކުރާ ގިނަ މުއައްސަސާތަކެއްގެ މެދުގައި ބަހާލެވިފަ އެވެ. މީގެ ތެރޭގައި އިސްލާމީ އިންގިލާބީ ގާޑުން (އައި.އާރު.ޖީ.ސީ)، ބަސީޖް ފޯސް، ފުލުހުން، ޖާސޫސީ އިދާރާތައް އަދި މި މުއައްސަސާތަކާ ގުޅިފައިވާ އިޖުތިމާއީ ވިއުގަތައް ހިމެނެ އެވެ.

މި މުއައްސަސާތަކުގައި އިސްކޮށް ތިއްބަވަނީ ނިޒާމަށް ނުހަނު ވަފާތެރި ފަރާތްތަކެވެ. އެ މީހުންގެ ވަފާތެރިކަމަކީ ހަމައެކަނި މާއްދީ ފައިދާއަކަށް އޮތް ކަމެއް ނޫނެވެ. އެއީ ފިކުރީ، އަދި ޖީލުތަކަކަށް ދެމިގެން ގޮސްފައިވާ ކަމެކެވެ. ފިކުރީ ގޮތުން ބަލައި ފާސްކުރުމާއި، މަގާމުގެ ނުފޫޒާއި އިނާޔަތްތަކުގެ ސަބަބުން، މި ވަފާތެރިކަން ވަނީ ވަރުގަދަ އަށް އަށަގަންނުވާފަ އެވެ.

އެ މީހުންގެ އިޖުތިމާއީ ދަރަޖަ އާއި، އިގްތިސާދީ ރައްކާތެރިކަމާއި، އަމިއްލަ ވަންތަކަން ގުޅިފައި ވަނީ މި ނިޒާމާއި ޚާމަނާއީގެ ޒައާމަތު ދެމިއޮތުމާ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ނިޒާމު ވެއްޓުމަކީ ހަމައެކަނި ސިޔާސީ ބަދަލެއް ނޫނެވެ؛ އެއީ އެމީހުންގެ ދިރިތިބުމަށް އޮތް ނުރައްކަލެކެވެ. އެހެންކަމުން، ކާރިސާގެ ވަގުތުތަކުގައި މުޒާހަރާތައް ފެތުރުނަނުދީ ހުއްޓުވުމަށް އެ ފަރާތްތަކުން އިސްނަގަ އެވެ. އަދި އެއީ ބޭރުގެ ބާރުތަކުގެ އެހީގައި ހިންގާ ފިތުނައެއްގެ ގޮތުގައި ސިފަކޮށް، ބާރުގެ ބޭނުން ކުރުމަށް އޮންނަ ފަސްޖެހުން ކުޑަކުރެ އެވެ.

ނަތީޖާއެއްގެ ގޮތުން، 1979 ވަނަ އަހަރަށްވުރެ ބޮޑެތި އަދި މުޅި ގައުމަށް ފެތުރިފައިވާ މުޒާހަރާތަކެއް ހިނގި ނަމަވެސް، އޭގެ ސަބަބުން މި ނިޒާމަށް މާބޮޑު ގޮންޖެހުމެއް ކުރިމަތި ނުވެދާނެ އެވެ. އޭގެ ބަދަލުގައި ފެނިގެން ދާނީ ފިއްތުންތައް ކުރިއަށް ވުރެ ވަރުގަދަކުރާ މަންޒަރެވެ. މީގެން ލިބޭ މުހިންމު ފިލާވަޅަކީ، ހަމައެކަނި މުޒާހަރާއަކުން އިންގިލާބެއް ނާންނާނެ ކަމެވެ.

އިންގިލާބެއް އަންނަނީ އާންމުންގެ ނުރުހުމާއެކު، ވެރިކަންކުރާ އިސް ފަންތީގެ މީހުންގެ މެދުގައި ބައިބައިވުން އުފެދި ނުވަތަ ވެރިކަމާ ފެޔަށް ދާން ފެށުމުންނެވެ. 1979 ވަނަ އަހަރު އެކަން އެގޮތަށް ހިނގި ނަމަވެސް، މިހާރު އެފަދަ ކަމެއް ނުފެނެ އެވެ.

މި ހަމަޖެހުމަށް ބަދަލެއް އަތުވެދާނެ ހަމައެކަނި ގޮތަކީ، ހަމައެކަނި މުޒާހަރާތަކުގެ ބަދަލުގައި، ނިޒާމުގެ ލީޑަޝިޕް އޮނިގަނޑަށް ސީދާ ގޮތެއްގައި ކުރިމަތިވާ ވަރުގަދަ ލޮޅުމަކުންނެވެ. ބޭރުގެ ބާރުތަކުން، ޚާއްސަކޮށް އެމެރިކާ އިން ކުރިމަތި ކުރާ ފިއްތުންތަކެއްގެ ބޭނުމަކަށް ވާނީ، ސިޔާސީ އަދި ސަލާމަތީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށް ހަމަލާތައް ދީގެން އެމީހުންގެ މެދުގައި އޮތް ގުޅުން ކަނޑާލުމެވެ.

އެފަދަ ކަމެއްގެ ސަބަބުން ނިޒާމަށް ހަގީގީ ނުރައްކަލެއް ކުރިމަތި ވާނީ ސީދާ ޚާމަނާއީ މަގާމުން ދުރުކުރެވިއްޖެ ނަމަ އެވެ. އިސްލާމީ ޖުމްހޫރިއްޔާގެ ބާރުތައް އޮތީ ސުޕްރީމް ލީޑަރުގެ އޮފީހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ މުށުތެރޭގަ އެވެ. އެހެންކަމުން، ކުއްލި ގޮތަކަށް އެމަނިކުފާނު ނެތި ދިއުމަކީ، ވެރިކަމާ ހަވާލުވާނެ ފަރާތަކާ މެދު އިސް ބޭފުޅުންގެ މެދުގައި ބޮޑެތި ކުރިމަތިލުންތަކެއް އުފެދި، މަތީ ފަންތީގެ އެއްބައިވަންތަކަން ގެއްލިގެންދާނެ ކަމެކެވެ.

ބޭރުގެ ނުފޫޒުތަކުގެ ސަބަބުން، ވެރިކަމަށް ވަފާތެރި ފަރާތްތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާމަނާއީގެ ވެރިކަން ދެމިއޮވެއްޖެ ނަމަ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އާއި، ބަސީޖް އަދި ޖާސޫސީ އިދާރާތަކުގައި ތިބި އެންމެ އިސް ސަފުގެ ވަފާތެރިން، މީގެ ކުރީގެ ޚާރިޖީ ކުރިމަތިލުންތަކުގައި ވެސް އަމަލުކުރި ފަދައިން، އެކަތިގަނޑަކަށްވެ ސަފުތައް ބަދަހިކުރާނެކަން ކަށަވަރެވެ. މިފަދަ ހާލަތެއްގައި، ދައުލަތުގެ މަތީ ފަންތީގެ ބޭފުޅުން ވެރިކަމާ ވަކިވެވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

ވެރިކަން ވެއްޓިއްޖެ ނަމަ ވާނީ ކިހިނެއް؟

އީރާނުގެ ވެރިކަން ނިމުމަކަށް އައި ކަމުގައިވިޔަސް، ބޭރުގެ ނުފޫޒުތަކާ ގުޅިގެން ވެރިކަން ބަދަލުވި ބައެއް ގައުމުތަކުން ފެނުނު ފަދަ، މުއައްސަސާތައް މުޅިން ހުއްޓުމަކަށް އައުމުގެ ބިރެއް އެ ގައުމަކަށް ނެތެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން މެދުކެނޑުމެއްނެތި ދެމިއޮތް އެ ގައުމުގެ ޒަމާނީ އިދާރީ ނިޒާމު ހިނގަމުންދާނެ ކަމަށް ބެލެވެ އެވެ. ދައުލަތުގެ ހިންގުން މުޅިން ރޫޅިގެން ދިޔުމަށް ހުރަސް އަޅާނެ މައިގަނޑު ސަބަބުތަކަކީ ދައުލަތުގެ ގާބިލުކަމާއި، އިޖުތިމާއީ އިންތިޒާމުތަކުގެ ބަދަހިކަމުގެ އިތުރުން ގައުމީ ވަންތަކަމެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ވެއްޓުމުން، ދިގުދެމިގެންދާ ހަނގުރާމަވެރި ހަރަކާތްތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުންދެ އެވެ. މިއީ ފުރުސަތު އޮތް ކަމެއް ކަމުގައި ވިޔަސް، އިރާގު ނުވަތަ އަފްޣާނިސްތާނާ ޚިލާފަށް، އީރާނުގައި ހަތިޔާރު އެޅި ހަރުކަށި ހަރަކާތްތަކަށް މާލީ އެހީތެރިކަންދީ، އެކަންކަން ރާވައި ހިންގާނެ ބޭރުގެ ގައުމުތަކެއް ނުތިބޭނެ އެވެ. މީގެ އިތުރުން، އީރާނުގެ މުޖުތަމައަކީ ދީނީ އަދި ސިޔާސީ ހަރުކަށި ފިކުރުތަކަށް ބޮޑު ދެކޮޅުވެރިކަމެއް ދައްކާފައިވާ ބައެކެވެ. އެހެންކަމުން، ވެރިކަން ބަދަލުވުމަށް ފަހު އުފެދޭ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން، ކުރިމަތިވެފައިވާ ހަގީގީ ނުރައްކަލަކީ، 1979 ވަނަ އަހަރުގެ އިންގިލާބު ތަކުރާރުވެދާނެއަތީ އެއް ނޫނެވެ. އޭގެ ބަދަލުގައި މާޒީގެ މިސާލަށް ބަރޯސާވެ ތިބުމާއެކު، މިއަދުގެ އިސްލާމީ ޖުމްހޫރިއްޔާ ހިނގާ ގޮތް ދެނެގަތުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ނޭނގުމެވެ.

މިހާރުގެ ވެރިކަން ވެއްޓިއްޖެ ނަމަ އޭގެ ސަބަބުން އީރާނުގެ ރައްޔިތުންނަށް އަނިޔާވެރިކަމާއި، ހާލަތު އިތުރަށް ގޯސްވުމާއި، ދިގުދެމިގެންދާ ނުތަނަވަސްކަމުގެ ހިތި ނަތީޖާ އާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އީރާން މުޒާހަރާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

13 ޖެނުއަރީ 2026
އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު