އީރާނުގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ހުރި އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން ޕަހްލަވީ އަދިވެސް ތަޚުތުގެ އުއްމީދުގައި!
1979 ގެ އިންގިލާބުން އީރާނުގެ ރަސްކަން ވެއްޓުނު ކަމުގައި ވިޔަސް ރިޒާ ޕަހްލަވީ ގަބޫލު ކުރާ ގޮތުގައި އޭނާ އަކީ އެ ވެރިކަމުގެ ވާރިސް ކަމުގައިވުމާއެކު އީރާނުގެ ވެރިކަން އޭނާ އަށް ލިބެން ޖެހޭ. ފަހުގެ އަހަރުތަކުގައި ޓްރަމްޕާއި އިޒްރޭލުގެ ތާއީދާ އެކު އޭނާ ވަނީ އީރާނުގެ ވެރިކަން ވައްޓާލުމަށް އެތައް މަސައްކަތެއް ކޮށްފައި. އެ އުއްމީދުގައި ހުއްޓެއް ކަމަކު ޕަހްލަވީ ގެ ހަޔާތަކީ ސިޔާސީ، އިލްމީ، އާއިލީ، އަދި މާލީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކުން ފުރިފައިވާ ހިތާމަވެރި ފޮތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވޭ.

އީރާނުގެ އެންމެ ފަހުން ހުންނެވި ރަސްކަލުންގެ ދަރިކަލުން ރިޒާ ޕަހްލަވީ | ރޮއިޓަސް
އީރާނަށް 1979 ވަނަ އަހަރު ގެނައި އިންގިލާބުގައި އޭނާގެ ބައްޕަގެ 40 އަހަރުވީ ވެރިކަން ނިމުމަކަށް އައިއިރު، ރިޒާ ޕަހްލަވީގެ އުމުރަކީ އެންމެ 16 އަހަރެވެ. އޭނާ އަކީ ޝާހު މުހައްމަދު ރިޒާ ޕަހްލަވީގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ތެލުގެ ގޮތުން މުއްސަނދި، ހާސް އަހަރަށްވުރެ ގިނަ ދުވަސްވީ އީރާނުގެ ރަސްކަމުގެ ވާރިސަކަށް ހުރި މީހާއެވެ.
މިހާރު އުމުރުން 65 އަހަރު ވެފައިވާ ރިޒާ ޕަހްލަވީ، އޭނާ އަށް ވާރުތަ ވާން އޮތް ރަސްކަމުގެ ތަޚުތު ގެއްލުނުތާ ގާތްގަނޑަކަށް ބައި ގަރުނު ފަހުން، އޭނާ ކުރަމުން އައި އިންތިޒާރަށް ނިމުމެއް އަންނަނީ ކަމަށް އަނެއްކާ ވެސް ގަބޫލު ކުރެވުނެވެ.

ކުޑަ އިރުގެ އުއްމީދުތަައް
ޕަހްލަވީގެ ހަޔާތަކީ ސިޔާސީ، އިލްމީ، އާއިލީ، އަދި މާލީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކުން ފުރިފައިވާ ހިތާމަވެރި ފޮތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވެ އެވެ. އެހެން އެކަން އޮތް އިރު އޭނާގެ މި ހުރިހާ ނާކާމިޔާބީތަކެއް ގުޅިފައި ވަނީ އީރާނުގެ ވެރިކަމުގެ އުއްމީދަށް ކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.
އޭނާ އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު އީރާނުގެ ވެރިކަމަށް އިސްކުރެވުނު މުހައްމަދު ރިޒާ ޕަހްލަވީގެ ދޮށީ ފިރިހެން ދަރިއެވެ. ކުޑައިރުއްސުރެ އޭނާ ތަރުބިއްޔަތު ކުރެވުނީ އީރާނުގެ ތަޚުތާ ހަވާލުވާނެ ވަލީއަހުދުގެ ގޮތުގަ އެވެ. ނަމަވެސް، މީގެ ސާޅީހަކަށް އަހަރު ކުރިން އީރާނުގެ ރައްޔިތުން ހުޅަނގުގެ މަދަދާއެކު އޮތް ރަސްކަމާ ދެކޮޅަށް ތެދުވެ، އެ ނިޒާމު އުވާލައި، އިސްލާމީ ޖުމްހޫރިއްޔާ އެއް ގާއިމު ކުރުމާ އެކު އޭނާގެ އެ އުއްމީދުތައް ފުނޑުފުނޑުވެގެން ދިޔައެވެ.
އީރާނުގެ އިންގިލާބާ އެކު އޭނާ އާއިލާ އާ އެކު ގައުމުން ފިލައިގެން ގޮސް އެމެރިކާ ގައި ވަޒަންވެރިވި އެވެ. އެމެރިކާގެ ދެ ކޮލެޖެއް ގައި ކިޔަވަން ފެށި ނަމަވެސް، އެއްވެސް ތަނަކުން ކިޔެވުން ފުރިހަމައެއް ނުކުރެވުނެވެ. އިންގިލާބުގެ ކުރިން، އެމެރިކާގެ އަސްކަރިއްޔާގައި ޕައިލެޓްކަން ދަސްކުރުމަށް އެއް އަހަރު ދުވަހުގެ ކޯހެއްގައި އޭނާ ބައިވެރިވި އެވެ. ނަމަވެސް ކޯސް ނިމެން މަދު މަސްތަކަކަށް ވެފައި ވަނިކޮށް އޭނާ ވަނީ އެ ކޯސް ދޫކޮށްލާފަ އެވެ.
ބައްޕާފުޅު އަވަހާރަވުމާއެކު، އުމުރުން އެންމެ 20 އަހަރުގައި އޭނާ އަކީ އީރާނުގެ އާ "ރަސްގެފާނު" ކަމަށް އަމިއްލަ އަށް އިއުލާނު ކުރި އެވެ. އެހެންނަމަވެސް، އެއްވެސް ގައުމަކުން، އަދި އޭނާ އަށް އެހީތެރިވި އެމެރިކާ ސަރުކާރުން ވެސް އެކަން ގަބޫލެއް ނުކުރި އެވެ. އަދި މާ ފަހުން އިޒްރޭލުގެ އިންޓެލިޖެންސް އިދާރާތަކުން ހާމަކުރި ގޮތުގައި، 1980 ގެ އަހަރުތަކުގައި އޭނާ ވަނީ އަސްކަރީ ބަޣާވާތެއް މެދުވެރިކޮށް އަލުން ތަޚުތަށް އިސްވުމަށް ރާވާފަ އެވެ. މި ރޭވުމުގައި އީރާނުގެ އަނިޔާވެރި "ސާވާކް" ފައުޖު ތަމްރީނުކުރުމުގައި އިސްކޮށް އުޅުނު އިޒްރޭލުގެ ޖާސޫސީ އޭޖެންޓް ޔާކޯވް ނިމްރޯޑީގެ އެހީތެރިކަން އޭނާ ހޯދި އެވެ. އަދި އޭރުގެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އޭރިއަލް ޝެރޯން ވަނީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު މިކަމަށް ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ.
މި ރޭވުން މުޅިން ނާކާމިޔާބުވުމުން، އޭނާ އެމެރިކާގެ ވާޖީނިއާގެ އަގުބޮޑު ގަނޑުވަރެއް ފަދަ ގެއަކަށް ބަދަލުވެ، އެމެރިކާ އާއި އިޒްރޭލުން ލިބުނު ފައިސާއިން ބޭކާރު ޚަރަދުތައް ކުރަން ފެށިއެވެ. ފައިސާ ބެލެހެއްޓުމުގައި ހުރި ދޯދިޔާ ކަމުގެ ސަބަބުން، ކުރީގެ ސަރުކާރުގައި އުޅުނު އޭނާގެ ބައިވެރިން އޭނާއާ ދެކޮޅަށް ދައުވާކުރި އެވެ.
އުމުރުން 63 އަހަރު ވެފައިވާ ޕަހްލަވީ އަމިއްލަ އަށް އިއުތިރާފުވާ ގޮތުގައި، އޭނާ މިއަދާ ހަމައަށް އެއްވެސް ވަޒީފާއެއް އަދާކޮށްފަ އެއް ނުވެއެވެ.
އާއިލީ ގޮތުން ބަލާއިރުވެސް އޭނާގެ ހަޔާތަކީ ހިތްދަތި ހަޔާތެކެވެ. ރަސްކަމުގެ ޝަރަފާއި އިއްޒަތް ގެއްލުމުގެ ސަބަބުން އޭނާގެ ދެ ކޮއްކޮ އަކު ވަނީ ނަފްސާނީ ބައްޔާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި، އަމިއްލަ އަށް މަރުވެފަ އެވެ.
ހާސިލުނުވާ އަމާޒެއް
ދިގު އަހަރުތަކެއް ވަންދެން ރިޒާ ޕަހްލަވީ ދައްކަމުން ދިޔައީ އޭނާ އަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އީރާނުގެ ރަސްކަން އަލުން ގާއިމުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކޮށް، އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ބުނަމުން ދިޔައީ އޭރުގެ ހަގީގަތަށް ބަލައިފަ އެވެ.
ނަމަވެސް، އެމެރިކާ އާއި ޒަޔަނިސްޓުންގެ ކިބައިން ލިބުނު ހިތްވަރާއެކު، އޭނާ އަނެއްކާ ވެސް ސިޔާސީ މައިދާނުގެ ކުރިއަށް ނުކުތެވެ. އީރާނުގެ މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު، އޭނާ އެކަމުގެ ތެރެއަށް ވަދެގަނެއެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އިންތިޚާބީ ވެރިން މަގާމުން ވަކިކުރުމަށް ގޮވާލައި، އޭނާ އަކީ ވެރިކަމާ ހަވާލުވާން ހުރި މީހާގެ ގޮތުގައި ދެއްކުމަށް އޭނާ މަސައްކަތްކުރެ އެވެ.
2010 ގެ އަހަރުތަކުގައި ހުޅަނގުގެ ގައުމުތަކުން، ޚާއްޞަކޮށް އެމެރިކާ، އިނގިރޭސިވިލާތް އަދި އިޒްރޭލުން ވަނީ އީރާނުގެ ސަރުކާރާ ދެކޮޅު އެކި ފެކްޝަންތަކަށް ދޭ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މީގެ ތެރޭގައި މާކްސިސްޓް ގްރޫޕްތަކާއި، ވަކިވެގަންނަން އުޅޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އިތުރުން ޕަހްލަވީ ހިމެނޭހެން ރަސްކަމަށް ތާއީދުކުރާ މީހުން ހިމެނެ އެވެ.
ހުޅަނގުގެ އެހީގައި ހިންގާ އެހެން "އިދިކޮޅު" ފަރާތްތަކެކޭ އެއްފަދައިން، އޭނާވެސް އެންމެން ހިމެނޭ "ގައުމީ މަޖިލީހެއްގެ" ލީޑަރު ކަމަށް ދައުވާކުރި އެވެ.
ފާރިސީ ބަހުން ފޮނުވާ ސެޓެލައިޓް ޗެނަލްތަކުން އޭނާ އަކީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ވަރަށް ބޮޑަށް އިޝްތިހާރު ކުރި އެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތުގައި ހިންގި "މަނޮޓޯ" ނަމަކަށް ކިޔާ ޗެނަލުން މިކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި ޗެނަލް މި އަހަރުގެ ކުރީކޮޅު ވަނީ ހުއްޓާލާފަ އެވެ.
މި ވަސީލަތްތަކުން މަސައްކަތް ކުރީ ކުރީގެ ރަސްކަމުގެ ދުވަސްވަރަކީ ވަރަށް އުފާވެރި ޒަމާނެއްގެ ގޮތުގައި ދައްކައި، ޒުވާނުންގެ ވިސްނުން ބަދަލުކުރުމަށެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމާއެކު، ޕަހްލަވީ އަށް އާ ފުރުސަތެއް ލިބުނު ކަމަށް އޭނާ ގަބޫލުކުރި އެވެ. 2015 ގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް އޭނާ ތާއީދުކޮށް، ޓްރަމްޕްގެ ހަރުކަށި ބަސްމަގު ކޮޕީކޮށް އީރާނާ ދެކޮޅަށް ވާހަކަ ދައްކަން ފެށި އެވެ.
އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ވަރަށް ބޮޑަށް ވަކާލާތުކުރި އެވެ. އެއީ އީރާނުގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް އޭނާ ބުނި ބުނުމުން، އޭނާ އާއި އާންމު ރައްޔިތުންގެ ހަގީގީ ދިރިއުޅުމާ އޮތް ދުރުކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ އެވެ.
އޭރު އޭނާގެ އަމަލުތައް ހުރި ގޮތުން އެނގުނީ، ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ ސިޔާސީ ނިޒާމު ރޫޅިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތް ކަމެވެ. އަދި އެމެރިކާ އިން ބޭނުންވާ ފަދަ "އާ އީރާނެއްގެ" ވެރިއަކަށް ވުމަށް އޭނާ ހުރީ ތައްޔާރަށެވެ.
އިޒްރޭލަށް ކުރާ ތާއީދު
ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށް، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ރަހުމުކުޑަ އަދި ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން ނުކުމެ އިންސާފަށް ގޮވަމުން ދާއިރު، ހައިރާންކުރުވަނިވި ގޮތަކަށް އީރާނުގެ ރަސްކަމަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިޒްރޭލަށް ތާއީދުކޮށްފަ އެވެ.
އޮކްޓޫބަރު 7 ގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ހުޅަނގުގެ އަދި އިޒްރޭލުގެ މީޑިއާތަކަށް ދިން ބަޔާންތަކުގައި، އަމިއްލަ އަށް "ވަލީއަހުދު" ކަމަށް ދައުވާކުރާ ޕަހްލަވީ ވަނީ ޣައްޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ފާޅުގައި ތާއީދުކޮށްފަ އެވެ.
ނޮވެމްބަރު 2024 ގައި، އޭނާގެ އަންހެނުން ޔާސްމީން ޕަހްލަވީ، ވޮޝިންޓަންގައި ބޭއްވި އިޒްރޭލަށް ތާއީދުކުރާ އެއްވުމެއްގައި، އީރާނުގެ ކުރީގެ ޝާހީ ދިދަ އާއި އިޒްރޭލުގެ ދިދަ ހޫރުވަނިކޮށް ފެނިފައިވެ އެވެ. މި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ޕަހްލަވީއާ ގުޅުންހުރި ސޯޝަލް މީޑިއާ ނެޓްވޯކްތަކުން ވަނީ ފުޅާދާއިރާއެއްގައި ފަތުރާފަ އެވެ.
އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި މަރުވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުން ދިޔަ ނަމަވެސް، ޕަހްލަވީ އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އިޒްރޭލުގެ އަނިޔާވެރި ވެރިކަމުގެ ދިފާއުގައި ވަރުގަދަ އަށް ވަކާލާތުކޮށްފަ އެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) އިޒްރޭލުގެ ގާތިލުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށް ވެސް، އެމީހުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް އޭނާ ދިޔައީ ތަކުރާރުކޮށް ދިފާއުކުރަމުންނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އިސް ވެރިންނާ އޮންނަ ގާތް ގުޅުމާ މެދު ޕަހްލަވީ އެއްވެސް ލަދުވެތިކަމެއް ނެތި ފާޅުގައި ވާހަކަދައްކަ އެވެ. އަދި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ޒިޔާރަތްކޮށް، އެ ގައުމުގެ އިސްތިއުމާރީ ސިޔާސަތުތަކަށާއި ހިންގަމުންދާ ގަތުލުއާންމަށް އޭނާ ވަނީ އަމަލީ ގޮތުން ތާއީދުކޮށްފަ އެވެ.
މި ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައީ، އޭޕްރީލް 2024 ގައި ނަތަންޔާހޫގެ އަމިއްލަ ދައުވަތަކަށް ޕަހްލަވީ އާއި އޭނާގެ އަންހެނުން އިޒްރޭލަށް ކުރި ޒިޔާރަތަށްފަހުގަ އެވެ. މި ޒިޔާރަތަކީ، މާ ކުރިންސުރެ ނުރަސްމީކޮށް އޮތް ގުޅުން ރަސްމީ ސިފައެއްގައި ހާމަވެގެން ދިޔަ ކަމެކެވެ.

މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ، މިއަހަރުގެ ޖޫން މަހު އިޒްރޭލުން އެއްވެސް އުދުވާނަކާ ނުލައި އީރާނަށް ދިން ހަމަލާތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 1,000 އަށް ވުރެ ގިނަ މީހުން ޝަހީދުވުމާ ގުޅިގެންނެވެ. އީރާނުގެ މުޅި ގައުމު އެ ހިތާމައިގައި ވަނިކޮށް، ޕަހްލަވީ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށްފަ އެވެ.
ފަހަކަށް އައިސް، އީރާނުގެ ފައިސާގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ތެހެރާނުގެ ވިޔަފާރިވެރިން ސުލްހަވެރި މުޒާހަރާތަކެއް ކުރަން ފެށުމުން، ޕަހްލަވީ އަނެއްކާ ވެސް ވަނީ މައިދާނަށް ނުކުމެފަ އެވެ. އޭނާ ވަނީ އެ ފުރުސަތުގެ ބޭނުން ހިފައި، އީރާނުގެ އެތެރޭގައި ތިބި މޮސާޑް އަދި ސީ.އައި.އޭ އާ ގުޅުންހުރި ފަރާތްތަކަށް ގޮވާލައި، ހަމަނުޖެހުން ހިންގުމަށާއި ސުލްހަވެރި މުޒާހަރާތަކުގެ މިސްރާބު ބަދަލުކޮށްލުމަށް މަސައްކަތް ކޮށްފަ އެވެ.
މީގެ އިތުރުން، އިޒްރޭލުގެ "ހާރެޓްޒް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޭކު އެކައުންޓްތައް މެދުވެރިކޮށް، ޕަހްލަވީގެ މަގުބޫލުކަން އިތުރުކުރުމަށާއި އީރާނުގައި އަލުން ރަސްކަން ގާއިމުކުރުމަށް ބާރުއެޅުމުގެ ސިއްރު އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއީ މި ދެމެދުގައި އޮތް ގުޅުމުގެ ފުންކަން ހާމަކޮށްދޭ ކަމެކެވެ.
2026 ވަނަ އަހަރުގެ އީރާނު ހަމަނުޖެހުންތައް – ބާ ރޭވުމެއްގެ ތަކުރާރުވުމެއް
އީރާނުގެ ސަރުކާރުގެ އިސް މަސްއޫލުވެރިން ސިފަކުރައްވާފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ތެހެރާނާއި އެހެނިހެން ސިޓީތަކުގައި ހަތިޔާރު އެޅި ބަޔަކު ހިންގި އަމަލުތަކަކީ "ޓެރަރިޒަމް" އެވެ. މި ހަމަނުޖެހުންތަކުގައި ބަސް ސްޓޭޝަންތަކާއި، ބޭންކުތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން މިސްކިތްތައް ހިމެނޭހެން އާންމު މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.
މި ހަމަނުޖެހުންތައް ފެށިފައި ވަނީ އެމެރިކާގެ މޭރީލޭންޑްގައި ހުރި ޕަހްލަވީ، އިޒްރޭލާއި އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން ރާވާފައިވާ ރޭވުމެއްގެ ދަށުން، އީރާނުގެ އެތެރޭގައި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވާލި ގޮވާލުންތަކާ ގުޅިގެން ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ކަންކަން ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ޕަހްލަވީ އަކީ ފާއިތުވި ސާޅީހަކަށް އަހަރު ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބޭނުންކުރާ މުހިންމު އާލަތެކެވެ.
މި މުޒާހަރާތަކުގެ ތެރެއިން މިހާރުގެ ސަރުކާރު ވައްޓާލެވިއްޖެ ނަމަ، އީރާނުގެ އިންތިގާލީ މަރުހަލާގައި އިސްކޮށް ހުންނަން ތައްޔާރަށް ހުރި ކަމަށް ޕަހްލަވީ އަނެއްކާ ވެސް ބުނެފައިވެ އެވެ.
ނަމަވެސް ވެރިކަން ލިބުމުން ދެން ކަން ކުރާނެ ގޮތުގެ ޕްލޭނެއް ނެތުމާއި، މުޅި އުމުރު ކަހަލަ ގޮތަކަށް ގައުމުން ބޭރުގައި ހޭދަ ކޮށްފައިވުމުގެ ސަބަބުން އަމިއްލަ ގައުމަށް ބީރައްޓެހި ވުމާއި، ސިޔާސީ ތަޖުރިބާ މަދުވުމުގެ ސަބަބުން، އީރާނުގައި އޮތް ވެރިކަން ވެއްޓުނު ކަމުގައި ވިޔަސް އޭނާ އަކީ އެ އުއްމީދު ކުރާ މަގާމަށް އާދެވޭނެ މީހާ ނޫން ކަމަށް އީރާނުގެ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.





