ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!
އެމެރިކާ އިން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް މޮސްކޯ އިން ރައްދުދޭނީ ކިހިނެއްތޯ ގިނަ ބަޔަކު މިހާރު ވަނީ ސުވާލު އުފައްދާފައި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން | ގެޓީ އިމޭޖަސް
ރަޝިޔާގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒުގަދަ ޝަޚްސިއްޔަތު ކަމަށްވާ ރައީސް ލަޑީމިއަރ ޕޫޓިން، އެމެރިކާ އިން ހިންގި ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު ފެނިފައެއް ނުވެ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް، އެމެރިކާގެ އަމަލުތަކަކީ "ބިރުދެއްކުން" ކަމަށް ސިފަކުރައްވައި އެކަން ކުށްވެރިކުރެއްވި ނަމަވެސް، ޕުޓިން މިކަމާ ގުޅޭގޮތުން ވަގުތުން އަދި ސާފު ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ހަމަ އެހެންމެ، މިދިޔަ ބުދަ ދުވަހު އެމެރިކާގެ ސިފައިން ރަޝިޔާގެ ދިދަ ޖަހާފައިވާ އުޅަނދަކަށް އަރައި، އެ އުޅަނދު ހިފެހެއްޓި ހާދިސާ އާ ގުޅޭގޮތުން ވެސް އޭނާ އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މިކަމާ ގުޅިގެން، އެމެރިކާގެ މި އާ އަސްކަރީ ހަރަކާތްތަކަށް މޮސްކޯ އިން ރައްދުދޭނީ ކިހިނެއްތޯ ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
ބަލާބެލުމަށް، މާދޫރޯ ވެރިކަމުން ދުރުކުރުމަކީ ޕޫޓިންއަށް ކުރިމަތިވި ޖިއޯޕޮލިޓިކަލް ނާކާމިޔާބީތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެސް ވަނީ އޭނާގެ ވެރިކަން ވެއްޓުމާ ގުޅިގެން ރަޝިޔާއަށް ވަޑައިގެންފައެވެ. އަދި މިދިޔަ ޖޫން މަހު، އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މިއީ އެ އަހަރުގެ ކުރީކޮޅު ރަޝިޔާ އާއެކު ސްޓްރެޓެޖިކް ގުޅުމެއް ގާއިމުކުރި ގައުމަކާ ދެކޮޅަށް އެމެރިކާއިން ސީދާކޮށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.
ރަޝިޔާގެ އޮފިޝަލުން މީގެ ކުރިން ވަނީ، މޮސްކޯ އާއި ތެހެރާނާ ދެމެދު އޮތް ގުޅުމަކީ، އީރާނަށް ހަމަލާއެއް ދިނަސް ރަޝިޔާ އަސްކަރީ ގޮތުން އެކަމުގެ ތެރެއަށް ވަންނަންޖެހޭ ފަދަ ގުޅުމެއް ނޫންކަން ސާފުކޮށްދީފަ އެވެ. އަނެއްކޮޅުން މާދޫރޯ އާއި ޕޫޓިންއާ ދެމެދު އޮތް ގުޅުމަކީ ބޭރުގެ ނުރައްކާތަކުން "ވެނެޒުއޭލާގެ އަޚުވަންތަ ރައްޔިތުން" ދިފާއުކުރުމަށް އޮތް ގުޅުމެއް ކަމަށް ރަޝިޔާ ސަރުކާރުން ބުނި ނަމަވެސް، އެމެރިކާގެ ހާއްސަ ސިފައިން އެ ގައުމަށް ވަދެގަތް ވަގުތު މޮސްކޯގެ ފަރާތުން އެދެވޭ ވަރުގަދަ ރައްދެއް ފެނިފަ އެއް ނުވެއެވެ.
މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ ސިފައިން ހިންގި ހަރަކާތަކީ ރަޝިޔާގެ އަސްކަރީ އުފެއްދުންތަކަށް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ. މަދޫރޯގެ ކުރިން ވެރިކަމުގައި ހުންނެވި ހޫގޯ ޗާވޭޒްގެ ދައުރުގައި، ވެނެޒުއޭލާގެ އަސްކަރިއްޔާ ވަރުގަދަކުރަން ފެށީ ރަޝިޔާގައި އުފައްދާފައިވާ އެސް-300، ބަކް އަދި ޕެޗޯރާ ފަދަ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެންނެވެ. ޓްރަމްޕްގެ ސަރުކާރުން އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން، މަދޫރޯ ވަނީ އެ ގައުމުގެ ވައިގެ ދިފާއީ މުހިންމު ސަރަހައްދުތަކުގައި ރަޝިޔާގައި އުފައްދާފައިވާ ކުރު ރާސްތާގެ 5,000 މިސައިލް ހަރުކޮށްފައިވާ ކަމަށް ބުނެ ފަހުރުވެރިކަމާއެކު އެކަން ފާހަގަ ކޮށްފަ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުތަކަށް މަލާމާތްކުރައްވައި، އެ ނިޒާމުތަކުގެ އެދެވޭ ނަތީޖާއެއް ނުފެނުނުކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، ސްޓްރެޓީޖިކް ގޮތުން ބަލާއިރު މީގެން ޕޫޓިންއަށް ފައިދާތަކެއް ވެސް ވެދާނެއެވެ. ލެޓިން އެމެރިކާއަކީ އެމެރިކާގެ ނުފޫޒު އޮންނަ ސަރަހައްދެއްގެ ގޮތުގައި ޓްރަމްޕް ކަނޑައެޅުއްވުމަކީ، ޔޫކްރެއިންގެ މިނިވަންކަން ނައްތާލައި ރަޝިޔާގެ ބާރުގެ ދަށަށް އެ ގައުމު ގެނައުމަށް ޕޫޓިން ކުރައްވާ މަސައްކަތް ދިފާއުކުރުމަށް ދެއްކޭނެ ބަހަނާއަކަށް ވެދާނެއެވެ. އަދި ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ވެސް ރަޝިޔާގެ މަސްލަހަތައް ފައިދާ ކޮށްފާނެ ކަމެކެވެ.
1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމަށްފަހު، އެ އިއްތިހާދުން ވަކިވި މިނިވަން ދައުލަތްތަކުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ހައްގު ރަޝިޔާ އަށް އޮންނާނެ ކަމަށް އެ ގައުމުން އަބަދުވެސް ވަކާލާތު ކުރެ އެވެ. އަދި 2022 ވަނަ އަހަރު ޔޫކްރެއިން އަށް އަރައިގަތުމަށްފަހު ޕޫޓިން ވިދާޅުވެފައި ވަނީ، އޭނާގެ އެންމެ މުހިންމު އަމާޒަކީ ކުރީގެ ރަޝިޔާގެ ބާރުވެރިކަން އަލުން އިއާދަކުރުން ކަމަށެވެ.
މި ވިސްނުމާ ގުޅޭގޮތުން ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދުނިޔެ ހިނގަނީ ބާރާއި ނުފޫޒުގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން، ނޭޓޯގެ މެންބަރެއް ކަމަށްވާ ޑެންމާކްގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑް ހޯދުމަށް ބާރުގެ ބޭނުންކުރަން ޓްރަމްޕް ތައްޔާރަށް ހުންނެވިކަމުގެ މެސެޖަކީ ރަޝިޔާ އަށް ލިބޭނެ އުފާވެރި ހަބަރެކެވެ. ސަބަބަކީ ޔޫކްރެއިން އަށް އެހީވުމުގައި އެމެރިކާގެ އެއްބާރުލުން ކުޑަވަމުންދާ ދަނޑިވަޅެއްގައި، ހުޅަނގުގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫއަރުވަން ރަޝިޔާ އިން އަބަދުވެސް މަސައްކަތް ކުރާތީ އެވެ.
މަދޫރޯ ނިއުޔޯކްގެ ކޯޓަކަށް ހާޒިރުކުރެވޭ މަންޒަރުގެ ސަބަބުން، އަވަށްޓެރި ޔޫކްރެއިންގެ ވެރިކަން ބަދަލުކުރުމަށް ޕޫޓިން ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާކަން ހިތްޕުޅަށް އަރާ، އެކަމުގެ ސަބަބުން އޭނާ އަށް ނުތަނަވަސްކަމެއް ކުރިމަތިވެދާނެ އެވެ. އެހެންނަމަވެސް، ދުނިޔޭގެ ބާރުވެރިކަމުގެ ހަނގުރާމައިގައި، އަދިވެސް ކަންކަން ނިންމުމުގެ އަސްލު ބާރަކީ ނުފޫޒާއި ބާރު ކަމުގައި ޕޫޓިން ދަނީ ހާމަކޮށްދެއްވަމުންނެވެ.







