ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް
ފެޑަރަލް ޖަލު ކޮންސަލްޓަންޓް، ސޭމް މެންގެލް ވިދާޅުވީ، އެއީ ހަގީގަތުގައި ވެސް "ނަރަލަ" ކަހަލަ ތަނެއް ކަަމަށް. އެ ތަނުގައި ހޫނު ކުރުމާއި، ފިނި ކުރުމުގެ ނިޒާމު ވެސް ވަރަށް ދަށް ވާނެ ކަމަށް އޭނާ ވިދާޅުވި. އަދި އެ ތަނުގައި ގައިދީންނަށް ލިބޭނީ އެންމެ ދަށް ފެންވަރުގެ ޚިދުމަތް ކަމަށާއި، ކޮންމެ ގައިދީ އަކަށް ލިބޭނީ އެންމެ ބްލޭންކެޓެއް ކަަމަށް ވިދާޅުވި.


ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުގައި ބިޑި އަޅުވައިގެން ގެންދަނީ | ރޮއިޓަސް
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި، އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް އެމެރިކާ އިން ހައްޔަރު ކޮށްފައިވާއިރު، ބްރޫކްލިން ގައި ހުންނަ ޖަލެއްގައި ތަހަންމަލު ކުރަމުން ދާން ޖެހޭނީ އުނދަގޫ ޙާލަތެއް ކަމަށް ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އުމުރުފުޅަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. މި ދެމަފިރިންގެ މައްޗަށް އެމެރިކާގައި ޝަރީއަތް ފަށާފައިވާއިރު، ދެ މީހުން ބަންދު ކޮށްފައި ވަނީ ބްރޫކްލިންގައި ހުންނަ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރުގަ އެވެ. އެ ސެންޓަރުގެ ހަގީގަަތް އިނގޭ ބައެއް ފަރާތްތަކުން ބުނެފައި ވަނީ، އެ ތަނުގައި އެ ދެމަފިރިން ތަހަންމަލު ކުރަން ޖެހޭނީ އުނދަގޫ ދުވަސް ތަކެއް ކަމަށެވެ.
ފެޑަރަލް ޖަލު ކޮންސަލްޓަންޓް، ސޭމް މެންގެލް ވިދާޅުވީ، އެއީ ހަގީގަތުގައި ވެސް "ނަރަކަ" ކަހަލަ ތަނެއް ކަަމަށެވެ. އެ ތަނުގައި ހޫނު ކުރުމާއި، ފިނި ކުރުމުގެ ނިޒާމު ވެސް ވަރަށް ދަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަނުގައި ގައިދީންނަށް ލިބޭނީ އެންމެ ދަށް ފެންވަރުގެ ޚިދުމަތް ކަމަށާއި، ކޮންމެ ގައިދީ އަކަށް ލިބޭނީ އެންމެ ބްލޭންކެޓެއް ކަަމަށް ވިދާޅުވި އެވެ. އަދި އެއާ އެކު ލިބޭނީ، ދެ އިންޗި ހުންނަ ތުނި ކުޑަ ކުޑަ ބާލީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާސްކަމާއި، ބިރުވެރިކަން އަދި ހިތްދަތިކަން އިންތިހާ އަށް އިޙުސާސް ކުރެވޭއިރު، ނިދަން ހުންނާނީ ދަގަނޑުން ހަދާފައިވާ ކުޑަ ކުޑަ އަށިގަނޑެއް ކަމަށް ވެސް މެންގެލް ވިދާލުވި އެވެ.
މީގެ ކުރިން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ބޮޑު ގަނޑުވަރެއްގަ އެވެ. އެގޮތުން ރިޔާސީ ގަނޑުވަރު މިރަފްލޯރެސް ގައި ދެމަފިރިން ދިރިއުޅުއްވަމުން ގެންދެވީ އިންތިހާ އަށް އުފާވެރިކަމުގަ އެވެ. އެއީ ޖާގަ ތަނަވަސް، ބޮޑެތި ހޯލުތަކާއި، ރީތި ބަގީޗާ ތަކާއި، ބޮޑެތި ދޮރުފަތްތަކާ އަދި ހިތްގައިމު އެތައް ކަމެއް އެކުލެވިގެންވާ ތަނެކެވެ.
ނަމަވެސް، ކުޑަ ވަގުތު ކޮޅަކަށް ދެމިގެން ދިޔަ އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން އެ ދެމަފިރިން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއާއެކު، މިހާރު އެ ދެމަފިރިން ތިބެން ޖެހިފައި ވަނީ ކަރަންޓު ކެނޑުގެ މައްސަލަ ބޮޑުވެފައިވާ ތަނެއްގަ އެވެ. އެ ތަނަކީ މުވައްޒަފުންގެ ދަތިކަން އިންތިހާ އަށް އޮތް ތަނަކަށް ވާއިރު، އެއީ ގައިދީންގެ ޝަކުވާާތައް އޮހުމުގެ ތާރީޚެއް އޮތް ތަނެކެވެ. މިއީ ހިތްދަތި ކަމުން ފުރިފައިވާ، ބިރުވެރި ބަންދު ކުރުމަކަށް ވާނެ އެވެ.
އެ ޖަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މެންގެލް އިތުރަށް ވިދާޅުވެފައި ވަނީ، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ބަހައްޓަވާނީ ވަކިން ކަމަށެވެ. އެގޮތުން އާންމު ގައިދީން ތިބޭ ތަންތަނާ ދުރުގައި، ވަކި ޚާއްސަ ސަރަހައްދެއްގައި އެ ދެމަފިރިން ބަންދު ކޮށްފައި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، މަދޫރޯ އާއި އަނބިކަނބަލުން ބަންދު ކޮށްފައި ބަހައްޓާނީ ވަކިން ދެ ކޮޓަރިއެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ބަޔާން ކޮށްފައި ވަނީ، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންނަކީ ސަލާމަތީ ގޮތުން ބިރުވެރިކަން އޮތް ދެ މީހުންނަށް ވާތީ އެވެ. އެގޮތުން އެ ދެމަފިރިންނާ މެދު އެހެން ގައިދީން ވިސްނާނެ ގޮތެއް ވެސް ސާފު ވެފައި ނޯންނާނެތީ، ވަކިން ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެޑަރަލް ޖަލު ތަކުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ހިއު ހާވިޓްޒް ވިދާޅުވި ގޮތުގައި، މަދޫރޯ އާއި އޭނާގެ އަނބިކަނބަަލުންނަށް އެއްވެސް ވަރަކަށް މުއާމަލާތް ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ދެމަފިރިން އެކަކު އަނެކަކާ ބައްދަލު ކުރެވޭނީ ޤާނޫނީ ވަކީލުންނާ ބައްދަލު ކުރުަމަށް އޮންނަ ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު ހައެއް ޖެހުމާ އެކު، ގައިދީން ހޭލައްވާނެ ކަމަށާއި، ދުވާލަކު އެއް ފަހަރު ޤާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން، 23 ގަޑިއިރު ގައިދީން ހޭދަ ކުރަން ޖެހޭނީ ބަންދު ކޮށްފައިވާ ކޮޓަރީގަ އެވެ. އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ބައެއް ޤާނޫނީ ވަކީލުން ބުނެފައިވާ ގޮތުގައި، ފޯނު ކުރުމުގެ ފުރުސަތު ވެސް އޮންނަނީ ވަރަށް ހަނިކޮށެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ތެރޭގައި އެހެން ގައިދީން ތަކެއް ހަދާފައިވާ ބައެއް ކަހަލަ އާލާތްތައް ބޭނުން ކޮށްގެން، އެ ޖަލުގައި ދެ ގައިދީއަކު މަރާލާފައިވެ އެވެ. ޤާނޫނީ ވަކީލުން އަދި މީގެ ކުރިން އެ ތަނުގައި ބަންދު ކޮށްފައި ތިބި މީހުން ބުނެފައި ވަނީ، އެއީ ވަރަށް ނުރައްކާތެރި ތަނެއް ކަމަށެވެ.
މި ހަފުތާގެ ހޯމަ ދުވަހު ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ނިއު ޔޯކުގައި ހުންނަ ކޯޓަށް ޙާޒިރު ކޮށްފަ އެވެ. ޝަރީއަތުގެ އެ މަޖިލީުގައިި އެ ދެމަފިރިންގެ މައްޗަށް މަސްތުވާ ތަކެތި ވިޔަފާރި ކުރުމުގެ ދައުވާ ކޮށްފައިވާއިރު، ދެމަފިރިން ވެސް ވަނީ ދައުވާ ތަަކަށް އިންކާރު ކުރައްވައިފަ އެވެ.







