Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

ފައިސާގެ އަގު ވެއްޓި، އަސާސީ ތަކެތީގެ އަގު އުފުލުމާއި ވަޒީފާގެ ފުރުސަތު ކުޑަވުމުގެ އިތުރުން ބޭރުގެ ކަންކަމަށް އީރާނުން ކުރަމުން ގެންދާ ބޮޑެތި ޚަރަދުތަކާ މެދު ރައްޔިތުން ވަނީ ނުރުހުންވެފައި. ދިގުދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމެރިކާ އާއި އިޒްރޭލުގެ ފިއްތުންތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރު ކުރުމުގެ ސަބަބުން އީރާނުގެ ދާޚިލީ މަސްލަހަތު އިތުރަށް ގޯސްވެ، ރައްޔިތުންނާއި ދައުލަތާ ދެމެދު އޮތް ކުރިމަތިލުންތައް ވަނީ ވަރުގަދަވެފައި.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 16:35
އީރާނުގެ ގިނަ ސިޓީތަކަކަށް މުޒާހަރާ ފެތުރިފައިވާއިރު ކަރްމަންޝާހުގެ ގައި ކުރި މުޒާހަރާގެ ތެރެއިން - ޖެނުއަރީ 8، 2026.

އީރާނުގެ ގިނަ ސިޓީތަކަކަށް މުޒާހަރާ ފެތުރިފައިވާއިރު ކަރްމަންޝާހުގެ ގައި ކުރި މުޒާހަރާގެ ތެރެއިން - ޖެނުއަރީ 8، 2026. | ގެޓީ އިމޭޖަސް

އީރާނުގައި މި ފެށުނު އައު އަހަރާ އެކު މުޒާހަރާތައް ފެށިފައިވަނީ ހަނގުރާމައާއި، އިގްތިސާދީ ދަތިކަމާއި، ސިޔާސީ ނުތަނަވަސްކަމުން ފުރިގެންވި އަހަރެއް ނިމުމަކަށް އައި ދަނޑިވަޅެއްގަ އެވެ.

2025 ވަނަ އަހަރުގެ ތެރޭގައި، އިޒްރޭލުން އީރާނަށް ދިން 12 ދުވަހުގެ ވަރުގަދަ ހަމަލާތަކެއްގައި އެ ގައުމުގެ އަސްކަރީ އިސްވެރިން އަވަހާރަކޮށްލައި، އަސްކަރީ އަދި އިގްތިސާދީ މުހިންމު މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. މީގެ އިތުރުން، އެމެރިކާ އިން ވެސް ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. މި ހާދިސާތަކަށްފަހު، 2025 ވަނަ އަހަރުގެ ފަހު ހަފުތާގައި ވެރިރަށް ތެހެރާނާއި އީރާނުގެ މެދުތެރޭގެ ސިޓީތަކުގައި ފެށުނު މުޒާހަރާތައް ވަނީ ދެމިގެންގޮސްފަ އެވެ.

މިއީ އީރާނަށް އައު ކަމެއް ނޫނެވެ. 1990 ގެ މެދުތެރެއިން ފެށިގެން އެ ގައުމުގެ މުޖުތަމައު ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެ އެތައް ބައިވަރު މުޒާހަރާތަކެއް ދެކިފައެވެ. މީގެ ކުރިން ހިނގި މުޒާހަރާތަކުގެ އަސްލަކީ ސިޔާސީ އަދި އިޖުތިމާއީ މިނިވަންކަން ހަނިކުރުމާއި، އިގްތިސާދީ ހާލަތު ގޯސްވުން ފަދަ ކަންކަމެވެ.

އީރާނުގައި ތަކުރާރުވަމުންދާ މި މުޒާހަރާތަކަކީ ދާޚިލީ ސިޔާސީ މަސްރަހާއި، ވެރިކަން ހިންގުމުގެ ނިޒާމާއި، ޚާރިޖީ ސިޔާސަތުތަކުގެ އިތުރުން ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ އެވެ. ޚާއްޞަކޮށް އިޒްރޭލު އަދި އެމެރިކާ އާ އީރާނާ ދެމެދު އޮތް މެދުނުކެނޑޭ ނުތަނަވަސްކަމާއި، ދިގުލައިގެން ގޮސްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޭރަށް ނުކުމެ އަޑުއުފުލުމުގެ ރޫހު ވަނީ އިތުރުވެފަ އެވެ.

އަހަރު ނިމުނުއިރު ފެށުނު މުޒާހަރާތަކުގެ ފެށުމަކީ މާލީ ހާލަތު ދަށްވުމާ ގުޅިގެން ވިޔަފާރިވެރިންނާއި ބާޒާރުތަކުގެ ވެރިން ފެށި ހަޅުތާލެވެ. އީރާނުގެ ފައިސާ، ރިޔާލުގެ އަގު 50 އިންސައްތަ އަށް ވެއްޓި، ތަކެތީގެ އަގު އިންތިހާ އަށް އުފުލުމާއި، ވަޒީފާ ނެތް މީހުންގެ ނިސްބަތް 7.5 އިންސައްތަ އަށް އިތުރުވުމަކީ މި ނުރުހުންތެރިކަން އިތުރަށް ގޯސްވި ސަބަބެކެވެ.

މިއީ އިގްތިސާދީ ސަބަބުތަކާ ހުރެ އީރާނުގައި ހަމަނުޖެހުން އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2008 ވަނަ އަހަރު، ވެލިއު އެޑެޑް ޓެކްސް (VAT) ބޮޑުކުރުމާ ގުޅިގެން ބާޒާރުތަކުގެ ވިޔަފާރިވެރިން ކުރި މުޒާހަރާތަކުގެ ސަބަބުން، އޭރުގެ ރައީސް މަހްމޫދު އަހުމަދީނީޖާދުގެ ސަރުކާރަށް އެ ނިންމުން އަނބުރާ ގެންދަން މަޖުބޫރުވި އެވެ. ހަމައެފަދައިން، 2010 ވަނަ އަހަރު އާމްދަނީން ނަގާ ޓެކްސް 70 އިންސައްތަ އަށް ބޮޑުކުރަން އުޅުމުން ވެސް އާންމުންގެ ފިއްތުންތަކާ ހުރެ ސަރުކާރު ފަހަތަށް ޖެހުނެވެ.

އީރާނުގެ މުޒާހަރާތަކުގައި އިގްތިސާދީ ކަންބޮޑުވުންތަކާ އެކު، އިޖުތިމާއީ މިނިވަންކަމަށް ގޮވާލާ އަޑުތައް ވެސް އަބަދުވެސް ހުރެއެވެ. މީގެ ތެރޭގައި މަޖުބޫރު ހިޖާބު ގާނޫނާ ދެކޮޅަށް ކުރެވޭ އިހުތިޖާޖުތައް ހިމެނެ އެވެ. 2022 ވަނަ އަހަރު އުމުރުން 22 އަހަރުގެ މަހްސާ އަމީނީ، ހިޖާބު ގާނޫނާ ޚިލާފުވި ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާ ގުޅިގެން، މުޅި ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ހިނގައިދިޔަ އެވެ.

ކަން މިހެން ހުރި ނަމަވެސް، އީރާނުގެ އެކި ސަރުކާރުތަކަށް އަސާސީ އިސްލާހުތަކެއް ގެނެވިފައެއް ނުވެ އެވެ. ރައީސް މުހައްމަދު ޚާތަމީގެ ދައުރުގައި (1997–2005) ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، 2002 ވަނަ އަހަރު ނިއުކްލިއާ މަރުކަޒުތަކުގެ ފޮޓޯތައް އާންމުވުމާ އެކު ބޭރުގެ ފިއްތުންތައް އިތުރުވެ، އެ މަސައްކަތްތައް ނާކާމިޔާބުވި އެވެ.

2005 އިން 2013 އަށް އަހުމަދީ ނީޖާދު ގެންގުޅުއްވި "ތެލުން ނަގުދު ފައިސާ" ދިނުމުގެ ސިޔާސަތު ވެސް ނާކާމިޔާބުވީ، ދާޚިލީ އިގްތިސާދީ މަސްލަހަތުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުން ފަސް ފަހަރެއްގެ މަތިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ވިޔަފާރި އާއި، މާލީ މުއާމަލާތްތަކާއި، ބޭރުގެ ފައިސާ ހޯދުމުގެ މަގުތައް ބަންދުވެ، 1980 އިން ފެށިގެން އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބުރަ އިތުރަށް ބޮޑުވެގެންދިޔައެވެ.

ހިންގުންތެރިކަން ގޯސްވުންތަ، ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންތަ؟

މުޒާހަރާތައް ދުވަހުން ދުވަހަށް ފުޅާވަމުންދާ ވަރަކަށް، ޒަމާނުއްސުރެ އުފެދެމުން އަންނަ ބަހުސެއް އަނެއްކާ ވެސް މިވަނީ ފެންމަތިވެފަ އެވެ. އެއީ އީރާނުގެ އިގްތިސާދީ ހީނަރުކަމަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުފޫޒު އޮތީ ކިހާވަރަކަށްތޯ އާއި، އަދި ގައުމު ހިންގުމުގައި ހުރި ނުކުޅެދުންތެރިކަމުގެ ޒިންމާ އޮތީ ކިހާ މިންވަރަކަށްތޯ ކުރެވޭ ސުވާލެވެ.

އީރާނުގެ އިގްތިސާދުގައި 1980 އިން ފެށިގެން ހައްލުނުކުރެވި ހުރި އޮނިގަނޑުތަކެއްގެ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. މިއީ ވަރުގަދަ އިގްތިސާދެއް ބިނާކުރުމުގެ ބަދަލުގައި، އިންގިލާބީ ފިކުރުތަކާއި އެކަމާ ގުޅުންހުރި ބޮޑެތި ޚަރަދުތަކަށް އިސްކަންދިނުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ. އިގްތިސާދީ އަދި މާލީ ގާނޫނުތައް ދުނިޔޭގެ ކުރިއެރުންތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތެއް ނުކުރެވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ މާކެޓުތަކުން އީރާނު އެކަހެރިވެ، އެތެރޭގެ މައްސަލަތައް އިތުރަށް ގޯސްވެ، ހުރިހާ ދާއިރާއަކަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރި އެވެ. މިއީ އީރާނުގެ ސިޔާސީ އަދި އިގްތިސާދީ އިސް ފަރާތްތަކަށް ކުރިމަތިވެފައިވާ ދާއިމީ ސުވާލެކެވެ. އެކި ސަރުކާރުތަކުން، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުޑަކުރެވޭނެ ފަދަ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކެއް އެކުލަވައިލުމުގައި ނާކާމިޔާބުވީ ކީއްވެގެން ހެއްޔެވެ؟

މި މޭރުމުން ބަލާއިރު، ޗައިނާ އާއެކު އީރާނުން ގާއިމުކުރި 25 އަހަރުގެ ސްޓްރެޓެޖިން އެއްބަސްވުމުން (400 ބިލިއަން ޑޮލަރުގެ ހަކަތަ، މުއާސަލާތު، ދަތުރުފަތުރު އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ) ވެސް އިގްތިސާދީ ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ. އަދި 2025 ވަނަ އަހަރުގެ ކުރީކޮޅު ރަޝިޔާ އާއެކު ސޮއިކުރި ދިގު މުއްދަތުގެ އެއްބަސްވުމުން ވެސް އީރާނުގެ އިގްތިސާދީ ހާލަތަށް އެދެވޭ ބަދަލެއް ނާދެ އެވެ. މި ހުރިހާ ގުޅުންތަކަކުން ވެސް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުން ލިބޭ ނޭދެވޭ ނަތީޖާތައް ކުޑަކޮށްދެވިފަ އެއް ނުވެ އެވެ.

އީރާނުގެ ރައްޔިތުންގެ މެދުގައި އޮތް ވިސްނުން، މުޒާހަރާތަކުގެ ޝިއާރުތަކުން ހާމަވާ ގޮތުގައި، ގައުމުގެ އާމްދަނީ ހުސްވަނީ ބޭރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ކަންކަމުގައި އީރާނުން ބައިވެރިވުމެވެ. ލުބުނާން، އިރާގު، ޔަމަން އަދި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް އީރާނުން ދެމުންދާ މާލީ އަދި ލޮޖިސްޓިކް އެހީއަކީ އެ ގައުމުގެ ސަރަހައްދީ ސިޔާސަތުގެ ބައެކެވެ. 

ނަމަވެސް، 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މި ދެންނެވި ސަބަބަކީ އިގްތިސާދީ ކްރައިސިސް މާނަކޮށްދޭ އެންމެ ވަރުގަދަ ހުއްޖަތެއްގެ ގޮތުގައި ނުބެލެވެ އެވެ. ލުބުނާން، ސީރިއާ، ޣައްޒާ އަދި ޔަމަނުގައި އީރާނުގެ ނުފޫޒު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު، ގައުމުގެ ވަސީލަތްތައް ހުސްވަނީ ހަމައެކަނި ސަރަހައްދީ ކަންކަމުގެ ސަބަބުން ކަމަށް ބުނާ ބުނުން ވަނީ ބަލިކަށިވެފަ އެވެ. މިކަން ގޮސްފައިވާ ހިސާބަކީ، އީރާނުގެ އަސްކަރީ ބައެއް ބޭފުޅުން ސީރިއާ އިން އީރާނަށް ދަރާފައިވާ 50 ބިލިއަން ޑޮލަރު އަނބުރާ ހޯދުމަށް ގޮވާލަން ފެށުމެވެ. ނަމަވެސް ސީރިއާގެ އާ އިންތިގާލީ ސަރުކާރުގެ މެންބަރުން މިކަމަށް އިންކާރުކޮށް، ދާޚިލީ ހަނގުރާމައިގެ ތެރޭގައި އީރާނުން ކުރި ކަންކަމުގެ ބަދަލު ހޯދުމަށް އިދިކޮޅު ބިލެއް ތައްޔާރުކުރަމުންދާ ކަމަށް ބުނެ އެވެ.

ފުރަތަމަ ފަހަރަށް، އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އީރާނުގެ އިގްތިސާދީ ހާލަތުގެ ޒިންމާ ހަމައެކަނި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮލުގައި އެޅުވެން ނެތް ކަމަށް ފާޅުގައި އިއުތިރާފުވެފަ އެވެ. މި އިއުތިރާފުން ހާމަވަނީ ގައުމު ހިންގުމުގައި ހުރި ނުކުޅެދުންތެރިކަމަކީ އަދިވެސް މައިގަނޑު މައްސަލަ ކަމެވެ. އަދި 2025 ގެ ހޫނު މޫސުމުގައި އިޒްރޭލާއި އެމެރިކާގެ ހަމަލާތަކަށްފަހު އުފެދުނު މުޒާހަރާތައް ލީޑަޝިޕުން މާނަކުރާ ގޮތް މިކަމުން ސާފުވެގެންދެ އެވެ.

ދެކަފިވެފައިވާ ވިސްނުމާއި ކުރިއަށް އޮތް ނުރައްކާތައް

އީރާނުގެ ލީޑަޝިޕުން މިހާރު ދަނީ އެ ގައުމުގައި ހިނގަމުންދާ މުޒާހަރާތައް މާނަ ކުރުމުގައި، އެއްގަލަކަށް ނާރާ ދެ ވިސްނުމެއް ކުރިއަށް ނެރެމުންނެވެ. ފުރަތަމަ ވިސްނުމަކީ، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާއި ރައީސް ކުރިއަށް ނެރުއްވާ ވިސްނުމެވެ. މީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ އިގްތިސާދީ ހިންގުމުގައި ހުރި ނުކުޅެދުންތެރިކަމެވެ. އަދި ހަމައެކަނި ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން، މިހާރު ކުރިމަތިވެފައިވާ ބޮޑު ކްރައިސިސްގެ ފުންމިން ވަޒަން ނުކުރެވޭނެ ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ. ދެވަނަ ވިސްނުމަކީ، ސަލާމަތީ ބާރުތަކުން ކުރިއަށް ނެރޭ ވިސްނުމެވެ. އެ ފަރާތްތަކުން އަދިވެސް ބާރުއަޅަނީ، މި ހަމަނުޖެހުންތައް އުފައްދައި، ވެރިކަން ވައްޓާލުމަށް ބޭރުގެ ފަރާތްތަކުން ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތަށް ވިސްނުންތައް ދެކަފިވުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮޅުންބޮޅުންތައް އުފެދެ އެވެ. ސަބަބަކީ ސަލާމަތީ ބާރުތަކުގެ ވިސްނުމުގައި، މި މުޒާހަރާތަކަކީ ދައުލަތުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ނުސީދާކޮށް ސިފަކުރެވޭތީ އެވެ. މީގެ ސަބަބުން އިޖުތިމާއީ ނުތަނަވަސްކަން އިތުރުވެ، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ފަރަގު ބޮޑުވެގެންދެ އެވެ.

ތާރީޚަށް ބަލާއިރު، ވެރިކަން ދެމެހެއްޓުމާ މެދު އުފެދޭ ކަންބޮޑުވުންތަކުގެ ސަބަބުން، މުޒާހަރާތަކަށް ރައްދު ދިނުމުގައި ސަލާމަތީ ބާރުތަކުގެ ދައުރު އަބަދުވެސް ވަރުގަދަވެގެންދެ އެވެ. ނަމަވެސް، މިއަދުގެ ދާޚިލީ އަދި ސަރަހައްދީ ހާލަތު ބަދަލުވެފައިވާތީ، ސިޔާސީ ނިޒާމު ސަލާމަތްކުރުމަށްޓަކައި، ސިޔާސީ އަދި ސަލާމަތީ މުއައްސަސާތަކުން ތަފާތު ގޮތަކަށް އަމަލުކުރުމަށް ވަނީ މަޖުބޫރުވެފަ އެވެ.

ހަމައެއާއެކު، އިޒްރޭލުގެ އަސްކަރީ ގާބިލުކަމާ މެދު އޮތް އިތުބާރާއި، އެމެރިކާގެ ފުރިހަމަ އެހީތެރިކަން އިޒްރޭލަށް ލިބޭނެ ކަމަށް އީރާނުން ގަބޫލުކުރާ ކުރުމުގެ ސަބަބުން، އީރާނާ ދެކޮޅަށް އާ ހަނގުރާމައެއް ފެށުމަށް އިޒްރޭލުގެ ނިންމުންތައް ނިންމާ ފަރާތްތަކުން ދަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. އިޒްރޭލުން މިހާރު ވަނީ އަމަލީ ގޮތުން ދެވަނަ އަސްކަރީ އޮޕަރޭޝަނެއް ފަށާފަ އެވެ. އެއީ އީރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު އެއްވެސް މިންވަރަކަށް ނުދޭނެ ކަމަށާއި، 2003 ވަނަ އަހަރު ލީބިޔާގެ ނިއުކްލިއާ ޕްރޮގްރާމް އުވާލި ފަދައިން އީރާނުގެ ނިއުކްލިއާ މަޝްރޫއުތައް ވެސް ނައްތާލަން ޖެހޭނެ ކަމަށް ބުނެ ވަރުގަދަ ކެމްޕޭނެއް ހިންގައިގެންނެވެ. މިފަދަ ހަނގުރާމައެއްގެ ބޭނުމަކީ ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ގޮތުން އީރާނުގެ ވެރިކަން ބަލިކަށިކޮށްލުމެވެ.

މި ހާލަތުގެ ސަބަބުން އީރާނުގެ ދާޚިލީ މަސްލަހަތު އިތުރަށް ގޯސްވެ، ރައްޔިތުންނާއި ދައުލަތާ ދެމެދު އޮތް ކުރިމަތިލުންތައް ވަނީ ވަރުގަދަވެފަ އެވެ. މީގެ ސަބަބުން، ދިގުދެމިގެންދާ ހަނގުރާމައެއްގެ ތެރެއިން ވެރިކަން ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ. މިއީ "އީރާނުގެ ނުރައްކާ" އެއްކޮށް ނައްތާލުމަށް އިޒްރޭލުން ކަނޑައަޅާފައިވާ އަމާޒެކެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާޢަލީ ޚަމަނާއީމަސްޢޫދު ޕެޒެޝްކިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

04 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު