އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި
އީރާނުގައި އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށުނު މުޒާހަރާތައް ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެ، ގައުމުގެ 40 ސިޓީއަކަށް ފެތުރިއްޖެއެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް 12 މީހުން މަރުވެފައިވާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އީރާނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށް ފުރިހަމަ ތާއީދު ލިބިދޭ ކަމަށެވެ.

އީރާނުގައި އިގްތިސާދީ ދަތިތަކާ ގުޅިގެން އީރާނުގެ ވިޔަފާރިވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަނީ - ޑިސެމްބަރު 29، 2025
އީރާނުގެ އެކި ސިޓީތަކުގައި މި ހަފުތާގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، އިޒްރޭލުން އޮތީ އީރާނުގެ ރައްޔިތުންނާ އެކުގައި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
ކެބިނެޓްގެ ހަފުތާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އީރާނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށާއި، މިނިވަންކަމާއި އިންސާފަށް އެމީހުން ކުރާ އުންމީދުތަކަށް އިޒްރޭލުން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އޭނާ ވިދާޅުވީ އީރާނުގެ ރައްޔިތުން އެމީހުންގެ މުސްތަގުބަލު އަމިއްލަ އަތްމައްޗަށް ނަގާ ވަގުތު އައިސްޖެހިފައިވުން ވަރަށް ގާތް ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާތައް ފެށިފައެވެ. އަދި ގައުމުގެ ހުޅަނގު ސަރަހައްދުތަކުގައި ކުރިމަތިލުންތައް ވަރުގަދަވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މި މުޒާހަރާތައް އެންމެ ފުރަތަމަ ފެށުނީ މިދިޔަ އާދީއްތަ ދުވަހު އިގްތިސާދީ ދަތިތަކާ ގުޅިގެން ވިޔަފާރިވެރިން ކުރި ހަޅުތާލަކާ އެކުގައެވެ. އޭގެ ފަހުން މި ހަރަކާތްތައް ފުޅާވެ، މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ސިޔާސީ ޝުއޫރުތައް ވެސް ފާޅު ކުރަމުންނެވެ.
ރަސްމީ ރިޕޯޓްތަކާއި މީޑިއާ މައުލޫމާތުތަކަށް ބިނާކޮށް އޭއެފްޕީން ތައްޔާރުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، ގައުމުގެ އެކި ސަރަހައްދުތަކުގެ މަދުވެގެން 40 ސިޓީއެއްގައި މި މުޒާހަރާތަކުގެ އަސަރު ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ގައުމުގެ ހުޅަނގުގައި ހުރި މެދު ފަންތީގެ ސިޓީތަކެވެ.
ރަސްމީ ރިޕޯޓްތަކުން އެނގޭ ގޮތުގައި، މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 12 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މެންބަރުންވެސް ހިމެނެއެވެ.
ފާރްސް ނިއުސް އެޖެންސީން ބުނެފައިވަނީ ތެހެރާނުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާތަކަކީ "މަދު ބަޔަކު" ބައިވެރިވި ހަރަކާތްތަކެއް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 50 އާއި 200 އާ ދެމެދުގެ އަދަދަކަށް ޒުވާނުން ހިމެނޭ ގްރޫޕްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ތެހެރާނުގެ އާބާދީ އަކީ ގާތްގަނޑަކަށް 10 މިލިއަނެވެ.






