މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ
ޑޮކްޓަރު ލިޔެލާފައި ދޭ ބޭސް ސިޓީ ހިފައިގެން، މާލެ އާއި ހުޅުމާލޭގައި ހުރި ހުރިހާ ބޭސް ފިހާރަ އަކަށް ދާއިރު ވެސް، ބޭސް ސިޓީގައި ހުރި ހުރިހާ ބޭހެއް ނުލިބޭ ޝަކުވާ އަކީ އާންމު ޝަކުވާ އެއް.


ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. | ރައީސް އޮފީސް
ރާއްޖެ އިން ބޭސް ނުލިބޭ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. މުސްކުޅި ފުރައިގެ ބޭބަޔަކާ ދިމާވިޔަސް، ނުވަތަ ދާއިމީ ގޮތެއްގައި ބޭސް ކާން ޖެހޭ މީހަކާ ދިމާވިޔަސް ބުނާ ވާހަކަ އަކީ، ބޭސް ނުލިބޭ ވާހަކަ އެވެ. އަމިއްލަ ރަށުން މީގެ ކުރިން ލިބެން ހުންނަ ބޭސް، މިހާރު ރަށުން ނުލިބޭ ވާހަކަ އެވެ. އެވެރުން އަދި ސަލާމަތެއް ނެތެވެ. ރަށުން ނުލިބޭ ތަނުގައި، އަޮތޮޅުގެ އެހެން ރަށަކުން ވެސް ނުލިބެ އެވެ. ނުވިތާކަށް މާލެ އިން ވެސް ނުލިބެނީ އެވެ. ބޭސް ގެންނަން ޖެހެނީ ރާއްޖެ އިން ބޭރުންނެވެ.
ތައިރޮޑް ބޭހާއި، ހަކުރު ބޭހާއި، ލޭ މައްޗަށްް ދާތީ ކާ ބޭހާއި، ލޭ ދިޔާ ކުރަން ކާ ބެހާއި، ކޮލެސްޓްރޯލް އަށް ކާ ބޭހުން ފެށިގެން ވެސް، އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކާން ޖެހޭ ބޭސް ލިބުމުގައި އެތައް ދައްޗަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ޑޮކްޓަރު ލިޔެލާފައި ދޭ ބޭސް ސިޓީ ހިފައިގެން، މާލެ އާއި ހުޅުމާލޭގައި ހުރި ހުރިހާ ބޭސް ފިހާރަ އަކަށް ދާއިރު ވެސް، ބޭސް ސިޓީގައި ހުރި ހުރިހާ ބޭހެއް ނުލިބެ އެވެ. ލިބެން ހުރިއްޔާ އާސަންދަ އިން ކަވަރު ނުވެ އެވެ. އަމިއްލަ އަތުން ފައިސާ ދީފައި ގަންނަން ޖެހެނީ އެވެ.

ބޭސް ލިބުމުގެ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ދިޔުމާ އެކު، ސަރުކާރުން އުފެއްދީ ބޭސް ކުންފުންޏެކެވެ. އަދި ވެސް އެ ކުންފުނިން ރާއްޖެ އަށް ބޭސް ގެނެވޭ ކަމަކަށް ނުވެ އެވެ. އެކަމަކު، ކުންފުންޏަށް ވެރިޔަކު އައްޔަންކޮށް، ވަޒީފާ ތަކަށް މީހުން ނަގައިގެން، ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭތާ އެތައް މަހެއް ވެއްޖެ އެވެ. އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ފުޅާކޮށް ވިސްނުމަށެވެ. އެއީ ހަމައެކަނި ބޭސް އެތެރެ ކުރުމަށް ހެދި ކުންފުޏެއް ނޫން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގައި ބޭސް އުފެއްދޭ މިންވަރަށް ގެންދިޔުން ކަމަށް ވިދާޅުވެ، މޮޅު ޞުރުޚީއެއް ހެއްދެވި އެވެ.
އޭގެ ފަހުން ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބޭހުގެ ކަންބޮޑުވުން ފާޅު ކުރުމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭސް ގެންނަން މަސައްކަތް ކުރައްވާ ވާހަކަ އެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މީގެ ކުރިން ގެންނަނީ 200 ބާވަތުގެ ބޭސް ކަމަށާއި، މިހާރު އެ އަދަދު 800 އަށް އިތުރު ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދަދު ތަކުން ބަލާ ނަމަ، 600 ގެ ކުރިއެރުމެއް ސަރުކާރުން ހޯދީ ނޫން ހެއްޔެވެ؟
އެކަމަކު، އޭގެ ފަހުން ބައްދަލުވި ރަޙުމަތްތެރިޔަކު ބުންޏެވެ. ހެލްތު މިނިސްޓަރު ނާޒިމް އަށް މި ވާހަކަ ހިއްސާކޮށްލަ ދިނުމަށެވެ. އޭނާ ބުނީ މިނިސްޓަރަށް ސަލާމް ފޮނުވާލަ ދިނުމަށެވެ. އެއަށް ފަހު، ރޮއެ އާދޭސްކޮށް، ދެފައިގައި ބޮސް ދޭ ޙާލުގައި އޭނާ އެ ވާހަކަ ބުނި ކަމަށް ނާޒިމް އަށް ދަންނަވަން އެދުނެވެ. މިހާރު ގެންނަ 800 ބޭހުގެ ބަދަލުގައި، ކުރިން ގެނައި 200 ބޭސް އަލުން ގެނައުމަށް ނާޒިމް އަށް ދަންނަވަން އޭނާ އެދުނެވެ.
ވެގެން އުޅޭ ގޮތެއް އޮޅުން ފިލާ ގޮތެއް ނުވި އެވެ. ގައިމު 200 ބޭހުގެ ބަދަލުގައި، 800 ބޭސް ގެންނަ ނަމަ، އެއީ ކިހާ ރަނގަޅު ކަމެއް ހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް ތަފްސީލުކޮށް ބުނެދިނުމަށް ރަޙުމަތްތެރިޔާ ގާތު އެދުނީމެ އެވެ. އޭނާ ބުންޏެވެ. ނާޒިމްމެން 800 ބާވަތުގެ ބޭސް ގެންނަން ފެށި ފަހުން، ރައްޔިތުުންނަށް ވީ ބޮޑު ދުއްޕާނަކަށެވެ. ބޭސް ފިހާރަ ތަކުން އެ ބޭހެއް ނުލިބެ އެވެ. ޑޮކްޓަރުން ލިޔެދޭ ބޭސް ވެސް ނުލިބެ އެވެ. އެކަމަކު، ކުރިން 200 ބާވަތުގެ ބޭސް ގެނައިއިރު، ދަތި ނުވެ ބޭސް ލިބޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، 200 ބާވަތުގެ ބޭސް ގެނައީމާ ރައްޔިތުންނަށް މާ ފައިދާވެ އެވެ.
ތެދެކެވެ. މި ސަރުކާރު އައުމާ ހަމައަށް އެސްޓީއޯ އިން އެތެރެ ކުރީ 200 ބާވަތުގެ ބޭހެވެ. އޭރު ރައްޔިތުންނަށް ދަތި ނުވެ ބޭސް ލިބެ އެވެ. ރަށް ރަށުގައި ހުންނަ ފާމަސީ އިން ބޭސް ލިބެ އެވެ. އަތޮޅު ތެރެއިން ބޭސް ލިބެ އެވެ. މާލޭގެ ކޮންމެ ބޭސް ފިހާރަ އަކުން ވެސް ބޭސް ލިބެ އެވެ. އާސަންދަ އިން ކަވަރު ކޮށްގެން ބޭސް ލިބެ އެވެ. އެކަމަކު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން 800 ބާވަތުގެ ބޭސް ގެންނަން ފެށި ފަހުން، މިހާރު ބޭހެއް ނުލިބެ އެވެ.





