ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
އިންސާނުންގެ ބައިވެރިވުން ބޭނުން ކޮށްގެން، ކްލިނިކް ސެޓިންއެއްގައި ދިރާސާއެއް ކުރާ ނަމަ، ޤަވާއިދުގެ ތެރެއިން ހެލްތު މިނިސްޓްރީގެ ހުއްދަ ހޯދަަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި. ނަމަވެސް، ޅެމުން ފަރުވާ ދިނުމުގެ ކަންތަކުގައި ކޮށްފައި ވަނީ އެކަހަލަ ދިރާސާ އަކަށް ނުވާތީ، މިނިސްޓްރީއާ ބައިވެރިވެފައި ނެތީ ކަމަށް ޤަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި.


ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް
ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ހެރިޓޭޖް މިނިސްޓްރީ އިން ދިރާސާއެއް ހަދައި ނިމިފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އެކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައި ވަނީ، ޅެމުން ފަރުވާ ދިނުމުގެ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ދިރާސ ހަދާފައި ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ ހެލްތު މިނިސްޓަރު ނާޒިމްއާ އެ ސުވާލު ކޮށްފަ އެވެ. އެގޮތުން ޅެމުން ފަރުވާ ދިނުމުގެ ދިރާސާއެއް ހަދައި ނިމިފައިވާ ކަމަށް ހާމަ ކޮށްފައިވާއިރު، އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަށް ލިބިފައިވޭތޯ ސުވާލު ކޮށްފައިވެ އެވެ.
އަދި ހަމަ އެހެންމެ، އެ ފަދަ ދިރާސާ އެއް ހަދާފައިވާއިރު، އެކަމުގައި ހެލްތު މިނިސްޓްރީގެ އެއްވެސް ބަހެއް، އަދި މިނިސްޓްރީގެ އެއްވެސް ދައުރެއް އޮންނާނެތޯ ވެސް ސުވާލު ކޮށްފައިވެ އެވެ. މީގެ އިތުރުން، ޅެމުން ފަރުވާ ދެވޭނީ ކޮން ކޮން ބަލި ތަކަކަށްކަން ދެނެގަނެވިފައިވޭތޯ ވެސް ސުވާލު ކޮށްފައިވެ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެފައި ވަނީ، އާންމުކޮށް ޞިއްޙީ ކަންކަމުގައި ދިރާސާ ކުރާއިރު، ހެލްތު މިނިސްޓްރީއާ ވަރަށް ބޮޑަށް ގުޅި ލާމެހިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް، އާންމު މީހަކު ހަދާ ދިރާސާ އަކީ ވަރަށް މާނަ ފުންކޮށް ނެގިދާނެ އެއްޗެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ދިރާސާގެ އެކި ވައްތަރުތައް ހުންނާނެ ކަމަށް ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، މީހަކު މޭޒެއްގެ ކައިރީގައި އިނދެގެން ވަކި މައުޟޫ އަކަށް ސްޓަޑީ ކުރާ އެއްޗެއް ވެސް އެއީ ދިރާސާ އަކަށް ވާނެ ކަމަށެވެ. އެހެންކަމުން، ކޮންމެ ކޮންމެ ދިރާސާއެއް ކުރުމަށްޓަކައި ހެލްތު މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އިންސާނުންގެ ބައިވެރިވުން ބޭނުން ކޮށްގެން، ކްލިނިކް ސެޓިންއެއްގައި ދިރާސާއެއް ކުރާ ނަމަ، ޤަވާއިދުގެ ތެރެއިން ހެލްތު މިނިސްޓްރީގެ ހުއްދަ ހޯދަަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް، ޅެމުން ފަރުވާ ދިނުމުގެ ކަންތަކުގައި ކޮށްފައި ވަނީ އެކަހަލަ ދިރާސާ އަކަށް ނުވާތީ، މިނިސްޓްރީއާ ބައިވެރިވެފައި ނެތީ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މިސާލަކަށް އަޅުގަނޑު ހަމަ ޑެސެކެއްގެ ކައިރީގައި އިނދެގެން ސްޓަޑީ ކުރާ އެއްޗެއް އެއީ ދިރާސާއެއްގެ ގޮތުގައި ނިންމި ދާނެ. ކޮންމެ ކޮންމެ ދިރާސާއެއް އެހެން ހެދުމަށްޓަކައި ހެލްތު މިނިސްޓްރީގެ އެ ކަހަލަ ހުއްދައެއް ހޯދަން ނުޖެހިދާނެ. އެކަމަކު، ހިއުމަން އެލަމަންޓްސް ބޭނުން ކޮށްގެން، ކްލިނިކަލް ސެޓިންއެއްގައި މިހެން ދިރާސާއެއް ކުރާ ކަމަށް ވަންޏާ، އޮންނަ ޤަވާއިދުގެ ތެރެއިން އެކަން ކުރަން ޖެހޭނެ. އެހެންވީމާ އަޅުގަނޑަށް ހީވަނީ އެކަހަލަ ދިރާސާއެއް ނުކުރާތީ ކަން ނޭނގެ އަޅުގަނޑުމެންނާ އެކު އެންގޭޖުވެފައި ނެތީ. އަޅުގަނޑު ނުދެކެން މުޅިން މަނާ ކަމެއްގެ ގޮތުގައި. ތި ވިދާޅުވާ ދިރާސާއެއް ހެދިފައި އޮތީ ކޮން ލެވެލެއްގައި، ކިހިނެއްތޯއާ މިވަރަށް ސްޓަޑީ ކޮށްގެން ނޫނީ އެއްޗެއް ދަންނަވާކަން ނޭނގޭނެ.ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
ޅެމުން ފަރުވާ ދިނުމުގެ ވާހަކަ އެންމެ ފުރަަތަމަ އާދަމް ނަސީރު ދެއްކެވީ 2024 ވަނަ އަހަރު އެވެ. އެގޮތުން އެ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި އާދަމް ނަސީރު ވިދާޅުވެފައި ވަނީ، ޅެމުން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށްޓަކައި "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހި ނަމެއް އުފައްދަވާފައިވާ ކަމަށާއި، އެއީ "ޅެން ފަރުވާ"ގެ ގޮތުގައި ފާސްކޮށްފައިވާ ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
މީގެ އިތުރުން ޅެމުން ފަރުވާ ދިނުމުގެ ދިރާސާ ކުރުމަށްޓަކައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.








