ރައީސް ވަޑައިގެން އެ ކަނޑުއްވާލަނީ ބަހެއްގެ ރެބަނެވެ. އެކަމަކު، ޤައުމުގެ ރައީސް ވަޑައިގެން މި ޒާތުގެ ކަަންކަން ކުރެއްވީމާ، އެކަމަށް ހަޖޫ ނުޖަހާނީ ކާކު ހެއްޔެވެ؟


ރައީސް މުޢިއްޒު، ބަހެއްގެ ރެބަން ކަނޑުއްވަނީ
ސަރުކާރުތަކުން ކުރާ ކަންކަމުގެ ކްރެޑިޓް ސަރުކާރުގެ ވެރިން ނަންގަވަން ވާނެ އެވެ. އެކަމަކު، އެކަމަށް ވެސް ކޮންމެ ވެސް ވަރެއްގެ ހައްދެއް، މިންގަނޑެއް އޮންނަން ވާނެ ކަމަށް ޤަބޫލު ކުރަމެވެ. އެކަން ވެސް ކުރަން ވާނީ، ކޮންމެ ވެސް ކަހަލަ އިންތަކާއި، މިން ތަކެއްގެ ތެރެއިންނެވެ. އެ ނޫނީ ލަދެއްގައި ބެދެން ޖެހޭ ވަގުތު ވެސް އައިސްދާނެ އެވެ.
ސޯޝަލް މީޑިއާގައި މީހަކު ޖަހާފައި އޮތް ޕޯސްޓެއް ދުށީމެވެ. ޖަހާފައި އޮތް ޕޯސްޓުގައި ފެންނަން އޮތީ ބަހެކެވެ. ދެން ކެޕްޝަންގައި އޭނާ ޖަހާފައި އޮތީ އަތް ޖަހާ އިމޯޖީ އެކެވެ. ފަހަރުގައި މިއީ، އެހެން މީހުންނަށް އެކަމުން އެއްޗެއް ބުނެދިނުމަށް އޭނާ ޖަހާފައި އޮތް ޕޯސްޓަކަށް ވެދާނެ ކަމަށް ޤަބޫލު ކުރެވުނެވެ. އެ ޕޯސްޓު ޝެއާ ކުރުމަށް ފަހު އެހެން މީހަކު ޖަހާފައި އޮތެވެ. ހެޔޮ ވާނީ ކިހިނަކުން ހެއްޔެވެ؟ ކެބިނެޓް މިނިސްޓަރުން އެހެން އަ ތްޖަހަން ތިބެން، އެއީ ވެރި މީހާ ވިއްޔާ އެވެ. ތެދެކެވެ. އެއީ ވެރި މީހާ އެވެ.
ރ.ދުވާފަރަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ކަނޑުއްވާލީ ބަހެއްގެ ދޮރުގައި ދަމާފައި އިން ރެބަން ފަށެކެވެ. އެ ވަގުތު އަރިހުގައި ތިއްބެވި ކެބިނެޓުގެ ވަޒީރުންނާއި، ކުންފުނި ތަކުގެ ވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ތިއްބެވީ، ކޮނޑުހުޅު ނެއްޓެންދެން އަތް ޖައްސަވާށެވެ. ތެދެކެވެ. ވެރިމީހާ އެ ހުޅުވައިދިނީ ބަހެކެވެ.
ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ނަތީޖާ ނުނެރެވޭ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ރައްޔިތުންގެ ކުރިއެރުމާއި، ރަށް ރަށުގެ ތަރައްޤީ އަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. އެކަން ހާމަވާ އެހެން ކަމެއް ވެސް ދާދި މިދާކަށް ދުވަހު ހާމަވެއްޖެ އެވެ. ޕީސީބީ އިން ނެރުނު ކުންފުނި ތަކުގެ ރިޕޯޓެވެ. ސަރުކާރުގެ ގިނަ ކުންފުނިތައް މިއަދު ވެސް ހިންގަމުން އެ ދަނީ އިންތިހާ އަށް ގެއްލުމުގަ އެވެ. އެއްވެސް މަސައްކަތެއް ނުކުރާއިރު ވެސް، ބޮޑު ގެއްލުމުގަ އެވެ.
މިވީހާ ދުވަހު ފައިދާގައި ހިންގަމުން އައި އެމްޓީސީސީ ވެސް އޮތީ ގެއްލުމުގަ އެވެ. މީގެ ކުރިން އެތައް ސަތޭކަ މަސައްކަތް ތަކެއް ކުރިއަށް ގެންދިޔައިރު ފައިދާވި ކުންފުނި، މިހާރު އެއްވެސް މަސައްކަތެއް ނުކުރާއިރު ވެސް ގެއްލުމުގައި ހިންގަނީ އެވެ. މިހެން ގޮސް ވަކި ކުންފުންޏެއް ކިޔާނެ ކަމެއް ނެތެވެ. ޙާލަތު އޮތީ މިހެންނެވެ. ކުންފުނި ތަކުން ކުރާހާ ވެސް ކަމަަކަށް އޮތީ، ސިޔާސީ މަގާމު ތަކަށް މީހުން ވައްދައިގެން މުސާރަ ދިނުމެވެ.
އަދި ނިމުނީއެއް ނޫނެވެ. ރަށް ރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމު ކުރުން ވެސް އޮތީ އެފަދަ ޙާލަތެއްގަ އެވެ. ފެނާއި، ކަރަންޓާއި އަދި ނަރުދަމާގެ ޚިދުމަތް ފުރިހަމަ ވެފައި ނެތުމުން ޝަކުވާ ކުރަނީ ކިތައް ރަށުން ހެއްޔެވެ؟ ކުރީގެ ސަރުކާރުން މަސައްކަތް ފަށައި، ބޮޑު ބައެއް ނިންމާފައި ހުރި ރަށް ރަށް ވެސް މަދެއް ނޫނެވެ. ހަމައެކަނި ކަނެކްޝަން ހަދަން ޖެހޭ ހިސާބުގައި އޮތީ ކިތައް ރަށް ހެއްޔެވެ؟ އެކަމަކު، އޭގެ އިން އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވޭ ކަމަކަށް ނުވި އެވެ.
މިކަންކަން މިހެން ހުއްޓާ، ރައީސް ވަޑައިގެން އެ ކަނޑުއްވާލަނީ ބަހެއްގައި ދަމާފައިވާ ރެބަނެވެ. އޭގެ ކުރިން ރަށަކަށް ވަޑައިގެން ރަށުގެ މަލަމަތީގައި ހަދާފައިވާ ނަން ބޯޑެއް ވެސް ހުޅުއްވައިދެއްވި އެވެ. އެކަމަކު، ޤައުމުގެ ރައީސް ވަޑައިގެން މި ޒާތުގެ ކަަންކަން ކުރެއްވީމާ، އެކަމަށް ހަޖޫ ނުޖަހާނީ ކާކު ހެއްޔެވެ؟ އަރިހުގައި ތިއްބަވާ ބޭފުޅުން ވެސް ހިތާ ހިތުން ބުނެލާނެ އެވެ. މިވަރުގެ ކަމެއްވާ އަދި ނުދެކެމެވެ.