ކޮލަމްބިއާގެ ރައީސަށް ޓްރަމްޕް އިންޒާރު ދެއްވައިފި
އެމެރިކާގެ ރައީސް ވިދާޅުވީ ކޮލަމްބިއާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަކީ އެމަނިކުފާނަށް ފެންނަ ރަނގަޅު ކަމެއް ކަމަށް. އެއާއެކު މެކްސިކޯ އިން ކަންކަން އިސްލާހުކުރުމަށް ވެސް ވަނީ އިންޒާރު ދެއްވާފައި.

އެއަރފޯސް ވަން ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޕޯޓަރުންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ބާރުގެ ދަށަށް ވެނެޒުއޭލާގެ ލީޑަރު ގެންދިއުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަށް އިންޒާރު ދެއްވައިފި އެވެ. އަދި ކިއުބާގެ ސަރުކާރު ވެސް ވަރަށް އަވަހަށް ވެއްޓޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި ހުންނަވައި އާދީއްތަ ދުވަހު ޓްރަމްޕް މި އިންޒާރު ދެއްވީ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ، އުރުގުއޭ އަދި ސްޕެއިން ފަދަ ގައުމުތަކުން އެމެރިކާގެ އަމަލުތައް ކުށްވެރިކުރަމުން ދަނިކޮށެވެ. އެ ގައުމުތަކުން ބުނެފައި ވަނީ މިއީ ސަރަހައްދީ ސުލްހަ އާއި ސަލާމަތަށް އޮތް ނުރައްކާތެރި އަމަލެއް ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮލަމްބިއާ އާއި ވެނެޒުއޭލާ އަކީ ވެސް ވަރަށް "ބަލިކަށި" ދެ ގައުމު ކަމަށާއި، ކޮލަމްބިއާގެ ސަރުކާރު ހިންގަވަނީ "ކޮކެއިން އުފައްދައި އެމެރިކާ އަށް ވިއްކަން ލޯބިކުރާ ބަލިމަޑުކަމެއްގެ ތެރޭގައި ހުރި މީހެއް،" ކަމަށެވެ.
ޕެޓްރޯ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަށް އެކަން އެގޮތަށް މާ ގިނަ ދުވަހަކު ނުކުރެވޭނެ،" ކަމަށެވެ. ކޮލަމްބިއާ އާ ދެކޮޅަށް އެމެރިކާ އިން އަސްކަރީ އޮޕަރޭޝަނެއް ހިންގުމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ "އެއީ ވަރަށް ރަނގަޅު ކަމެއް،" ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ރައީސް ޕެޓްރޯ ވަނީ ވަރަށް ހަރުކަށި އިބާރާތުން ރައްދު ދެއްވާފަ އެވެ. އޭނާ ވަނީ އަބުރަށް އަރައިގަތުން ހުއްޓާލުމަށް ޓްރަމްޕަށް ގޮވާލައްވައި، ދެކުނު އެމެރިކާގެ ގައުމުތައް އެކަތިގަނޑަކަށް ނުވެއްޖެ ނަމަ "ޚާދިމުންނާއި އަޅުންގެ" ގެ ގޮތަށް އަމަލު ކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެކްސް ގައި ކުރެއްވި ޕޯސްޓުތަކެއްގައި ޕެޓްރޯ ވިދާޅުވީ، އިންސާނީ ތާރީޚުގައި ވެސް ދެކުނު އެމެރިކާގެ ގައުމެއްގެ ވެރިރަށަށް ބޮން އެޅި ފުރަތަމަ ގައުމަކީ އެމެރިކާ ކަމަށާއި، ނަމަވެސް ބަދަލުހިފުމަކީ ހައްލެއް ނޫން ކަމަށެވެ.
ވެނެޒުއޭލާ، މެކްސިކޯ އަދި ކިއުބާއަށް ދެއްވި އިންޒާރު
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ އެމެރިކާގެ ސިފައިން ކަރަކާސް އަށް ރޭގަނޑު ދަންވަރު އަރާ މަދޫރޯ ހައްޔަރުކުރިތާ އެއްދުވަސް ފަހުންނެވެ. އެމެރިކާ އިން ބުނާ ގޮތުގައި މިއީ "މަސްތުވާތަކެތީގެ ނުރައްކާތެރި އަމަލުތަކާ" ގުޅިގެން އޭނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހިންގި އޮޕަރޭޝަނެކެވެ. ނަމަވެސް މަދޫރޯ މި ތުހުމަތުތައް ދޮގުކުރައްވައެވެ. އަދި ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ވެނެޒުއޭލާގެ ތެލުގެ މުއްސަނދިކަން ކޮންޓްރޯލް ކުރުމަށް ކުރި ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން ވަގުތީ ރައީސެއްގެ ގޮތުގައި ޑެލްސީ ރޮޑްރިގޭޒް އައްޔަންކުރި ނަމަވެސް، އެ ގައުމުގެ ކަންކަން ބަލަހައްޓަނީ އެމެރިކާ އިން ކަމަށެވެ. އަދި ވެނެޒުއޭލާ އިން "ރަނގަޅަށް ކަންތައް ނުކުރާނަމަ" އަލުން އަސްކަރިއްޔާ ފޮނުވާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ކިއުބާ އާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކިއުބާ އަށް އަސްކަރީ ގޮތުން ވަނުން މުހިންމު ނޫން ކަމަށާއި، ސަބަބަކީ އެ ގައުމުގެ ވެރިކަން އަމިއްލަ އަށް ވެއްޓެން ތައްޔާރުވެފައިވާތީ ކަމަށެވެ. "ކިއުބާ އަށް މިހާރު އެއްވެސް އާމްދަނީ އެއް ނުލިބޭ. އެމީހުންނަށް އާމްދަނީ ލިބެނީ ވެނެޒުއޭލާގެ ތެލުން. އެކަން މިހާރު ވަނީ ހުއްޓިފައި،" ޓްރަމްޕް ވިދާޅުވިއެވެ.
މެކްސިކޯ އާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމުން މަސްތުވާތަކެތި އެމެރިކާ އަށް އެތެރެވަމުންދާ ކަމަށާއި، އެކަމާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބައުމް އަކީ ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވި ނަމަވެސް، އެ ގައުމުގެ ކާޓެލްތައް (މަސްތުވާތަކެތި ވިއްކާ ގްރޫޕްތައް) މާ ބާރުގަދަ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
"ޑޮން-ރޯ ޑޮކްޓްރިން"
ދެކުނު އެމެރިކާ ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ގަދަކުރުމަކީ ޓްރަމްޕް ބޭނުންފުޅުވާ ކަމެކެވެ. މި ސިޔާސަތަށް އޭނާ ދެއްވާފައިވާފައިވާ ނަމަކީ "ޑޮން-ރޯ ޑޮކްޓްރިން" އެވެ. މިއީ 19 ވަނަ ގަރުނުގައި ގެންގުޅުނު "މޮންރޯ ޑޮކްޓްރިން" އަށް ނިސްބަތްކޮށް ދީފައިވާ ނަމެއް ކަމަށް ބެލެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި ހިނގި ކަންތައްތަކަށްފަހު ޓްރަމްޕް ވަނީ ޕެޓްރޯ "ސަމާލުވާންޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި ކިއުބާ އަކީ ނާކާމިޔާބުވެފައިވާ ގައުމެއް ކަމަށްވެސް ސިފަކުރެއްވި އެވެ.
ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ، އުރުގުއޭ އަދި ސްޕެއިން ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ވެނެޒުއޭލާގައި އެމެރިކާއިން ހިންގި އަސްކަރީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ޓްރަމްޕް މި އިންޒާރުތަކަށް އަމަލީ ސިފަ ގެންނާނެތޯ ނުވަތަ މިއީ ހަމައެކަނި އެ ގައުމުތަކަށް ބިރުދެއްކުމުގެ ގޮތުން ކުރައްވާ ކަމެއްތޯ އަދި ސާފެއް ނޫނެވެ. ބައެއް މާހިރުން ދެކޭގޮތުގައި ޓްރަމްޕް ބޭނުން ވަނީ ބާރުގެ ބޭނުންކޮށްގެން އެހެން ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް މަޖުބޫރު ކުރުވާށެވެ.






