މަދޫރޯ މިނިވަން ކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޝަނެއް އެކުލަވާލައިފި
ވަގުތީ ރައީސް ރޮޑްރިގޭޒް އެކުލަވާލެއްވި ކޮމިޝަންގެ ރައީސް އަކީ، ވެނެޒުއެލާގެ ޤައުމީ މަޖިލީހުގެ ރައީސް ޖޯޖް ރޮޑްރިގޭޒް. އޭނާ އަކީ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްގެ ބޭބެ. މީގެ އިތުރުން އެ ކޮމިޝަންގެ ވެރިއެއްގެ ގޮތުގައި ދެން ހަމަޖައްސަވާފައި ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު އިވާން ގިލް. ދެން މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ އިންފޮމޭޝަން މިނިސްޓަރު ފްރެޑީ ނަނެޒް.


އެމެރިކާ އިން މަދޫރޯ ހަައްޔަރު ކޮށްގެން ގެންދިޔަ ވަގުތު
އެމެރިކާ އިން ހައްޔަރު ކޮށްފައިވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މިނިވަން ކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޝަނެއް، އެ ޤައުމުގެ ވަގުތީ ސަރުކާރުން އެކުލަވާލައިފި އެވެ.
ވެނެޒުއެލާގެ ވަގުތީ ރައީސް އަދި އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ އެ ކޮމިޝަން އެކުލަވާލައްވައިފަ އެވެ. އެއީ ހޮނިހިރު ދުވަހު އެމެރިކާ އިން ހައްޔަރު ކުރި އެ ޤައުމުގެ ރައީސް މަދޫރޯ އާއި، އޭނާ ގެ އަނބިކަނބަލުން މިނިވަން ކުރުމުގެ މަސައްކަތަށް އެކުލަވާލި ކޮމިޝަން އެކެވެ.
ވަގުތީ ރައީސް ރޮޑްރިގޭޒް އެކުލަވާލެއްވި ކޮމިޝަންގެ ރައީސް އަކީ، ވެނެޒުއެލާގެ ޤައުމީ މަޖިލީހުގެ ރައީސް ޖޯޖް ރޮޑްރިގޭޒް އެވެ. އޭނާ އަކީ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްގެ ބޭބެ އެވެ. މީގެ އިތުރުން އެ ކޮމިޝަންގެ ވެރިއެއްގެ ގޮތުގައި ދެން ހަމަޖައްސަވާފައި ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު އިވާން ގިލް އެވެ. ދެން މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ އިންފޮމޭޝަން މިނިސްޓަރު ފްރެޑީ ނަނެޒް އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، މިވަގުތު މަދޫރޯ ހުންނެވީ އެމެރިކާގެ ބެލުމުގެ ދަށުން ނިއު ޔޯކް ސިޓީގެ ޖަލެއްގަ އެވެ. އަދި ހޯމަ ދުވަހު މަދޫރޯއާ ދެކޮޅަށް އެމެރިކާގައި ޝަރީއަތްތައް ފަށާނެ ކަމަށާއި، އެ ޝަރީއަތަށް މަދޫރޯ ހާޒިރު ކުރާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ވެނެޒުއެލާގެ ވަގުތީ ސަރުކާރުން މި ކޮމިޝަން އުފައްދާފައިވާއިރު، މިއީ މަދޫރޯ ހައްޔަރު ކުރުމާ ދެކޮޅަށް އެ ޤައުމުން އަޅާފައިވާ ފުރަތަމަ ފިޔަވަޅެވެ. ވެނެޒުއެލާގެ ވަގުތީ ސަރުކާރުން ބުނެފައި ވަނީ، މަދޫރޯ މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އިސްވެ އުފެއްދެވި އެ ކޮމިޝަން އިން ކުރާނެ މައިގަނޑު މަަސައްކަތް ތަކުގެ ތެރޭގައި، މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން މިނިވަން ކުރުމުގެ ޤާނޫނީ މަސައްކަތާއި، އަދި ސިޔާސީ މަސައްކަތް ވެސް ހިމެނެ އެވެ. އެ ކޮމިޝަންގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު، މިހާރު އަންނަނީ އެހެން ޤައުމުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
މަދޫރޯ ހައްޔަރު ކުރުމާ އެކު، ވެނެޒުއެލާގެ ސިޔާސީ މަޝްރަހަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މަދޫރޯ ހައްޔަރު ކުރުމަށް ފަހު، އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ވެނެޒުއެލާގެ ވެރިކަން ދެން ހިންގާނީ އެމެެރިކާ އިން ކަމަށެވެ. އެމެރިކާގެ މި އަމަލާ ގުޅިގެން، ދުނިޔޭގެ އެކި ޤައުމު ތަކުން އަަންނަނީ ނުރުހުމާއި، ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.
އާދީއްތަ ދުވަހު ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ، އެ ޤައުމުގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކަމަށެވެ. އެގޮތުން އޭނާ ގެ މަސްއޫލިއްޔަތަކީ ރައީސް ނެތް ޙާލަތެއްގައި، އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމާއި، ޤައުމުގެ ސިޔާދަތު ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް ވަނީ ބުނެފަ އެވެ. ވެނެޒުއެލާގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން، ރައީސް ނެތް ޙާލަތެއްގައި އެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ނައިބު ރައީސް އެވެ.
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެފައި ވަނީ، އެ ޤައުމުގެ ރައީސް އަކީ މަދޫރޯ ކަމަށާއި، މަދޫރޯ މިނިވަން ކުރުމުގެ މަސައްކަތް ފުރިހަމަ އަށް ކުރައްވާނެ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި، މިނިވަންކަން ފުރިހަމަ އަށް ދިފާއު ކުރައްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެ އެވެ.
މަސްދަރު: އޭއެފްޕީ







