އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ
ބީބީސީގެ އިންޓަވިޔުގައި ސްޓާމާ ވިދާޅުވީ، 2024 ވަނަ އަހަރު އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް އޭނާ ވަޑައިގެންނެވީ ފަސް އަހަރުގެ މެންޑޭޓެއްގެ ތެރެއިން ކަމަށް. އަދި އެއީ ޤައުމު ބަދަލު ކުރުމުގެ ވައުދާ އެކު އުފެދުނު ސަރުކާރެއް ކަމަށާއި، ވައުދު ތަކަށް ވަފާތެރިވެ، ހިތްވަރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ސްޓާމާ ވިދާޅުވި.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | އޭއެފްޕީ
އަންނަ އަހަރުގެ މި މުއްދަތު އަންނައިރު ވެސް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާނީ އޭނާ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
ސްޓާމާ މިހެން ވިދާޅުވެފައި ވަނީ ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އެގޮތުން ސްޓާމާ ވިދާޅުވީ އޭނާގެ ލީޑާޝިޕާއި، އޭނާގެ ސަރުކާރާ ދެކޮޅަށް އަމާޒު ކުރަމުން އަންނަ ފާޑު ކިޔުން ތަކަށް މާބޮޑު ސަމާލު ކަމެއް ދޭން ބޭނުން ނުވާ ކަމަށެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ލޯކަލް އިންތިޚާބު އޮންނާނެ އެވެ. އެގޮތުން ސްކޮޓްލޭންޑާއި، ވޭލްސް އަދި އިނގިރޭސިވިލާތުގައި އޮންނަ އިންތިޚާބުތަކަކީ އޭނާގެ ސަރުކާރަށް އޮތް ޗެލެންޖެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ.
ބޮޑު ވަޒީރު ސްޓާމާ މިހެން ވިދާޅުވެފައި މި ވަނީ، އާންމުންގެ މެދުގައި އޭނާ އާއި، ލޭބާ ޕާޓީ ސަރުކާރުގެ ތާއީދާއި މަޤުބޫލުކަން ދަށްވަމުން އަންނަ ކަމަށް ފާހަގަ ވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، އާންމު ދިރިއުޅުމުގެ އަގުތައް މައްޗަށް ދިޔުން އަދި އިޤްތިޞާދީ ކުރިއެރުން ލަސްވުމުގެ ސަބަބުން ސްޓާމާގެ ސަރުކާރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ.
މިއަހަރު ފެށުމުގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ސްޓާމާ ފޮނުވި ޚިޠާބުގައި ވިދާޅުވެފައި ވަނީ، ބައިބައިވުންތައް ބަލި ކުރައްވާނެ ކަމަށެވެ. އަދި މި ހިނގާ 2026 ވަނަ އަހަރަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެތައް ބަދަލެއްގެ އިޙުސާސް ކުރެވޭނެ އަހަރަކަށް ވާނެކަން ފާހަގަ ކުރައްވައި ސްޓާމާ ވަނީ، ގިނަ ޚިދުމަތްތަކެއްގެ ޚަރަދު ދަށްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ޚާއްސަކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ކަންކަން ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ބީބީސީގެ އިންޓަވިޔުގައި ސްޓާމާ ވިދާޅުވީ، 2024 ވަނަ އަހަރު އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް އޭނާ ވަޑައިގެންނެވީ ފަސް އަހަރުގެ މެންޑޭޓެއްގެ ތެރެއިން ކަމަށެވެ. އަދި އެއީ ޤައުމު ބަދަލު ކުރުމުގެ ވައުދާ އެކު އުފެދުނު ސަރުކާރެއް ކަމަށާއި، ވައުދު ތަކަށް ވަފާތެރިވެ، ހިތްވަރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ސްޓާމާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓާމާ ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރުން ދައްކަމުން އަންނަ ވާހަކަ ތަކަކީ، އަދި ކުރިއަށް އޮތް ތަނުގައި ދައްކާނެ ވާހަކަ ތަކަކީ ވެސް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އަދި އެކަންކަން ކުރުމަށް ފަހު، ކުރިއަށް އޮތް އިންތިޚާބަށް ކުރިމަތިލާއިރު، އޭނާގެ ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އިންސާފު ކުރާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ.
ކްރިސްމަސް ބަންދަށް ފަހު، އިނގިރޭސިވިލާތުގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުން އަންގާރަ ދުވަހު އޮންނާނެ އެވެ. ކެބިނެޓުގެ އެ ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އަދި ވެސް ލުއި ފަސޭހަ ގޮތް ތަކެއް ހޯދުމުގެ ވާހަކަ ހުށަހަޅުއްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.
އެ އިންޓަވިޔުގައި ބޮޑު ވަޒީރު ސްޓާމާ ވަނީ ކުރީ ސަރުކާރު ބަދަލުވެގެން އައިސްފައިވާ ގޮތުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުގެ ލީޑާޝިޕް ބަދަލު ވަމުން އައިސްފައި ވަނީ ވަރަށް ގޯސްކޮށް ކަމަށާއި، ކޮންޒަަވޭޓިވް ޕާޓީ އަށް އެންމެ ފަހުން އޮތް އިންތިޚާބު ނާކާމިޔާބުވީ ސަބަބަކީ ވެސް އެއީ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ.
އެކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އަލުން އެފަދަ ގޯހަކަށް ދާން ބޭނުންވާ މީހަކު މިހާރު ނެތް ކަަމށެވެ. އަދި އެއީ ޤައުމުގެ ހަމަޖެހުމާއި، މަސްލަޙަތަށް ވެސް އޮތް ގޯހެއް ކަމަށް ސްޓާމާ ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، 2027 ވަަނ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނަވާނީ އޭނާ ކަމަށެވެ.
އަންނަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު ވޭލްސް ޕާލަމެންޓާއި، ސްކޮޓްލޭންޑުގެ ޕާލަމެންޓް އަދި އިނގިރޭސިވިލާތުގެ ލޯކަލް ގިނަ އޮތޯރިޓީ ތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލޭބާ ޕާޓީ އަށް ޕްރެޝަރު ބޮޑު ވަމުން އަންނަ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.







