ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 14:59
ކުޑަކުދިން
ކުޑަކުދިން
ގޫގުލް
ކުޑަކުދިންގެ ސަލާމަތް
ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!
މައިންބަފައިން މަޑުމައިތިރިކަމާ އެކު ކުދިންނާ މުއާމަލާތުކޮށް ރަނގަޅު ގުޅުމެއް އޮންނަނަމަ ކުދިން އަނިޔާއިން ރައްކާތެރިވުމަށް ބާރު ލިބޭނެ
އިންޓަނެޓު ބޭނުންކުރާ ކުދިން ވާހަކަދައްކަނީ ކާކާތޯއާއި އަދި ބަލަނީ ކޮން އެއްޗެއްތޯ މައިންބަފައިން ޔަގީންކުރަން ޖެހޭ

ކުދިން އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނަކީ އެކުދިން ދިރިއުޅޭ ގެ ކަމަށް ވުމާއެކު އެންމެ ފުރަތަމަ ސަމާލުވާންޖެހޭނީ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށެވެ.

ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމަށްޓަކައި އަނިޔާއިން އެކުދިން ރައްކާތެރިކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކުދިން އަނިޔާއިން ރައްކާތެރި ކުރެވޭނީ އެކަން ކުރާނެ ގޮތް ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް އެނގިގެންނެވެ. ކުދިންނަށް ކުރިމަތިވެދާނެ އަނިޔާގެ ބާވަތްތަކާއި، އަނިޔާ ކުރިމަތިވެދާނެ ގޮތްތަކާއި، ކުއްޖަކަށް އަނިޔާއެއް ލިބިފައިވާނަމަ އެކަން ދެނެގަންނާނެ ގޮތާއި، ކުއްޖަކަށް އަނިޔާއެއް ލިބުމުން ދެން ކަންކުރަންވީ ގޮތްވެސް އެނގިގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުދިން ދިރުއުޅޭ ގޭތެރެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުން މުހިންމެވެ. މިކަން ހާސިލްކުރުމަށްޓަކައި ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ އަނިޔާއާ ދުރު ބަޔަކަށް ވާންޖެހެ އެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއެކު ކުދިންނާ މުއާމަލާތުކުރާ ބަޔަކަށް ވާންޖެހެ އެވެ. ކުދިންގެ ފަރާތުން ފެންނަން ނޭދޭ ކަންކަން އެކުދިންގެ ފަރާތުން ފެންނަ ދަނޑިވަޅުތަކުގައިވެސް ރުޅިވެރިކަން އެއްފަރާތްކޮށް ކެތްތެރިކަމާއެކު އެކަންކަމަށް އިޖާބަދޭން އެނގޭ ބަޔަކަށް ވާންޖެހެ އެވެ.

މައިންބަފައިންނާ ކުދިންނާ ރަނގަޅު ގުޅުމެއް އޮތުމަކީ ގޭތެރެއިން ކުދިންނަށް ކުރިމަތިވެދާނެ އަނިޔާއިން އެކުދިންނަށް ރައްކާތެރިކަން ލިބުމަށް މަގުފަހިވާ ކަމަކަށް ވާފަދައިން އެއީ ގެއިން ބޭރުން ކުދިންނަށް ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށްވެސް ލިބޭ ބާރަކަށްވެ އެވެ. ކުދިންނާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ އަނިޔާއިން ރައްކާތެރިވާނެ ގޮތްތައް މައިންބަފައިންގެ ފަރާތުން ކުދިންނަށް އެނގެން މަގުފަހިވެއެވެ. އަދި މީގެ އިތުރުން ކުއްޖަކަށް އަނިޔާގެ ހާލަތެއް ކުރިމަތިވާ ހިނދު އެކަން ކުދިންގެ ފަރާތުން އެކުދިންގެ މައިންބަފައިންނަށް އެނގުމުގެ ފުރުސަތުވެސް ބޮޑުވާނެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުދިންނަށް އެންމެ ގިނައިން ކުރިމަތިވާ އެއް ބާވަތުގެ އަނިޔާ އަކީ ޖިންސީ އަނިޔާ އެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް ވަރަށް ތުއްތު ކުދިންވެސް ވެ އެވެ. ކޮންމެ ފަހަރަކު ޖިންސީ އަނިޔާގެ ޝިކާރައަކަށް ކުދިން ވަނީ ގެއިން ބޭރުގައި ވަނިކޮށެއް ވެސް ނޫނެވެ. ގޭތެރޭގައި އުޅޭ އަދި ކުއްޖާއާ ގާތް ގުޅުމެއް އޮންނަ މީހުންގެ ފަރާތުން ކުދިންނަށް ކިތަންމެ ފަހަރަކު ޖިންސީ އަނިޔާއާ ކުރިމަތިވެފައި އެބަހުއްޓެވެ. އިންޓަނެޓް މެދުވެރިކޮށް މާ ދުރުގަ ހުންނަ މީހަކު ކުއްޖާ ޖިންސީ ޝިކާރައަކަށް އެބަ ހަދަ އެވެ. މިއީ ހައްތަހާވެސް ކުދިންގެ މައިންބަފައިންނަށް އެނގުން މުހިންމު ކަންކަމެވެ.

އިންޓަނެޓުގެ ޒަރިއްޔާއިން ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކަކީ މައިންބަފައިން މިއަދު އެންމެ ބޮޑަށް ސަމާލުވާންވީ އެއް ދާއިރާ އެވެ. ކުދިން ގޭގައި ތިބުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުވީ ކަމަށް ކުރިން ބެލެވުނަސް މިހާރު ކަން އޮތީ އެހެންނެއް ނޫންކަން މައިންބަފައިން މިއަދު ގަބޫލުކުރަން ޖެހެ އެވެ. އިންޓަނެޓާ ގުޅިފައި ހުންނަ ފޯނު ނުވަތަ ޓެބްލެޓް ބޭނުންކުރަން ކޮޓަރީގައި އިންނަ ކުއްޖާ އެއިންނަނީ މުޅި ދުނިޔެއާ ގުޅިފައިކަން މައިންބަފައިން މިއަދު ދަންނަންޖެހެ އެވެ. އެކުދިން ވާހަކަ ދައްކަނީ ކޮން ބަޔަކާތޯ ބަލަންޖެހެ އެވެ. އެކުދިން އިންޓަނެޓް މެދުވެރިކޮށް ބަލަނީ ކޮން އެއްޗެއްތޯ ޔަގީންކުރަންޖެހެ އެވެ. މިކަން ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ކޮންމެފަހަރަކު ކުއްޖާ ގެންގުޅޭ ޑިވައިސް އަތުނުލާވެސް ކުއްޖާ އެއިން ކުރާ މުއާމަލާތުތައް ދެނެގަންނަން ބޭނުންކުރެވޭނެ ކިތަންމެ ވަސީލަތެއްވެސް އެބަހުއްޓެވެ. ކުރަންވީ ކަމަކީ މިކަންކަން ދެނެގަނެ އެކަންކަމާ މެދު ހޭލުންތެރިވުމެވެ.

- ކޮމެންޓް