ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 13:43
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓް
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރެވުނު ސަނީ އުމަރު ފިލައިގެން ގޮސް އެނބުރި ރާއްޖެ އައެވެ. ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެވުނެވެ. އެކަމަކު އަނެއްކާ ފިލައިގެންދާން ފްލައިޓަށް އެރޭނޭގޮތް ވުމަކީ އާދައިގެ ކަމެއް ނޫނެވެ.

ކޮންމެވެސް ސަނީ އުމަރެއްގެ ވާހަކަ ދެކެވޭ ދުވަސްކޮޅެކެވެ. ޓޫރިޒަމް ދާއިރާގައި ނަން މަޝްހޫރު މީހަކަސް މިފަހަރު އޭނާގެ ވާހަކަ ދެކެވެން ފެށީ މުޅިން އެހެން ގޮތަކަށެވެ. މަޝްހޫރުވީ އެހެން ކަމެއްގަ އެވެ. މޯލްޑިވްސް ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ އަދި ޓްރެވަލް އެޖެންސީ އެއް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާ ޑރ. ސަނީ އުމަރު މިފަހަރު މަޝްހޫރުވީ އޭނާ އަށް ކުރެވުނު ބޮޑު ތުހުމަތެއްގަ އެވެ. އާދައިގެ ތުހުމަތެއް ނޫނެވެ. ކުޑަކުދިން ތަކަކަށް ޖިންސީ ކޯނާކުރިކަމުގެ ތުހުމަތެވެ.

ޕީއާރު ފާމު "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ހިއްސާ އޮންނަ ސަނީގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާގެ އަންހެނުންގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި ސޯޝަލް މީޑިއާ ގައި އަޑު ފެތުރިފައިވާ ގޮތުގައި ސަނީ ޖިންސީ ގޯނާ ކުރީ ދެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށެވެ.

މިތުހުމަތުތައް ކުރިއަށް ދިޔައީކީ ހަމައެކަނި ސޯޝަލް މީޑިއާ ގައި އެކަންޏެއް ނޫނެވެ. ސީދާ ފުލުހުންވެސް ވަނީ އެމައްސަލަ ބަލާކަން ކަށަވަރުކޮށްދީފަ އެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުދިންގެ އާއިލާއިން ވެސް ވަނީ ސީދާ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާ އެމައްސަލަ އެތަނުގައި ރަޖިސްޓްރީ ކޮށްފަ އެވެ. ބުނެވޭ ގޮތުގައި އޭނާވަނީ އެކަން ކުރިކަން އާއިލާގެ ގާތު އިއުތިރާފުވެސް ވެފަ އެވެ.

ދެން އިވުނީ ހައިރާން ކުރުވަނިވި ޚަބަރެކެވެ. އެވަރުގެ ބޮޑު ތުހުމަތެއް ކުރެވުނު މީހަކު ކުއްލިގޮތަކަށް ފުރައިގެން ރާއްޖެއިން ބޭރަށް ގޮސް ފިލިވާހަކަ އެވެ. އޭނާގެ މައްސަލަ އެއްކޮށް ޚަތިމްވެދާނެ ކަމުގެ ބިރު ހީވީ އެވެ. އެކުދިންނަށް އިންސާފް ލިބިދާނެ ދޮރުތައް ބަންދުވީ އެވެ.

ގިނަ ފަހަރަށް މިގޮތައް ފިލައިގެންދާ މީހުން ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޭރު ގައުމަތަކުން ހިމާޔަތް ލިބިގެން، ނޫނީ އެގައުމުތަކަށް ވެސް ފިލައިގެން އެތަންތަނު ގައި އެމީހުން އުޅޭތީ އެވެ. ރާއްޖެއަށް މިފަހުގެ ތާރީޚެއްގައި ދިން އެންމެ ބޮޑު އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރި އަބްދުﷲ ލުތުފީ އެތައް އަހަރަކު ފިލައިގެން ލަންކާގައި ދިރިއުޅުނެވެ. އެތައް ބަޔަކަށް ފްލެޓް ގަތުމުގައި ލަނޑު ލިބުމުން ހޯދަމުން ދިޔަ އައްމަޓީ ވެސް ހަމަ އެހާ ދުވަހު ފިލައިގެން އުޅުނެވެ. ހޯދައިގެން ގެނެވޭނެ ގޮތެއް ނެތިފަ އެވެ.

އެކަމަކު ކުއްލިއަކަށް އިވުނީވެސް އަނެއްކާ އަނެއް ހައިރާން ކުރުވަނިވި ޚަބަރެވެ. އެއްކަލަ ސަނީ އުމަރު އެނބުރި ރާއްޖެ އައި ވާހަކަ އެވެ. އެކަން ފުލުހުންނަށްވެސް އެނގިފައި އޮތްކަން އެނގުނީ އޭނާ އެއަރޕޯޓުން ނުކުންނަ ތަނަށް ފުލުހުން އޭނާ ބަލައިގޮސް ތިބީތީ އެވެ. ލަގެޖާއެކު ރީތިކޮށް ސަޅިކޮށް ހިނގާލާފައި އާ ޓާމިނަލުން ނުކުމެ ފުލުހުންގެ ކާރަށް އޭނާ އެއޮއްގެން އެރީ އެވެ. މޫނުމަތިން ހާސްކަމެއް ކަންބޮޑުވުމެއް ނެތެވެ.

އަނިޔާ ލިބުނުކަމަށް ބުނާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އެކަމަކު ސޯޝަލް މީޑިއާ ގައި އެވާހަކަތައް އަނބުރާ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައި މީހުންނަށް ލިބުނު ކާމިޔާބީގައި ހިތްހަމަޖެހިގެން ތިބެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. އެއްކަލަ ސަނީ އުމަރު ހައްޔަރެއް ނުކުރި އެވެ. ފުލުސް އޮފީހަށް ވެއްދި އިރަށްވުރެ އަވަސްކޮށް ފެނުނީ އޭނާ އެތަނުން ނުކުމެގެން ދިޔަތަނެވެ. ނެގީ ބަޔާނެކެވެ. ހައްޔަރެއް ނުކުރެ އެވެ. އޭނާ އެހެރީ އެވަރުގެ ބޮޑު ތުހުމަތެއް ކުރެވުނަސް މިނިވަނެއްގެ ގޮތުގަ އެވެ.

އެހައިރާން ކަމުގައި ތިއްބާ އެއިވުނީ އަނެއްކާ އަނެއް ވާހަކަ އެވެ. އެއްކަލަ ސަނީ އުމަރު ފިލައިގެން ރާއްޖެއިން ފުރަން ފްލައިޓް ގައި އިންދާ ހައްޔަރުކޮށްގެން ގެނައި ވާހަކަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އެރޭ ލަންކާ އަށް ފުރަން ތައްޔާރުވެ އޮތް ފްލައިޓުގައި އޭނާ އިންދަ އެވެ. ރާއްޖޭގެ އިމިގްރޭޝަންގެ ފަހު ދޮރާށި ހުރަސްކޮށް ރާއްޖެއިން ބޭރުވެއްޖެ ކަމުގެ ތަތްގަޑު ޕާސްޕޯޓު ގައި ޖަހައިގެން އިޖުރާއަތްތައް ފުރިހަމަކޮށްގެން ނުކުމެ ސަލާމަތްތެރިކަމާއެކު ފްލައިޓް ސީޓުގައި އިންދަ އެވެ. ބޯޓު ނައްޓާލަން ކުޑައިރުކޮޅަކަށް ވެފައި ހުއްޓާ ފުލުހުނަށް އޭނާގެ ގައިގާ އެއަތްލެވުނީ ހަމަ ކިރިޔަ ކިރިޔާ އެވެ.

ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. މިހިނގީ ކިހާ ބިރުހުރި ކަމެއް ހެއްޔެވެ. އޭނާއަށް ކުރެވުނީ ކުދިން ތަކެއްގެ މުޅި ދިރިއުޅުން ހަލާކުވުމާ ގުޅިފައި ހުރި ޖިންސީ ގޯނާގެ ކުށެވެ. ބައެއް ކުދިން އެތިބީ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފަ އެވެ. އެކުދިންގެ މުސްތަގްބަލް ހަލާކުވެދާނޭ ކަމުގެ ބިރުވެރިކަން އެވަނީ އިންތިހާއަށެވެ. ކުރިން އުޅެނީ އެފަދަ ތުހުމަތު ކުރެވޭ މުޖުރިމަކު އަތުނުލެވިގެންނެވެ. އޭނާ ނުގެނެވިގެންނެވެ. އެކަމަކު މިފަހަރު އެއިން ކަމެއް ކުރަން ނުޖެހި އޭނާއާ ހަވާލުވެވުނީ އެވެ. އިންޑިޔާ ގައި އޭނާއަށް ހުންނަން އުނދަގޫވެގެން ކަމަށް ވިއަސް ރާއްޖެ އައިސް ފުލުހުންގެ އަތުޖެހުނީ އެވެ. އެކަމަކުވެސް އޭނާ ދޫވެ ފިލަން ފުރުސަތު ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ ފްލައިޓަށް ނައްޓާ ލެވުނުނަމަ ހަތަރެސްކަން ހަމަވީ އެވެ. އޭނާ ސަލާމަތުން މިތަނުން ދެވުނީ އެވެ. ކުދިންނާ އެކުދިންގެ އާއިލާގެ ހައްގު ގެއްލި އިންސާފަށް ފަސްއެޅި ނިމުނީ އެވެ. ސުވާލަކީ އެހެންވީ ކީއްވެ ހެއްޔެވެ. އޭނާ މާލެ އައިތަނުން ހައްޔަރު ނުކުރީ ކީއްވެ ހެއްޔެވެ. ބަޔާނެއް ނަގާފައި އޭނާ މިނިވަން ކޮށްލީ ކީއްވެ ހެއްޔެވެ. އޭނާ ހައްޔަރުގައި ބަހައްޓާލާނެ އަމުރެއް އޭރު ނުލިބުނީ ކީއްވެ ހެއްޔެވެ. ފަހުން އޭނާ ހައްޔަރު ކުރިގޮތައް ފުލުހުންނަށް އެކަން ނުކުރެވުނީ ކީއްވެ ހެއްޔެވެ. ފަހުން ލިބުނު ކޯޓު އަމުރު ލިބުނު ގޮތައް އޭރު އެ އަމުރު ނުލިބުނީ ނުވަތަ ނުހޯދުނީ ކީއްވެ ހެއްޔެވެ.

ކޮންމެއަކަސް އެ ސުވާލުތަކުގެ ޖަވާބު ދެއްވޭނީ ފުލުހުންނަށާއި ކޯޓު ތަކަށެވެ. އާއްމު މީހާއަށް އޮތީ ހިނގާ ދިޔަ ކަންތައްތަކުގެ ބިރުވެރިކަމެވެ. އާދައިގެ އިންސާނަކަށް މިއީކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ. އެއްގޮތަކުން ނޫން އެތައް ގޮތަކަށް ބަލާއިރުވެސް މިއީ އާދައިގެ ބިރުވެރިކަމެއް ނޫނެވެ. ކަންބޮޑުވުން އިންތިހާއަށް ދިޔަ ކަމެކެވެ. އޭނާ މިހާރު އެވަނީ ކޯޓުން ޖެހި 30 ދުވަހާއެކު ފުލުހުންގެ ހައްޔަރުގަ އެވެ. ގައިމު އެކަން ކުރެވޭނީ ވެސް އެކަން ކުރެވޭވަރުގެ ސަބަބުތަކަކާއި ހެކިތަކެއް ގާޒީ އަށްވެސް ލިބުނީމަތާ އެވެ. އެކަމަކު އެހުރިހާ ކަމެއް ވެސް ފަހުން އެކުރެވުނީ ހަމަ ކިރިޔަ ކިރިޔާ އެވެ. މިއީ ބިރުހުރި އަދި ރައްޔިތުންނަށް މިކަމުން އެފަދަ އެތައް ބިރުވެރިކަމެއް އޮތް ކަމެކެވެ. ސަނީ އުމަރުގެ މި ހާދިސާއަކީ ބިރުވެރިކަން އިންތިހާއަށް ފެނުނު ކަމެކެވެ. އެކަމުން އެ ބުނެދިނީ މިފަދަ ކަންކަމުގައި ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން އޮތް ކަމުގެ އެތައް ވާހަކައެކެވެ.

- ކޮމެންޓް