ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 19:00
ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް ވާހަކަ ދައްކަވަނީ
ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް ވާހަކަ ދައްކަވަނީ
އެމްޑީޕީ ސެކްރިޓޭރިއެޓް
އަހުމަދު މައުރޫފް
ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް
އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓުން ކުރީ ސަރުކާރުގެ ދަރަނި 9.3 ބިލިއަން ކަނޑާލުމުން 55 ބިލިއަން ރުފިޔާ ބާކީވާކަމަށް ރައީސް މުއިއްޒު ވިދާޅުވި
ކުރީ ސަރުކާރުގެ ސިޔާސަތުތަކުން އިތުރުވާ އާމްދަނީ ވެލާނާ އެއަރޕޯޓާއި ޖީއެސްޓީ އާއި ޕްލާސްޓިކް ފީގެ ގޮތުގައި ލިބޭ ފައިސާވެސް ބަޖެޓުން ކަނޑާލަންޖެހޭކަމަށް މައުރޫފް ވިދާޅުވި

ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް، އެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑާލަންވާނެ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދުގައި، ކުރީގެ ސަރުކާރުން ނެގި ދަރަނި ދެއްކުމުގެ އަދަދުތައް ނުހިމަނައި ކިޔުމުން މި ބަޖެޓުގެ އަދަދު ކުޑަކަމަށް ދައްކަން ރައީސް މުއިއްޒު އިސްވެ ދެއްކެވި ވާހަކަފުޅާއެކު، ސަރުކާރުން ފަތުރާ ހަބަރުތަކާ ގުޅިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ މިހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ކަމަށެވެ.

އެއީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު ނަގައިފައިވާ ސުކޫކާއި ބޮންޑު އަނބުރާ އަދާކުރުމަށް ބަޖެޓްގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާ ކަނޑާލުމުން، 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ވިދާޅުވި އެވެ.

މި ކަމަށް ފާޑުވިދާޅުވެ، މައުރޫފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް، ބަޖެޓުގެ ޖުމްލަ އަދަދު ކިޔަންވާނީ، ކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑާލާފަ ކަމަށެވެ.

އެ ގޮތުން، ކުރިން ތަރައްގީކުރަން ފެށި ހަނިމާދޫ އެއަރޕޯޓާއި ވެލާނާ އެއަރޕޯޓް އެއްކޮށް އޮޕަރޭޓް ކުރަން ފެށުމުން ދައުލަތައް އިތުރަށް ލިބޭނެ އަދަދާއި، ކުރީގެ ސަރުކާރުން ޖީއެސްޓީ، ޓީ ޖީއެސްޓީ، އަދި ގްރީން ޓެކްސް ބޮޑު ކުރުމުން އަދި ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ފީގެ ގޮތުގައި ލިބޭނެ އަދަދު ކަނޑާލަން ވާނެ ކަމަށެވެ.

މީގެ އިތުރުން، އެ ސަރުކާރުން ދޫކުރި ރަށްތަކާ ފަޅުތައް ތަރައްގީކޮށްގެން މި އަހަރު އަލަށް ހުޅުވާ ރިޒޯޓްތަކުގެ ކުލިވެސް، އުނިކުރަންވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އަންނަ އަހަރު 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ކުރީގެ ސަރުކާރުން، ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން، އޭރުގެ އިދިކޮޅު ފަރާތްތަކުން ފާޑު ކީ ނަމަވެސް، މި ސަރުކާރުން މިހާތަނަށް އެ ފީ ނެގުން ހުއްޓާލާފައެއް ނުވެ އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި، އަންނަ އަހަރު 5.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

- ކޮމެންޓް